ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރު އަދި ދައުލަތުގެ އުއްތަމަ ފަނޑިޔާރު، އަބްދުﷲ ސައީދު ވަރަށް އަވަހަށް ދައުލަތުގެ ހިދުމަތަށް އެނބިރި ވަޑައިގަންނަވާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ބަޔާނެއްގައި އެކޯޓުން ވިދާޅުވެފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ސިއްހީ ހާލުކޮޅާ ބެހޭ ގޮތުން މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ފަތުރަމުންގެންދާ ވާހަކަ ތަކަކީ ހަގީގަތާ ހިލާފު، ކަނޑައެޅިގެން މުޅިން ދޮގު ވާހަކަތަކެއް ކަމަށެވެ.
"ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ޞިއްޙީ ޙާލުކޮޅާ ބެހޭގޮތުން ފަތުރަމުންދާ ގިނަ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު އަދި ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، ދިވެހިރާއްޖޭގެ އިއްޒަތްތެރި އުއްތަމަ ފަނޑިޔާރު ނުހަނު ކާމިޔާބު ޞިއްޙީ ފަރުވާފުޅަކަށްފަހު، މާތްﷲގެ ވާގިފުޅާއެކު ދިވެހި ދައުލަތުގެ ޚިދުމަތަށް ވަރަށް އަވަހަށް އެނބުރި ވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ދިވެހި ރައްޔިތުންނަށް އަރުވާ ވާހަކަ ދެންނެވީމެވެ." ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަޔާނުގައި ވެއެވެ.
އެބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ގިނަ ދީމިޤްރާޠީ މުޖްތަމައުތަކެކޭވެސް އެއްފަދައަކުން އަނެކާގެ ޙައްޤުތަކަށާއި މުޖްތަމައުގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރަންޖެހޭ ޛިންމާދާރު އަދި ބިނާކުރަނިވި މިނިވަންކަމެއް ކަމަށެވެ. އެހެން ކަމަށް ވީ ހިނދު ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އަނެކުންނާއި މުޖުތަމައުގެ ޙައްޤުތަކަށް އިޙްތިރާމްކުރާ ޛިންމާދާރު އަދި ބިނާކުރަނިވި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިވެހިރާއްޖޭގައި ތަރައްޤީކޮށް، ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އުފުލަންޖެހޭ މަސްއޫލިއްޔަތާއި ޛިންމާ ރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ ފަރާތުން އުފުލަމުންގެންދާނެކަމަށެވެ.
އުއްތަމަ ފަނޑިޔާރު ލޮލުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް ސިންގަޕޫރަށް ފުރައިވަޑައިގެންނެވީ މިދިޔަ މަހުގެ 15 ގަ އެވެ.
ކާމިޔާބު ފަރުވާފުޅަކަށްފަހު، އުއްތަމަ ފަނޑިޔާރު ވަރަށް އަވަހަށް ހިދުމަތަށް ނުކުންނަވާނެ - ސުޕްރީމް ކޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ