ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ފެބްރުއަރީގެ ފަސް ވަނަ ދުވަހު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީގެ ފަސް ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެ ކަމަށް މަޖިލީހުން މިއަދު އެންގުމާ ގުޅިގެން އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ.ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އިއްޔެ އަވަހާރަވުމާ ގުޅިގެންނެވެ.އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވި ހުސައިން އަވަހާރަވީ ހާލު ގޯސްވެ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށެވެ. ކެންސަރު ބަލީގައި ހުސައިން ފަރުވާ ހޯއްދަވަމުން ގެންދަވާތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.އަވަހާރަވިއިރު، އަނތްބަކާއި ތިން ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ފިރިހެން ބޭފުޅަކާއި އަންހެން ދެ ބޭފުޅުންނެވެ.ފޯކައިދުއަށް ނިސްބަތްވެވަޑައިގަންނަވާ ހުސައިން ވަހީދު އެންމެ ފުރަތަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އަދި ދެވަނަ ދައުރަކަށް މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ