"ތަރައްގީއާ އެކީގައި ރައްޔިތުން" ހަރަކާތަށް އިދިކޮޅުން ތަފާތު ފާޑުކިޔުމެއް!

މި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު އޮތްކަން ދެއްކުމުގެ ގޮތުން 25 ރަށުގައި އެއްވަގުތެއްގައި ހޮނިހިރު ދުވަހު ހަވީރު ބޭއްވި "ތަރައްގީއާ އެކީގައި ރައްޔިތުން" ހަރަކާތަށް އިދިކޮޅު ފަރާތްތަކުން ތަފާތު ގޮތަކަށް ފާޑުކިޔައިފިއެވެ.
ހއ އިން ފެށިގެން އައްޑޫ ސިޓީގެ 25 ރަށެއްގައި ގިނަ ބަޔަކު ބައިވެރިވެގެން ހޮނިހިރު ދުވަހު ވަނީ ޚާއްސަ ހިނގާލުންތަކެއް ބާއްވާފައެވެ. މި ހިނގާލުންތަކުގައި ބައިވެރިވި ފަރާތްތަކުން ވަނީ މި ސަރުކާރާއި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.
އަދި އެ ރައްޔިތުން ތިބީ ތަރައްގީއާއި އެކީކަމަށާ މިސަރުކާރުން ގައުމަށް ގެނެސްދޭ ތަރައްގީ ބަލައިގަންނަކަމަށްވެސް އެ ރައްޔިތުން ބުނެފައިވެއެވެ.
"ތަރައްގީއާ އެކީގައި ރައްޔިތުން" މިނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް އިދިކޮޅު ފަރާތްތަކުން ވަނީ ތަފާތު ގޮތަކަށް ފާޑުކިޔުން އަމާޒްކޮށްފައެވެ.
އެގޮތުން މިސަރުކާރުގައި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ހިނގާލުމުގައި ބައިވެރިވި މީހުންނަށްވުރެ ގިނައީ ޕީޕީއެމްގެ ދިދައާއި ފުންޕާހަން ނޫންތޯ ސުވާލު ކުރައްވާފައެވެ.
"ދިދަ އާއި ފުއްޕާހަން ދެއްތޯ ގިނައީ މީހުންނަށްވުރެ؟" ޔުމްނާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ގުޅިފައިވާ އިއްތިހާދުގެ ތަރްޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްވެސް ވަނީ ތަފާތު ގޮތަކަށް މި ހަރަކާތަށް ފާޑު ވިދާޅުވެފައެވެ.
މަހުލޫފް ވިދާޅުވީ ރައީސް އަބުދުﷲ ޔާމީނަށް އޮތް ތާއީދު ދެއްކުމަށް މިއަދު ބޭއްވި ހަރަކާތުގައި ފިތިބާރުވެގެން ގިނަ ބަޔަކަށް ވަނީ އަނިޔާތަކެއް ލިބިފައިކަމަށެވެ. މި ޓްވީޓްގައި މަހުލޫފް ވަނީ ހޭސްޓެގް ބޭނުންކުރައްވާ "ދެން އަތްޖަހާ" މިހެންވެސް ލިޔުއްވާފައެވެ.
މީގެ އިތުރަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވަނީ ރައީސް އަބުދުﷲ ޔާމީނަށް އޮތް ތާއީދު ދެއްކުމަށް މިއަދު ބޭއްވި ހަރަކާތުގައި ތިބި މީހުން ގިނަ ކަމުން ރަށެއްވެސް ވަކިކުރަން ނޭންގުނުކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.
މާރިޔާގެ ޓްވީޓްގައިވެސް ހޭސްޓެގް ބޭނުންކުރައްވާ "ދެން އަތްޖަހާ" ލިޔުއްވާފައިވެއެވެ.
މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބުދުލްކަރީމު ވިދާޅުވީ ތާއީދު ދައްކަން އުޅުމުގެ ތެރޭގައި ތާއީދު ނެތްކަން މާބޮޑަށްވެސް ހާމަވެގެން ހިނގައްޖެކަމަށް ވިދާޅުވެ މި ހިނގާލުމަށް ޖޯކު ޖައްސަވާފައެވެ.
މީގެ އިތުރަށް މި ހިނގާލުންތަކުގައި ސިިވިލްސާރވިސްގެ މުވައްޒިފުންނާއި، ސަރުކާރުގެ ވެހިކަލްތައް ބޭނުންކޮށްފައިވާތީ އެކަމަށްވެސް އިދިކޮޅު ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.
އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ "ތައުލީމީ މަރުކަޒު" ސިއްހީ މަރުކަޒު" ވަކި ޕާޓީއަކަށް ތާއީދު ދައްކަން ނެރޭހާ ހިނދަކު ރާއްޖެ ތަހުޒީބެއްވެސް އަދި ތަރައްގީއެއްވެސް ނުވާނެކަމަށެވެ.
އަލީ ވަހީދު ވަނީ މި ޓްވީޓާއެކު އެކަން ރަމްޒުކޮށްދޭ ފޮޓޯއެއްވެސް ޓްވީޓް ކުރައްވާފައެވެ.
މީގެ އިތުރަށް މި ހިނގާލުުމުގައި ސިިވިލްސާރވިސްގެ މުވައްޒިފުން ބައިވެރިކޮށްފައިވަނީ މަޖުބޫރުކޮށްގެން ކަމަށާ އޭގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ޓީޗަރުންނާއި ނަރުހުންވެސް ހިމެނޭކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި ގިނަ އަދަދެެއްގެ ކުޑަކުދިން ސިޔާސީ ހަރަކާތުގައި ބައިވެރިކޮށްފައިވާކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ.
ޕީޕީއެމުން ބުނީ ރައީސް ޔާމީނަށް އޮތް ތާއީދު 25 ރަށަކުން ދައްކުވައިދީފިކަމަށާ މިއީ ޕީޕީއެމްގެ ސަޕޯޓަރުން އިންތިޒާމުކުރި ހަރަކާތެއްކަމަށެވެ.
އަދި މި ހިނގާލުންތަކުން އިދިކޮޅު ހަރަކާތަށް ރަނގަޅު މެސެޖްތަކެއް ރައްޔިތުންދީ ރައްޔިތުން ތިބިގޮތް ބުނެދީފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ