އިންޖީނުތައް ނުފޮނުވި ލަސްވަނީ މޫސުން ގޯސްވުމުން: ފެނަކަ

ފެނަކަ ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްތަކުގެ ތެރެއިން ކަރަންޓުގެ މައްސަލަ ދިމާވެފައިވާ ރަށްތަކަށް ފޮނުވަން މާލެ ގެނެސްފައިވާ ޖަނަރޭޓަރުތައް މޫސުން ގޯސްވުމުގެ ސަބަބުން ކުރިން ތާވަލުކޮށްފައިވާ މުއްދަތަށް ނުފޮނުވޭނެކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، "24 ގަޑިއިރު ކަރަންޓު ޔަގީން" މަޝްރޫއުގެ ދަށުން ރާއްޖެ ގެނެސްފައިވާ 77 ޖަނަރޭޓަރާއި އެ ޖަނަރޭޓަރުތަކަށް ބޭނުންވާ ސާމާނު ވަކިކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށެވެ.
އަދި ޖަނަރޭޓަރުތައް ފޮނުވުމަށް ނިންމާފައިވާ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދީގެން މިވަގުތު ޖަނަރޭޓަރު ފޮނުވުމުގެ މަސައްކަތް ކުރަމުންދަނީ މިހާރު ވެސް ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ހދ. ނެއްލައިދޫއަށް ޖަނަރޭޓަރު ފޮނުވުމަށްކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެ ކޯޕަރޭޝަނުން ބުނެފައިވަނީ، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ރަށަށް ޖަނަރޭޓަރު ފޮނުވި، ހދ. ނެއްލައިދޫގެ ކަރަންޓުގެ ޚިދުމަތް އިޔާދަކުރެވިގެންދާނެކަމަށެވެ.
އަދި އެ ކުންފުނީގެ އަމާޒަކީ ރަށްތަކަށް ޖަނަރޭޓަރުތައް ފޮނުވޭތާ ދެ މަސް ދުވަހުގެ ތެރޭގައި ޖަނަރޭޓަރުތައް އިންސްޓޯލްކޮށް ބޭނުން ކުރަން ފެށުންކަމަށް ވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ