ރައީސް މައުމޫން ވަނީ ގިނަ ކަންތައްތަކެއް ކޮށްދެއްވާފައި، ނުކުރެވިހުރި ކަންތައް އެއަށްވުރެ މާގިނަ: ރައީސް

ރައީސް މައުމޫން ވަނީ ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާފައި ކަމަށާއި، އެހެން ނަމަވެސް ނުކުރެވިހުރި ކަންތައް އެއަށްވުރެ މާގިނަ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިގޮތަށް ވިދާޅުވީ މިއަދު މ. ދިއްގަރު ފެނުގެ ނިޒާމް އިފްތުތާހު ކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
"އަޅުގަނޑު ވެރިކަމަށް އައިސް ނުވަތަ ވެރިކަމަށް ކުރިމަތި ލީއިރު އަޅުގަނޑު ދެންނެވިން، އަދި ދޭތެރެ ދޭތެރެއިން އަޅުގަނޑުމެންގެ ޕާޓީގެ އިސް ބޭފުޅުން އަޅުގަނޑަށް ހަނދާންކޮށްދެއްވާނެ، ދިވެހިރާއްޖޭގެ ވަރަށް ގިނަ ކަންތައްތައް ރައީސް މައުމޫން ވަނީ ކޮށްދެއްވާފައޭ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި އަދި ނުފުދި، ނުކުރެވިހުރި ކަންތައް އަދި އެއަށްވުރެ މާގިނަ" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ހަމައެކަނި އެމަނިކުފާނުގެ ފުރަތަމަށް ދައުރު ނިމިގެންދާއިރު ރާއްޖޭގެ 14 އިންސައްތައަށް ސާފުބޯފެލް ލިބެމުންދާކަމަށެވެ. އަދި މިހާރު ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މިއަހަރުގެ ނިޔަލަށް ނުވަތަ އަންނަ އަހަރުގެ މެދާއި ހަމައަށްދާއިރު އުންމީދަކީ ރާއްޖޭގެ 50 އިންސައްތައަށްވުރެ ބޮޑުއަދަދަކަށް ސާފު ބޯފެން ލިބިގެން ދިއުން ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު މި ފަށާފައިވާ މަޝްރޫއުގެ ދަށުން މިއަހަރުގެ ނިޔަލަށް ނުވަތަ މިއަންނަ އަހަރުގެ މެދާއި ހަމައަށްދާއިރު، އަޅުގަނޑުމެން މި އުންމީދުކުރަނީ 50 ޕަސަންޓަށްވުރެ ބޮޑު އަދަދަކަށް ސާފު ބޯފެން ލިބިގެންދާނެ ކަމަށް. އަދި ވަސީލަތްތައް ތަނަވަސްވެގެންދާ މިންވަރަކުން، ބެނުންވަނީ މި އަދަދު އިތުރުކުރަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތަރައްޤީ ނުލިބިވަނީ ވަކި ކުދި ރަށްތަކަށް ނޫން ކަމަށާއި، ކުނިކޮއްޓަށް ބަލައިލިކަމުގައިވީނަމަވެސް ކުރިން މާލޭގެ ކުނިކޮށީގެ ހާލަތުވެސް އޮތީ ވަރަށް ދަށް ފެންވަރެއްގައި ކަމަށެވެ. އަދި އޭގެ ސަބަބުން ގިނަ ބަޔަކަށް އުނދަގުލާއި ދަތިތަކާއި ކުރިމަތިލާން ޖެހުނުއިރު، ވަހާއި މެހީގެ އުނދަގުލާއިހުރެ ސްކޫލްތަކުގެ ކިޔެވުން ހުއްޓާލަންޖެހޭ ދުވަސްތައްވެސް ގުނާލެވޭ ހަނދާންވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ