ސާފް ޗެމްޕިއަންޝިޕް: ބަންގްލަދޭޝް އިން ފުރަތަމަ މޮޅު ހޯދާ ފެށުން ރަނގަޅުކޮށްފި

އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ސްރީ ލަންކާގެ މައްޗަށް ކުރިހޯދާ ބަންގްލަދޭޝް އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދާ ފެށުން ރަނގަޅުކޮށްފިއެވެ.
މިއަދު ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗު ބަންގްލަދޭޝް އިން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.
މެޗުގައި ދެޓީމަށްވެސް މާގިނަ އެޓޭކުތަކެއް ކޮށް ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވިނަމަވެސް މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓާ މޮޅަށް ކުޅުނީ ބަންގްލަދޭޝް އިންނެވެ.
ފުރަތަމަ ހާފުގެ ގިނަ ވަގުތުތަކުގައި ދެޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު މިހާފުގައި އެންމެ ރަނގަޅު ހަމަލާއެއް އުފައްދާފައިވަނީ ބަންގްލަދޭޝް ޓީމުންނެވެ. އެއީ މިހާފުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ތެރޭގައި ބަންގްލަދޭޝްގެ ކުޅުންތެރިއެއް އޭރިއާ ތެރޭގައި ހުރެފައި ބޮލުން ފޮނުވާލި ހަމަލާއެކެވެ. އެހެންނަމަވެސް ލަންކާގެ ކީޕަރު ސޫޖަން ޕެރޭރާ ވަނީ ވަރަށް ހުށިޔާރުކަމާއެކު މި ހަމަލާ ދިފާއުކޮށް ބޯޅަ ބޭރުކޮށްލާފައެވެ.
ދެވަނަ ހާފުގައި ޑޮމިނޭޓުކޮށް ރަނގަޅު އެޓޭކުތަކެއް ކުރަން މަސައްކަތްކުރީ ބަންގްލަދޭޝް އިންނެވެ. ފުރަތަމަ ހާފު ފެށިގެންވެސް އެޓީމުން އެޓޭކު ކުރުމަށް ސަމާލުކަންދީގެން ކުޅުމުގެ ނަތީޖާއަކަށްވީ މިހާފުގެ 56 ވަނަ މިނެޓުގައި އެޓީމުން ލަނޑެއްޖަހާ ލީޑު ނެގުމެވެ. މިއީ އޭރިއާތެރެއިން ލަންކާ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން ލިބުނު ޕެނަލްޓީއަކުން ޓޯޕޫ ބާރްމަން ކާމިޔާބުކުރި ލަނޑެކެވެ.
މެޗުން މޮޅުވެ ބަންގްލަދޭޝް އިން ތިން ޕޮއިންޓު ހޯދިއިރު މުބާރާތުގައި ދެން އެޓީމުން މެޗެއް ކުޅޭނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހުގެ ހަވީރު 16:00 ގައި ބަންގްލަދޭޝް ނުކުންނާނީ މި މުބާރާތުގެ ފޭވަރިޓެއް ކަމުގައިވާ އަދި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު އިންޑިއާ އާއި ދެކޮޅަށެވެ.
ލީގު ފޯމެޓަށް މުބާރާތް ކުރިއަށްދާއިރު މިމަހުގެ 16 ވަނަ ދުވަހު ކުޅޭ މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނީ މިބުރުގައި ކުޅޭ މެޗުތަކުން އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ދެޓީމެވެ.
މުބާރާތުގެ ދެވަނަ މެޗުގައި މިރޭ 21:00 ގައި އެންމެފަހުގެ ޗެމްޕިއަން ރާއްޖެ ނުކުންނާނީ ނޭޕާލް އާއި ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ