ރިސޯޓް ވޮލީއަށް ގެނައި ބަދަލުގެ ފައިދާ ފެނިއްޖެ

ރިސޯޓްތަކުގެ މެދުގައި ކުޅޭ ވޮލީބޯޅަ މުބާރާތަކީ ވޮލީ ކުޅުންތެރިން އުފެދުމުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ މުބާރާތެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން ގައުމީ ވޮލީބޯޅަ ޓީމުގެ ކިތަންމެ ގިނަ ކުޅުންތެރިންނަކަށް ވެސް އެއް ޓީމަށް ކުޅުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު މި ފަހަރުގެ މުބާރާތް ކުޅުނީ ގަވާއިދަށް ބަދަލު ގެެނެސްގެންނެވެ. އެއީ ކޮންމެ ޓީމަކަށް ވެސް ގިނަ ވެގެން ކުޅެވޭނީ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށް ބަދަލުކޮށްގެންނެވެ. މި ބަދަލާ އެކު ފެނިގެންދިޔައީ މުބާރާތުގެ ފޯރިގަދަވެ، ވާދަވެރިކަން ބޮޑުވެގެންދިޔަ ތަނެވެ.
ޖޫނިއާ ވޮލީބޯޅަ މުބާރާތްތަކަކީ އުމުރު ފުރާއިން ފުރޭނިގެން ކުޅުންތެރިން އެންމެ މަތީ ލެވެލަށް ގެންނަ މުބާރާތެވެ. ރާއްޖޭގެ ވަސީލަތްތައް ހުރި ގޮތުން ރަނގަޅަށް ތަމްރީން ކުރެވި އެއް ކުޅިވަރަކަށް އަހުލުވެރިކޮށްގެން އުފެދެނީ މަދު ކުޅުންތެރިންނެވެ. ވޮލީގައި ވެސް އެ މައްސަލަ ދިމާވެ އެވެ. އެކަމަކު މަތީ ފަންތީގެ މުބާރާތްތަކަށް ކުޅުންތެރިން ނެގުމުގެ އެންމެ ބޮޑު ރޯލެއް ކުޅޭ އެއް މުބާރާތަކީ އިންޓަ ރިސޯޓް މުބާރާތެވެ.
"ހަގީގަތުގައި ރާއްޖޭގައި ވޮލީބޯޅަ އަކީ ދެ ވަނަ ކުޅިވަރު ކަމުގައި ވިޔަސް ނިސްބަތުން ބަލާއިރު ވޮލީ ކުޅޭ މީހުން މަދެއް ނޫން. އެކަމަކު އެންމެ ޖޫނިއާ ލެވެލުން ފެށިގެން ކުޅުންތެރިން ތަމްރީން ކުރާނެ ގޮތްތަކެއް ނެތް. ބޮޑު މުބާރާތަކުން ކުޅުންތެރިން ހޮވަން ބަލާއިރު އިންޓަ ރިސޯޓް މި އޮންނަނީ އޭގެ ތެރެއިން ކުޅުންތެރިން މި ހޮވަން ޖެހެނީ. މި ފަހަރުގެ މުބާރާތުގައި އޭގެ އަށް އަލި މަގެއް ފެނިއްޖެ. ގަވާއިދަށް ގެނައި ބަދަލާ އެކު މުބާރާތް ފޯރިގަދަވެ އާ ގިނަ ކުޅުންތެރިންތަކެއް ފެނިގެންގޮސްފި،" ވޮލީބޯޅައިގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ތަޖުރިބާކާރު ކޯޗަކު "މިހާރަ"ށް ބުންޏެވެ.
ފާއިތުވި އަހަރުތަކަށް ބަލާއިރު އިންޓަ ރިސޯޓް މުބާރާތުގައި ރަސްކަން ކުރީ މާލެ އަތޮޅު ޓީމުތަކެވެ. އެހެން ނަމަވެސް މި ފަހަރުގެ މުބާރާތުގައި ފެނިގެންދިޔައީ ޒޯން ފަހެއް ކަމަށްވާ ބ. އަތޮޅަށް ނިސްބަތްވާ ދެ ޓީމަކުން ފައިނަލުގައި ކުޅުނު ތަނެވެ.
މި ފަހަރުގެ މުބާރާތުގައި ފެނިގެންދިޔަ އަނެއް ކަމަކީ ޖޫނިއާ ޓީމުން މީގެ ކުރިން ފެނުނު ގިނަ ކުޅުންތެރިންނަށް ރަނގަޅު ފުރުސަތުތަކެއް ފަހިވެގެންދިޔަ ތަނެވެ. އެގޮތުން ސޮނޭވާ ފުއްޓަށް ކުޅުނު ހުސެއިން ރައްޒާނާއި އަނަންތަރާ އަށް ކުޅުނު މުހައްމަދު އަލީ އަދި ބަނޑޮހަށް ކުޅުނު މުހައްމަދު ރިމާޒު ހިމެނެ އެވެ. ވޮލީގެ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި މި ކުޅުންތެރިންނަށް މި މުބާރާތުން ލިބިގެންދިޔައީ ރަނގަޅު ތަޖުރިބާއެއް ކަމަށާއި ކުރިއަށް ހުރި މުބާރާތްތަކުގައި މި ކުޅުންތެރިން އިތުރަށް ކުރިއަރާނެ ކަމަށެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ގެނައި ބަދަލު ރިސޯޓްތަކުން ހެޔޮހިތުން ބަލައިގަތް ކަމަށާއި ބޭނުންވި ބަދަލު ފެނިގެންދިޔަ ކަމަށެވެ.
"ވަރަށް ފޯރިގަދަކޮށް މިދިޔައީ. ރިސޯޓްތަކުން މި ގެނައި ބަދަލު ބަލައިގަތް. ހަގީގަތުގައި ގައުމީ ޓީމަށް އެރޭނެ ފަދަ ގިނަ ކުޅުންތެރިން އެބަތިބި. މި ކުޅުންތެރިންނަށް އެ ދޮރު ހުޅުވަދޭން އަޅުގަނޑު ބޭނުންވަނީ. މި މުބާރާތުގައި ވަރަށް ގިނަ އާ ކުޅުންތެރިން ފެނުން އެއީ ވަރަށް ބޮޑު އުފަލެއް،" އަނަންތަރާ އާއި ސޮނޭވާ ކުޅުނު ފައިނަލް މެޗަށް ފަހު ލަތީފް ވިދާޅުވި އެވެ.
ރިސޯޓް ވޮލީބޯޅަ މުބާރާތަކީ ވޮލީގެ މައި އެއް ތަބެވެ. ގައުމީ ޓީމުތަކުން ކުޅުންތެރިންނަށް މުސާރަ ދިނުމުގެ އޮނިގަނޑު އެކުލަވާލުމުގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނަށާއި އެހެން ހުނަރުވެރި ކުޅުންތެރިންނަށް ފައިސާ ހޯދޭނެ ގޮތެއް އޮތީ ރިސޯޓް މުބާރާތުގެ ތެރެއިންނެވެ. މި މުބާރާތަށް ބަދަަލެއް ގެންނައިރު ގިނަ ކަންތައްތަކަކަށް ވިސްނަން ޖެހޭއިރު، މި ފަހަރުގެ ބަދަލުގެ ސަބަބުން ގިނަ ފުރުސަތުތަކެއް ފަހިވެގެންދިޔަ ކަމަށް ވޮލީގެ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ