ޓަވަރު 15 އަދި 16ގެ ލިފްޓު ކޮމިޝަންކޮށް ނިމިއްޖެ، ކަރަންޓު ދިނުމުގެ މަސައްކަތް މާދަމާ އަލުން ފަށަނީ

ހިޔާ މަޝްރޫއުގެ ދަށުން ހަދާފައިވާ ޓަވަރުތަކުގެ ތެރެއިން 15 އަދި 16 ވަނަ ޓަވަރުގެ ލިފްޓް ކޮމިޝަންކޮށް ނިމިފައިވާތީ، އެ ދެ ޓަވަރަށް ކަރަންޓު ދިނުމުގެ މަސައްކަތް މާދަމާ އަލުން ފަށާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ލިފްޓު ތެރޭގައި ބަޔަކު ތާށިވެ ހިނގި ހާދިސާއަކާ ގުޅިގެން އެފަދަ ކަމެއް ތަކުރާރު ވެދާނެތީ، ލިފްޓުތައް ކޮމިޝަންކޮށް ނިމެންދެން ފުލެޓުތަކަށް ކަރަންޓު ދިނުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އޮތީ މެދުކަނޑާލައިފަ އެވެ.
ސްޓެލްކޯ އިން ބުނީ، ޓަވަރު 15 އަދި 16ގެ ލިފްޓު ކޮމިޝަންކޮށް ނިންމައި އެ ދެ ޓަވަރަށް ކަރަންޓުދިނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެޗްޑީސީން އެ ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
އެހެންކަމުން މާދަމާ އެ ދެ ޓަވަރުގައި ކަރަންޓު ނުދެވި ހުރި ފުލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ، ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އެ ދެޓަވަރުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް މެދުވެރިކޮށް ހާޒިރުވާންޖެހޭ ގަޑި އަންގާނެ ކަމަށެވެ. އަދި އެމީހަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާއި ފުލެޓުގެ ތަޅުދަނޑިއާ އެކު ޓަވަރުތަކަށް ދިއުމަކީ އެދުމެއް ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ