ކޮންމެ ހުދުމުހުތާރު ވެރިކަމެއް ވެސް ނިމިގެން ދާނީ ހިތިކޮށް ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނުގެ ދަރިކަލުން އަދި ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ދިރިއުޅުއްވާ ގެއަށް ފުލުހުން ވަދެ އެގެ ފާސް ކުރަމުން ދަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ކޮންމެ ހުދުމުހުތާރު ވެރިކަމެއް ވެސް ނިމިގެން ދާނީ ހިތިކޮށް ކަމަށާއި ތާރީޚް އެކަމަށް ހެކިވާ ކަމަށެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ ބާތިލް ދެމިއެއް ނޯންނާނެ ކަމަށެވެ. އެޓްވީޓްގައި ރައީސް މައުމޫން ވަނީ ކީރިތި ޤުރުއާނުގެ އަލް އިސްރާއު ސޫރަތުގެ 81 ވަނަ އާޔަތުގެ މާނައިން ބައެއް ޓްވީޓް ކުރައްވާފައެވެ. ރައީސް މައުމޫންގެ ޓްވީޓްގައި ވަނީ ޤުރުޤާނުގައި މާތްﷲ ވަހީ ކުރެއްވި "ހަމަކަށަވަރުން ބާތިލަކީ ނެތިވެ ފިލައިދަނިވި އެއްޗެއް ކަމުގައި ވިއެވެ."
ފުލުހުން ފާރިސް ދިރިއުޅުއްވާ ގެއަށް ވަދެ އެގެ ފާސްކުރަމުން ދަނީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ރައްޔިތުން މަޖިލީހުގެ ރައީސް ކަމުން ވަކިކުރުމަށް އިތުރު ބަޔަކާއި ގުޅިގެން މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހި މައްސަލައިގައެވެ. ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ ފޯނުން ކޮށްފައިވާ މެސެޖްތަކާއި މައްސަލަ އާއި ގުޅުންހުރި ވީޑިއޯ އާއި އޯޑިއޯ ސްކްރިޕްޓް މިމައްސަލައިގެ ހެކީގެ ގޮތުގައި ލިބިފައިވާ ކަމަށެވެ.
މިއަދު ހެނދުނު 09:15 ހާއިރުން ފެށިގެން ފުލުހުން އަދިވެސް ގެންދަނީ ފާރިސް ދިރިއުޅުއްވާ ގެ ފާސްކުރަމުންނެވެ.
ކޮންމެ ހުދުމުހުތާރު ވެރިކަމެއް ވެސް ނިމިގެން ދާނީ ހިތިކޮށް – މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ