ކޯލިޝަން ހެދުމަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫން ކަމަށާއި އެއީ ބަރުލަމާނީ ނިޒާމުގެ ސިފައެއް ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމް ގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގެން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ ރާއްޖޭގައި ރިޔާސީ ނިޒާމެއް ކަމަށްވާއިރު ހަގީގީ ރިޔާސީ ނިޒާމެއްގައި އޮންނަނީ ކޮންމެ ޕާޓީ އަކުން ވަކި ވަކީން ރިޔާސީ އިންތިޚާބުގައި ވާދަ ކޮށްގެން ނަތީޖާއެއް ނެރުން ކަމަށެވެ.
މައުމޫން ވިދާޅުވީ ރިޔާސީ ނިޒާމެއްގެ އެންމެ ފުރިހަމަ މިސާލެއް އޮތް ގައުމަކީ އެމެރިކާ ކަމަށާއި އެ ގައުމުގައިވެސް މިހާތަނަށް ކޯލިޝަނެއް ހަދާފައި ނުވާ ކަމަށެވެ.
"އަސްލުގައި ކޯލިޝަން ހެދުމަކީ ރިޔާސީ ނިޒާމުގެ ސިފައެއް ނޫން. ރިޔާސީ ނިޒާމުގައި މި އޮންނަނީ ކޮންމެ ޕާޓީއެއް ވަކިވަކީން ވާދަ ކުރާން. އެމެރިކާގައި ކޯލިޝަނެއް ހެދި ވާހަކަ ދުވަހަކުވެސް އަޑު އެހިންތޯ. އެއީ ރިޔާސީ ނިޒާމުގެ އެންމެ ފުރިހަމަ މިސާލު އޮތް ތަން. އެހެންވީމަ ކޯލިޝަން ހެދުމަކީ ބަރުލަމާނީ ނިޒާމުގެ ސިފައެއް. އެއީ އެ ހޮވި ވަޑައިގަންނަވާ ޕްރައިމް މިނިސްޓަރަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބިއްޖެ ނަމަ އެހެން ޕާޓީ ތަކާއި ގުޅިގެން އެ ޕާޓީގެ މެމްބަރުންނާއި އެކުގައި މަޖިލީހުގެ އަޣުލަބިއްޔަތު ހޯއްދަވަނީ. އެއީ ބަރުލަމާނީ ނިޒާމުގެ ސިފައެއް. އެއީ އަސްލުގައި ރިޔާސީ ނިޒާމުގެ ސިފައެއް ނޫން،" މައުމޫން ވިދާޅުވިއެވެ.
އެހެން ޕާޓީ ތަކާއި އެކު ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން މައުމޫން ވިދާޅުވީ ކޯލިޝަން ހެދުމުގެ މަޝްވަރާތައް މީގެ ކުރީންވެސް ބައެއް ޕާޓީ ތަކާއި އެކު ކޮށްފައިވާނެ ކަމަށާއި ނަމަވެސް އަދި މިހާނަތަނަށް އެއްވެސް ޕާޓީ އަކާއި އެކު ކޯލިޝަން ހަދާ ހިސާބަށް އާދެވިފައި ނުވާ ކަމަށެވެ.
އެހެން ޕާޓީ ތަކުން ގުޅިގެން ކޯލިޝަން ހަދަމުން ދިޔަ ނަމަވެސް އެކަމުގެ އެއްވެސް ބިރެއް އަދި ނުރައްކަލެއް ވެސް އެ ޕާޓީ އަށް ނެތް ކަމަށް މައުމޫން ވިދާޅުވި އެވެ.
ކޯލިޝަން ހަދަމުން އެ ގެންދާ ޕާޓީ ތަކަކީ މެމްބަރުންގެ ނިސްބަތަށް ބެލި ނަމަވެސް ޕީޕީއެމަށް ވުރެ މެމްބަރުންގެ އަދަދު މަދު އަދި މާ ކުދި ޕާޓީ ތަކެއް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެހެން ޕާޓީތައް ގުޅިގެން މަސައްކަތް ކުރި ނަމަވެސް ޕީޕީއެމް އަކަށް އެ ކަމުން އެއްވެސް ބިރެއްވެސް އަދި ނުރައްކަލެއްވެސް ނެތް. އެއީ އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންގެ އަދަދުވެސް ވަރަށް ގިނަ. ކޯލިޝަން ހައްދަވާ ޕާޓީ ތަކުގެ މެމްބަރުންގެ އަދަދު އަޅުގަނޑުމެންގެ ޕާޓީގެ މެމްބަރުންގެ އަދަދަކާއި ހަމައަކަށް ނުވެސް ދޭ. އަދި އޭގެ އިތުރުން ކޮންމެހެން ރިޔާސީ އިންތިޚާބުގައި އެކި ކެނޑިޑޭޓުންނައް ވޯޓު ލިބޭނީ ހަމަ އެކަނި އެ ބޭފުޅުން ނިސްބަތްވާ ޕާޓީ ތަކުގެ މެމްބަރުންގެ އަދަދަކުން ނޫން. އެހެން މި ދެންނެވީ އަޅުގަނޑާއި ބައްދަލުކުރާ ވަރަށް ގިނަ ޕާޓީ ތަކުގެ ބޭފުޅުންވެސް ވިދާޅުވޭ ތިމަންނަ މެން އަދި ކަން ދިމާކުރި ގޮތުން ކޮންމެވެސް މަޖުބޫރު ކަމެއްގެ ތެރެއިން ވަކި ޕާޓީއެއްގައި ތިބި ނަމަވެސް ތިމަންނަމެންގެ ފިކުރު އޮތީ މައުމޫނާ އެކުގަ އޭ. ތިމަންނަ މެން ތާއީދު ކުރަނީ ޕީޕީއެމް އަށޭ. އަދި ރިޔާސީ އިންތިޚާބުގައި ވޯޓު ދޭނީވެސް ޕީޕީއެމްގެ ކެނޑިޑޭޓަށޭ،" މައުމޫން ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އިޝާރާތް ކުރައްވައި މައުމޫން ވިދާޅުވީ ޕީޕީއެމްގެ ފިކުރަށް ގިނަ ރައްޔިތުންގެ ތާއީދު އެބަ އޮތް ކަމަށާއި އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއްބުރުން އެ ޕާޓީން ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ކޯލިޝަން ހެދުމަކީ ބަރުލަމާނީ ސިފައެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ