ގިނަ ރަށްތަކަކަށް އުދައަރައި އަނެއްކާ ވެސް ބޮޑެތި ގެއްލުންތައް ވަނީ

ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރައި އަނެއްކާ ވެސް ބޮޑެތި ގެއްލުންތަކެއް ވާން ފަށައިފި އެވެ.
މިފަހަރު އުދައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ހއ. އަދި ހދ. ގެ ރަށްތަކަށެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ދެ އަތޮޅުގެ ގިނަ ރަށްތަކަށް އުދައަރައި ވަރަށް ބޮޑަށް ވަނީ ގެއްލުންވެފަ އެވެ.
ހއ.ގެ ރަށްރަށަށް މިއަދު ވެސް އުދަ އަރަމުންދާ ކަމަށް އަތޮޅު އޮފީހުން ވިދާޅުވި އެވެ. ދިއްދު އާއި ހަތިފުށީ މީހުންގެ ގެތައް ހުރި ސަރަހައްދަށް ވެސް އުދައިގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އަތޮޅު އޮފީހުން ވިދާޅުވި އެވެ. ދިއްދު އާއި ހަތިފުށީގެ އިތުރުން އެ އަތޮޅު ހޯރަފުށި، ވަށަފަރު، ތުރާކުނު، އަދި އުތީމަށް ވެސް އިއްޔެ ވަރަށް ބޮޑަށް އުދައަރައި ގެއްލުން ލިބުނު ކަމަށް އަތޮޅު އޮފީހުން ވިދާޅުވި އެވެ.
ހދ. އަތޮޅު އޮފީހުން މިއަދު ވިދާޅުވި ގޮތުގައި އެ އަތޮޅަށް އިއްޔެ އުދަ އަރާފައިވަނީ މެންދުރެއް ހާއިރެވެ. ނަމަވެސް މިއަދު އެ ގަޑީގައި އުދައިގެ އެއްވެސް އަސަރެއް ނެތް ކަމަށް ވެސް އަތޮޅު އޮފީހުން ވިދާޅުވި އެވެ.
ހދ. ކުޅުދުއްފުށީގައި ދެކުނު އަވަށު ޕާކާ ދިމާލުން އިއްޔެ 500 ވަރަކަށް ފޫޓަށް ހުރިހާ ދިމާއަކުން ވެސް ލޮނު އަރައި އެ ސަރަހައްދުގެ މަގުތަކުގައި ދޮޅު ފޫޓު އުސްމިނަށް ލޮނު އެރި ކަމަށް ރަށު އޮފީހުން ވިދާޅުވި އެވެ.
އެ އަތޮޅު ވައިކަރަދޫގެ އިރުމަތީ ފަރާތުން އިއްޔެ އުދައަރައި 300 ފޫޓު އެއްގަމަށް ލޮނު އަރާފައިވާ ކަމަށް އެ ރަށު އޮފީހުން ވިދާޅުވި އެވެ. ރަށު އޮފީހާ ދިމާއިން ބަނދަރު ތޮށިގަނޑު ފާލަމުގެ އިރުން އޮތްބައި އަރި އަޅާލާފައިވާ ކަމަށް ރަށު އޮފީހުން ވިދާޅުވި އެވެ. މިގޮތަށް ތޮށިގަނޑު އަރިވެގެން ގޮސް އެއްކޮށް ވެއްޓިއްޖެ ނަމަ އެ ދިމާލުން ރަށުގެ ވެލިގަނޑު، ރަށު އޮފީހާ ހަމައަށް ވެސް ގިރާލާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް ވައިކަރަދޫ އޮފީހުން ވިދާޅުވި އެވެ.
ހދ. މާވައިދޫގެ ހުޅަނގު އުތުރު ފަރާތުން 250 ފޫޓަށް ލޮނުގަނޑު އަރައި މީހުން ދިރިއުޅޭ ގޯތިތަކާ ހަމައަށް ލޮނުގެ އަސަރުކުރި ކަމަށް ރަށު އޮފީހުން ވިދާޅުވި އެވެ. އަދި އުދައިގެ އަސަރު ބޮޑަށް ކޮށްފައިވާ ހަތް ގެއަކުން މީހުން ބަދަލު ކުރަން ޖެހިފައިވާ ކަމަށް ވެސް ރަށު އޮފީހުން ވިދާޅުވި އެވެ.
ނާވައިދޫ އޮފީހުން ވިދާޅުވީ އެރަށުގެ ވަށައިގެން އުދަ އަރައި ލޮނުގަނޑު ރަށުތެރެއަށް ފެތުރިގެން ދިޔަ ކަމަށެވެ. ކުނބުރުދު އަށް ހޯމަ ދުވަހުން ފެށިގެން 200 ފޫޓަށް އުދަ އެރިކަމަށް ރަށު އޮފީހުން ވިދާޅުވި އެވެ.
އެ އަތޮޅު ނޭކުރަންދު އަށް އިއްޔެ ދެ ފަހަރެއްގެ މަތިން 200 ފޫޓަށް އުދައަރާފައިވާ ކަމަށާއި ނަމަވެސް އެއްވެސް ގެއަކަށް ލޮނުގަނޑު ވަދެފައި ނުވާ ކަމަށް ވެސް އެ ރަށު އޮފީހުން ވިދާޅުވި އެވެ. އެހެން ނަމަވެސް އުދަ އަރަމުން ދިޔަ އިރު އެ ރަށު ފަޅު ތެރޭގައި އޮތް ދޯންޏެއް ވަނީ އަޑިއަށް ގޮސްފަ އެވެ. އިއްޔެ ފިނޭ އަށް ވެސް 85 ފޫޓަށް ލޮނު ވަދެފައި ވެ އެވެ.
އއ. އަތޮޅުގެ ރަށްރަށުގެ ތެރެއިން ފެރިދު އަށް އުދައަރައި ބައެއް ގެއްލުންތައް ލިބުނު ކަމަށް ރަށު އޮފީހުން ވިދާޅުވި އެވެ. އެ އަތޮޅު އުކުޅަހުގައި 100 ފޫޓަށް އުދައަރައި ބައެއް ގެއްލުން ލިބިފައި ވެ އެވެ. އުދައިގެ ސަބަބުން އެ އަތޮޅުގެ ހުރިހާ ރަށެއްގައި ވެސް ރަށް ގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށް އަތޮޅު އޮފީހުން ވިދާޅުވި އެވެ.
ބ. އަތޮޅު އޮފީހުން މިއަދު ވިދާޅުވީ އެ އަތޮޅުގެ ހަތަރު ރަށަކަށް އިއްޔެ އުދައިގެ އަސަރުކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ. އަދި މިއަދު އުދައިގެ އެއްވެސް އަސަރެއް އަދި ފެންނަން ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
ރ. އަތޮޅުގެ ގިނަ ރަށްތަކަށް އިއްޔެ އުދައިގެ އަސަރު ކޮށްފައިވާ ކަމަށާއި މީގެ އިތުރުން އެންމެ ބޮޑަށް ގެއްލުން ގެއްލުން ލިބިފައިވާ ރަށްތަކަކީ ވާދޫ، އަލިފުށި، މީދޫ، އިންނަމާދޫ އަދި އުނގޫފާރު ކަމަށް އެ އަތޮޅު އޮފީހުން ވިދާޅުވި އެވެ. މި ރަށްތަކުގައި ގާތްގަނޑަކަށް 150- 250 ފޫޓަށް ލޮނު އެރިކަމަށް ވެސް އަތޮޅު އޮފީހުން ވިދާޅުވި އެވެ.
އުތުރުގެ ގިނަ ރަށްތަކަކަށް އުދައިގެ އަސަރުކޮށްފައިވާއިރު ދެކުނުގެ ބައެއް ރަށްރަށަށް ވެސް އުދައިގެ އަސަރު ދަނީ ކުރަމުންނެވެ. ގދ. ގައްދު އަށް އިއްޔެ 100 ފޫޓަށް ލޮނު އަރައި ދެ ގެއަކަށް ލޮނުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް އަތޮޅު އޮފީހުން ވިދާޅުވި އެވެ. އެހެން ނަމަވެސް އެ އަތޮޅުގެ އެއްވެސް ރަށަކަށް މިއަދު އުދަ އެރިކަމެއް އެނގިފައިނުވާ ކަމަށް ވެސް އަތޮޅު އޮފީހުން ވިދާޅުވި އެވެ.
ދ. އަތޮޅު އޮފީހުން ވިދާޅުވީ މިއަދު އެ އަތޮޅަށް އުދައިގެ އަސަރުކޮށްފައި ނުވި ނަމަވެސް އުދައިގެ އަސަރު އިއްޔެ ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. އެ އަތޮޅުގެ ހުޅުދެއްޔާއި ރިނބުދު އަށް ވަނީ އުދަ އަރައިފަ އެވެ. އަދި ބަނޑިދު އަށް ރާޅު އަރައި ތޮށިގަނޑުން ބައެއް ގިރާލައި ތޮށިގަނޑު އަރި އަޅާލާފައިވާ ކަމަށް ރަށު އޮފީހުން ވިދާޅުވި އެވެ.
ހުޅުދެލީގައި މޫދާ 500 ފޫޓު ދުރުގައި ހުރި ގެތަކަށް ވެސް ލޮނުގެ އަސަރުކޮށްފައިވާ ކަމަށް އަތޮޅު އޮފީހުން ވިދާޅުވި އެވެ. އަދި އިތުރަށް ވިދާޅުވީ އުދައިގެ ސަބަބުން ގޭތެރެއަށާއި ގެންގުޅޭ ތަކެއްޗަށް ގެއްލުންވެ، ފާހާނާ ހޮޅިތަކަށް ވެސް އޭގެ އަސަރުކޮށް، ބޯފެނުގެ މައްސަލަ ވެސް އެ ރަށަށް ކުރިމަތިވެފައިވާ ކަމަށެވެ.
ދ. މީދޫގައި 50 ފޫޓަށް ލޮނުގަނޑު އެރި ކަމަށާއި އެހެން ނަމަވެސް އެއްވެސް ގެއަކަށް ލޮނުގަނޑު ވެދަފައި ނުވާ ކަމަށް ރަށު އޮފީހުން ވިދާޅުވި އެވެ.
ޑިޕާޓްމެންޓް އޮފް މީޓިއޮރޮލޮޖީން ވިދާޅުވި ގޮތުގައި މިއަދު ވެސް ރާޅު ބޮޑުވާއިރު ރަށްތަކަށް އުދަ އަރާނެ ކަމަށް ލަފާކުރެވެ އެވެ. މިއަދު ދިޔަ ބޮޑުވާނީ ހަވީރު ވަގުތުގައި ކަމަށް ވެސް މޫސުމާ ބެހޭ އިދާރާ އިން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ