އުމަރު ނަސީރުގެ މައްޗަށް ޑރ. ޝަހީދު ކުރައްވާ އަބުރުގެ ދައުވާ: ޑރ. ޝަހީދުގެ ވަކީލުކަމުން ޑރ. ޖަމީލް ވަކިވެ ވަޑައިގެންފި

ދިވެހި ސަރުކާރުން ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރުމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ރިޝްވަތު ނެންގެވި ކަމަށް އައިޑީޕީގެ ރައީސް އުމަރު ނަސީރު ތުހުމަތުކުރެއްވި މައްސަލާގައި އޭނާގެ މައްޗަށް ޑރ. ޝަހީދު ކުރައްވާ އަބުރުގެ ދައުވާގައި ޑރ. ޝަހީދުގެ ވަކީލުކަމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަކިވެ ވަޑައިގެންފި އެވެ.
ޑރ. ޝަހީދުގެ ވަކީލުކަމުން ޑރ. ޖަމީލް ވަކިވެ ވަޑައިގަންނަވަން މިދިޔަ ހަފުތާގައި ހުށަހަޅުއްވާފައިވާ ކަމަށް މަދަނީ ކޯޓުން ވެސް މިއަދު ވަނީ ހަވީރަށް ކަށަވަރު ކޮށްދީފަ އެވެ.
ޑރ. ޝަހީދުގެ ވަކީލުކަމުން ޑރ. ޖަމީލް މި ވަކިވެވަޑައިގެންނެވީ އެ ދެ ބޭފުޅުންގެ ވެސް މުއައްސިސް ކަމުގައި އުފައްދާފައިވާ ދިވެހި ގައުމީ ޕާޓީން ޑރ. ޝަހީދު ވަކިވެ ވަޑައިގެން އެމްޑީޕީއާ ގުޅިވަޑައިގެންނެވިތާ ދެ ދުވަސް ފަހުންނެވެ.
ޑރ. ޝަހީދާއެކު ވަރަށް ގާތުން މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދެވި ޑރ. ޖަމީލް މިއަދު ވިދާޅުވީ ޝަހީދުގެ ވަކީލުކަމުން ވަކިވެ ވަޑައިގެންނެވީ މި ވަގުތު މަސައްކަތް ހުރި ގޮތުން އޭނާގެ ދައުވާއަށް ވުރެ މުހިންމު މައްސަލަތަކެއް ހުރުމުން އެކަން ކަމަށް ވަގުތު ދެއްވަން ބޭނުންވެ ވަޑައިގަންނަވާތީ ކަމަށެވެ.
"ބައެއް މައްސަލަތަކުގައި ރާއްޖެއިން ބޭރުގައި ވެސް އުޅެން އެބަޖެހޭ. އެހެންވީމަ ވަރަށް މުހިންމު އެހެން މައްސަލަތަކެއް އެބަހުރި،" ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރެއްވުމަށް ފަހު، މަގާމުން މިހާރު ވަކި ކުރައްވާފައިވާ ޑރ. ޖަމީލް ވިދާޅުވި އެވެ. "އަނެއްކާ ޑރ. ޝަހީދު ކުރައްވާ އެ ދައުވާގައި ބަދަލު ހޯދަންޖެހޭ ސަބަބުތަކުގެ ތެރޭގައި އޮވޭ އުމަރު ނަސީރު ދެއްކެވި ވާހަކަތަކާ ގުޅިގެން އާންމު އިންތިހާބުގައި ގައުމީ ޕާޓީއަށް ކެމްޕޭން ނުކުރެވުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވެސް. އެކަމަކު އެމްޑީޕީއާ ޑރ. ޝަހީދު ގުޅިވަޑައިގެން އެ ޕާޓީގެ ހަރުގޭގައި ފުރަތަމަ ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވެފައި އެބަ ވޭ އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ ވަރަށް ކުރިއްސުރެން ދެކެވަޑައިގަންނަވާ ހުވަފެނެއް ކަމަށް. އެހެންވީމަ ޑރ. ޝަހީދު އެ ވިދާޅުވާ ދެ ވާހަކަ ހަމައެއް ނުޖެހޭ. އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ ހުވަފެނެއް ކަމަށް ޑރ. ޝަހީދު ވިދާޅުވުމުން ވެދާނެތާ އުމަރު ނަސީރު ވިދާޅުވި އެއްޗަކުން ކެމްޕޭނަށް ހުރަސް ނޭޅޭ ކަމަށް ވެސް."
ޑރ. ޖަމީލް ވިދާޅުވީ ޑރ. ޝަހީދުގެ ވަކީލުކަމުން ވަކިވެ ވަޑައިގެންނެވިކަން ސިޓީއަކުން ޑރ. ޝަހީދަށް އަންގަވާފައިވާނެ ކަމަށެވެ.
ދިވެހި ސަރުކާރުން ކޮސޯވޯގެ މިނިވަންކަން ގަބޫލުކުރުމުގައި ޑރ. ޝަހީދު ރިޝްވަތު ނެންގެވި ކަމަށް އުމަރު ނަސީރު ތުހުމަތުކުރެއްވި ކަމަށް ވިދާޅުވެފައިވާތީ އޭނާގެ ފަރާތުން ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ޑރ. ޝަހީދު ދައުވާ ކުރައްވަނީ 57،898،477ރ. ހޯއްދެވުމަށެވެ. އެ ދައުވާގައި ބުނަނީ އެފަދަ ބަދަލެއް ހޯއްދަވަން ހުށަހެޅުއްވީ، ޑރ. ޝަހީދަށް ކުރިމަގުގައި ލިބެން ހުރި އާމްދަނީގެ މިންވަރަށް ވެސް ބަލައިގެން ކަމަށް ޑރ. ޝަހީދު ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭން ކޮސޯވޯގެ މިނިވަންކަން ރަސްމީކޮށް ގަބޫލުކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ 19 ވަނަ ދުވަހު އެވެ. ރާއްޖޭން އެކަންކުރީ، ކޮސޯވޯގެ އިދިކޮޅު ޕާޓީއެއް ކަމުގައިވާ "ނިއު ކޮސޯވޯ އެލަޔަންސް"ގެ ލީޑަރު ބެޖެޓް ޕަކޯލީގެ އަތުން، ދިވެހި ސަރުކާރުގެ އިސް ވެރިން ދެ މިލިއަން ޑޮލަރުގެ ރިޝްވަތެއް ނަގައިގެން ކަމަށް ތުހުމަތުކޮށް މާޗް މަހުގެ ފުރަތަމަ ދުވަހު، އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ )އައިޑީޕީ( އިން ނޫސް ބަޔާނެއް ނެރުނެވެ. އަދި އެ ތުހުމަތާ ގުޅިގެން، އެ މައްސަލަ ތަހުގީގުކޮށްދެއްވުމަށް މާޗް މަހުގެ 5 ވަނަ ދުވަހު ރައީސް އޮފީހުން ފުލުހުންނަށް ހުށަހެޅި އެވެ. ނަމަވެސް އެ މައްސަލަ ތަހުގީގުކުރުމަށް ފަހު ފުލުހުން ބުނެފައިވަނީ ކޮސޯވޯގެ މިނިވަންކަން ރާއްޖޭން ގަބޫލުކުރުމަށް އެއްވެސް ފަރާތަކުން ރިޝްވަތު ހިފާފައިވާކަން ތަހުގީގުން މިހާތަނަށް އެނގިފައިނުވާ ކަމަށެވެ.
މިދިޔަ ހަފުތާގައި ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ޑރ. ޝަހީދު ވިދާޅުވެފައި ވަނީ ކޮސޯވޯގެ މިނިވަންކަން ރާއްޖެއިން ގަބޫލުކުރީ އޭނާގެ އިސްނެންގެވުމެއްގެ ދަށުން ކަމަށެވެ.
ޑރ. ޝަހީދު މިއަދު ވިދާޅުވީ ޑރ. ޖަމީލު އެ މައްސަލައިގެ ވަކީލުކަން ދޫކޮށްލެއްވި ނަމަވެސް އެ މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި އެހެން ލޯފާމަކާއެކު ވާހަކަ ދައްކަވަމުން އަންނަ ކަމަށާއި ނަމަވެސް އެއީ ކޮން ފާމެއް ކަން އާންމުކުރައްވަން އަދި ބޭނުންފުޅު ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ