އެމްޑީޕީ ވަރުގެ ފުރޭތައެއް މި ޤައުމަކަށް ނާންނާނެ– އުމަރު

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ވަރުގެ "ފުރޭތައެއް" އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރުގެ ނުރައްކާތެރި ވެރިޔަކު ރާއްޖޭގައި ނެތް ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިރޭދިޓީވީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އެމްޑީޕީ ވަރުގެ އަނިޔާވެރި ބަޔަކު މި ޤައުމު ނުދެކޭ ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރުގެ ނުރައްކާތެރި ވެރިޔަކު ދިވެހި ތާރީޚުވެސް ނުދެކޭ ކަމަށެވެ.
އުމަރު ވިދާޅުވީ އެމްޑީޕީއަށް މި ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކައާއި އަނިޔާވެރިކަމުގެ ވާހަކައާއި ނާޤާބިލް ކަމުގެ ވާހަކަތައް ދައްކައި ގާގަނޑު އެއްލުމަށް ކުފޫ ހަމަނުވާކަމަށެވެ.
"އެއީ އެމްޑީޕީއަށްވުރެ ބޮޑު ފުރޭތައެއް މިޤައުމަކު ނޯންނާނެ. ނެތް އަދި މިހާ ހިސާބަށް މިޤައުމުގެ ވެރިކަމަކަށް ނަޝީދަށްވުރެ ނުރައްކާތެރި މީހެއް އައިސްފައެއް. އޭގެ މާނައަކީ މިޤައުމުގެ މިނިވަންކަމާއި އިސްތިޤުލާލު ވިއްކާލުމަށް ތައްޔާރުވީ." މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ހިންގައި ދިޔަ ކަންކަމަށް ބަލައިލި ނަމަވެސް، އެމްޑީޕީގެ އަނިޔާވެރިކަން ރަނގަޅަށް ފެނިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ތަންތަނުގައި ހުޅު ޖެހުމާއި ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ދިނުމުން އެމްޑީޕީއަށް "ފުލް މާކްސް" ލިބޭނެ ކަމަށްވެސް މިނިސްޓަރ މިރޭ ވިދާޅުވިއެވެ.
އެހެންކަމުން އެމްޑީޕީން ނުކުމެ މި ސަރުކާރާ ދިމާލަށް ދިއްކުރާނެ އިނގިއްޔެއް ނޯންނާނެ ކަމަށާއި، އެއް އިނގިލި ދިއްކުރިއްޔާ ހަތަރު އިންގިލި އިންނާނީ އެމްޑީޕީއާއި ދިމާލަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ