ފުދުންތެރިންނަށް ކަރަންޓު ސަބްސިޑީ ނުދޭން ނިންމަނީ

އަންނަ އަހަރުން ފެށިގެން ކޮންމެހެން ބޭނުން މީހުންނަށް ނޫނީ ކަރަންޓު ސަބްސިޑީ ނުދޭން ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
ދައުލަތުން އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަމުން މިއަދު ދެއްކެވި ވާހަކައިގައި މިނިސްޓަރު ވިދާޅުވީ މިހާރު ސަރުކާރުން ކަރަންޓު ސަބްސިޑީ ދެމުން އަންނަ ގޮތުން އޭގެ ފައިދާ ބޮޑަށް ކުރަނީ މާލީގޮތުން ތަނަވަސްކަން ހުރި މީހުންނަށް ކަމަށާއި ލީ ފުދުންތެރިކަން ކުޑަ އާއިލާތަކަށް ލިބެނީ ސަބްސިޑީ އަށް ދައުލަތުން ކުރާ ހަރަދުގެ ނިސްބަތުން ކުޑަމިންވަރެއް ކަމަށެވެ.
އެެހެންވެ އެގޮތަށް ސަބްސިޑީ ދިނުމަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޖިހާދު ވިދާޅުވިއެވެ.
އަދި މިހާރު ސަބްސިޑީ ދެމުން ގެންދާ އުސޫލަކީ ދެމެހެއްޓެނިވި ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި ކަރަންޓް ސަބްސިޑީ އަށް އަންނަ އަހަރު ގެންނަ ބަދަލުގެ ސަބަބުން، ސަބްސިޑީއަށް ކުރާ ހޭދަައިގެ ގާތްގަނޑަކަށް 40 ޕަސެންޓް ސަލާމަތް ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކަރަންޓު ސަބްސިޑީގެ އިތުރުން ކާޑުގެ ބާވަތްތަކަށް ދޭ ސަބްސިޑީވެސް ކޮންމެހެން ބޭނުންވާ ފަރާތްތަކަށް ދިނުމަށާއި އާސަންދައަށް ދައުލަތުން ކުރާ ޚަރަދު ދެމެހެއްޓެނިވި ގޮތެއްގައި ބައްޓަންކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ ކުދި ރަށްތަކެއްގެ މައްޗަށް ބެހިފައިވުމުން ސަބްސިޑީ ދިނުމުގެ ސިޔާސަތު ބަދަލު ކުރިޔަސް ދައުލަތުގެ ޚަރަދު ކުޑަ ނުކުރެވޭނެ ކަމަށެވެ. އަދި 188 ރަށުގެ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ޚަރަދު ބޮޑު، އުނދަގޫ މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ތަރައްޤީ ގުޅިފައި ވަނީ މިކަމާ ކަމަށް ވުމުން އެއީ ކިތަންމެ އުނދަގޫ ނަމަވެސް ސަރުކާރުން ލަސްނުކޮށް އަޅަންޖެހޭ ފިޔަވަޅެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.
" ވީމާ އަވަސް ފުރުސަތެއްގައި އާބާދީ އާއި ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއް އެކަށަައަޅައި، އެއަށް އަމަލީ ސިފައެއް ގެނައުން މުހިންމު." މިނިސްޓަރު ވިދާޅުވިއެވެ.
އަންނަ އަހަރަށް އަންދާޒާ ކުރެވޭ ދައުލަތުގެ ބަޖެޓުގެ ޖުމްލަ އަކީ 24.3 ބިލިއަން ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ