ފުލުސް ސަފުތަކަށް ވަންނަން ގޭންގްތައް މަސައްކަތްކުރޭ: އުމަރު

ގޭންގްތަކުން ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޑިވިޝަން އިޕަރޭޝަން ކޮމާންޑް (ޑީއޯސީ) ކޮންފަރެންސް ފެށުމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ޑީއޯސީގެ މަަސައްކަތަކީ ފުލުހުންގެ އެންމެ ފްރޮންޓް ލައިނުގައި ކުރާ މަސައްކަތެއް ކަމަށާއި ފުލުހުންނާބެހޭ ބައެއް ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ގޭންގްތަކާއި ބައެއް ގުރޫޕްތަކުން ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ކަމަށާއި ފުލުހުންނާއި ގާތްކަން އުފައްދައިގެން އެމީހުން ބޭނުންވާ މައުލޫމާތުތައް ފުލުހުންގެ އަތުން ހޯދާ ކުށްކުުރުމުގައި ފުލުހުން އެހީތެރެކަން ހޯދަމުން އަންނަ ކަމަށެވެ. އަދި އެކަމަކީ ކޮމާންޑަރުންގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"ބައެއް ފަހަރު ފުލުހުންނަށް މައްސަލައެއް ރިޕޯޓުކުރުމުން އެ ރިޕޯޓްކުރެވުނު މީހާގެ މައުލޫމާތު ރައްދުވާ މީހާއަށް ލިބޭ ކަމުގެ ޝަކުވާތައް ލިބޭ. ފުލުހުންގެ ތެރެއިން އިންފޮމޭޝަން ލީކުވޭ. އެހެން ދިމާވަމުން އަންނާތީ ފުލުހުންގެ ބައެއް ސްޓޭޝަންތަކަށް މައުލޫމާތު ހިއްސާކުރަން ބައެއް މީހުން ފަސްޖެހޭ،" އުމަރު ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮމާންޑަރުންގެ ދަށުން ތިބި އެއްވެސް ފުލުހަކު ރަށުގައި ތިބޭ ގޭންގް ކުށްކުރާ މީހުންނާ ގުޅިގެން އުޅުނަދީގެން ނުވާނެ ކަމަށާއި ފުލުހުންގެ އަހުލާގާއި އެކުގައި އުޅެނީ ކޮންބައެއްތޯ ކޮމާންޑަރުން ބަލަންޖެހޭނެ ކަމަށެވެ.
އުމަރު ވިދާޅުވީ އަތޮޅު ތަކުގައި ފުލުހުން ޕެޓްރޯލް ނުކުރާކަމުގެ ޝަކުވާތައް ވެސް ލިބޭ ކަމަށާއި ބައެއް ރަށްރަށުގައި ބައެއް ފުލުހުން ހަމަސް ވަންދެންވެސް ޔުނީފޯމު ނާޅަ އުޅޭކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ އެއްވެސް ފުލުހަކީ ޕޮލިސް ސްޓޭޝަނެއްގައި އަބަދަށް އެތަނަށް ޖަހައިފައި ހުންނަ މޮހޮރެންހެން ހުންނަންޖެހޭނެ ފުލުހެއް ނޫން ކަމަށާއި ފުލުހަކަށް އެންމެ ގިނަވެގެން ޕޮލިސް ސްޓޭޝަނެއްގައި ހުރެވޭނީ ހަމަސް ދުވަހު ކަމަށެވެ.
"ފުލުހަކަށް އެންމެ ގިނަވެގެން ޕޮލިސް ސްޓޭޝަނެއްގައި ހުރެވޭނީ ހަމަސްދުވަސް. ދެން އޭނަ ދާންޖެހޭނީ އެހެން ތަނަކަށް. އެތަނުގަ ހަމަސްދުވަހު މަސައްކަތްކޮށްފަ ކުރިން ހުރި ސްޓޭޝަނަށް އާދެވޭނީ. ބައެއް ފުލުހުންނަށް އާއިލާ ދޫކޮށްލައިފަ އެހެން ރަށަަކަށް ދާނެޖެހުމުން ދަތިތަކެއް ދިމާވާނެ. އެހެންނަމަވެސް ފުލަހަކަށް ވީތީ ހުރިހާ ކަމެއް ގުރުބާންކޮށްފަ އެހެން ރަށަކަށް ދާންޖެހޭނެ. ފުލުހަކު އެއް ރަށެއްގައި ތިން ހަތަރު އަހަރު ހުންނައިރު ހުންނާނީ މޫފައިބައިފަ. ދެން އޭނައަކަަށް ފުލުހުންގެ ރޯލު އިފެކްޓިވްކޮށް އަދައެއް ނުކުރެވޭނެ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ