އަބްދުﷲ ރަސްގެފާނު ފަސްދާނުލައިފި

ސައުދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒް ފަސްދާނުލައިފިއެވެ.
އަބްދުﷲ ރަސްގެފާނު އަވަހާރަވެފައިވަނީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އާލާސްކަންފުޅާއި އުޅުއްވުމަށްފަހުއެވެ. ހަސްފަތާލުގައި އަބްދުﷲ ރަސްގެފާނު ފަރުވާ ހޯއްދަވަމުން ގެންދެވީ ނިއުމޯނިއާގެ އާލާސްކަންފުޅަކަށެވެ.
އުމުރުފުޅުން 90 އަހަރުގައި ރޭ ފަތިހު އަވަހާރަވި އަބްދުﷲ ރަސްގެފާނުގެ މައްޗަށް ކަށު ނަމާދު ކުރުން އޮތީ ރިޔާޒުގެ އިމާމް ތުރްކީ ބިން އަބްދުﷲ މިސްކިތުގައި މިއަދު އަސްރު ނަމާދަށް ފަހުއެވެ. އަދި އަބްދުﷲ ރަސްގެފާނު ފަސްދާނުލުން އޮތީ ރިޔާޒުގެ އަލް- އުދު ގަބުރުސްތާނުގައެވެ.
އަބްދުﷲ ރަސްގެފާނުގެ ޖަނާޒާގައި އައު ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދް އާއި ނޭޝަނަލް ގާޑް މިނިސްޓަރު ޕްރިންސް މިތާބު ބިން އަބްދުﷲ އާއި ސައުދީ ޝާހީ އާއިލާގެ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން މުސްލިމް ބައެއް ގައުމުތަކުގެ އިސްވެރިން ވެސް ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އޭގެތެރޭގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން އާއި ބަހުރޭނުގެ ރަސްގެފާން ހަމަދާއި ޕާކިސްތާނުގެ ރައީސް ނަވާޒް ޝަރީފް އާއި ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ސާނީ ކުވޭތުގެ އަމީރު ޝެއިޚް ސަބާހު އަލް އަހުމަދު އަލް ސަބާހު ހިމެނިވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ