ޑީއާރުޕީގެ އަސާސީ މަގުސަދުތަކުގެ މަތިން ހަނދާން ނައްތާ ނުލުމަށް ޒައީމް މައުމޫން އެދިވަޑައިގެންފި

ޑީއާރުޕީގެ އާ ލީޑަޝިޕް އިއްޔެއިން ފެށިގެން ބަދަލުވެފައިވާއިރު އެ ޕާޓީގެ އަސާސީ މަގުސަދުތަކުގެ މަތިން އެއްވެސް މެމްބަރަކު ހަނދާން ނައްތާ ނުލުމަށް ޕާޓީގެ ސިޔާސީ ޒައާމަތުން ދުރަށް ވަޑައިގެންނެވި އެ ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ރޭ ގޮވާލައްވައިފި އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ސިޔާސީ ޒައާމަތު ނުވަތަ ލީޑަޝިޕް ރަސްމީކޮށް ބަދަލު ކުރުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ޒައީމް މައުމޫން ވިދާޅުވީ ޑީއާރުޕީގެ އަސާސީ މަގުސަދުތަކަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ވަރުގަދަ ކުރުމާއި އިސްލާމީ އަގީދާ ކުރިއަރުވައި ރައްކާތެރި ކުރުމާއި ދިވެހި ވަންތަ ކަމާއި ދިވެހި ބަހާއި ސަގާފަތު ރައްކާތެރިކޮށް ދެމެހެއްޓުމާއި ގައުމުގެ އެއްބައިވަންތަކަން ހަރުދަނާކޮށް ދެމެހެއްޓުމާއި ޑިމޮކްރެސީގެ ސިފަތައް އާލާކޮށް ކުރިއެރުވުމާއި އަދި ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތް ކުރުން ކަމަށެވެ.
"މި މުހިންމު އަސާސީ މަގުސަދުތަކުގެ މަތިން އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެ. އަޅުގަނޑުމެން ދަތުރުކުރާ ދަތުރުގައި ކޮންމެ ކަމަކާ ދިމާވިޔަސް ކިތަންމެ ހަލަބޮލި މާހައުލެއްގެ ތެރޭގައި މަސައްކަތް ކުރަން ޖެހުނަސް ކާމިޔާބީގެ ދަނޑިވަޅުގައި ވެސް އަދި ނާކާމިޔާބީގެ ދަނޑިވަޅުގައި ވެސް އަޅުގަނޑުމެން ހަނދާން ކުރަންވީ އަޅުގަނޑުމެންގެ އަސާސީ މަގުސަދުތަކަކީ ކޮބައިކަން. އެ މަގުސަދުތައް ހަނދާނުގައި ބަހައްޓައިގެން މަސައްކަތް ކުރަމުން ގެންދަނީ ނަމަ އަޅުގަނޑުމެންނަށް މާތް ﷲ ގެ ވާގިފުޅާއި ތައުފީގާ އެކު ކުރިމަތިލާ ކޮންމެ ކަމެއް ވެސް ކާމިޔާބު ކުރެވޭނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން،" ރާއްޖޭގައި އުފެއްދި ދެވަނަ ސިޔާސީ ޕާޓީގެ އެންމެ އިސް މަގާމު ޒައީމް ކަމުގައި ހަތަރު އަހަރު ދުވަހު ހުންނެވުމަށް ފަހު ރޭ އެ ސިޔާސީ މަގާމުން ދުރަށް ވަޑައިގެންނެވި މައުމޫން ވިދާޅުވި އެވެ.
ޒައީމް މައުމޫން ޕާޓީގެ މެމްބަރުންގެ ކިބައިން ދެވަނައަށް އެދިވަޑައިގެންނެވީ އެ ޕާޓީ އަކީ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކުގެ މަތިން ހިނގަމުންދާ ޕާޓީއެއްގެ ގޮތުގައި އަބަދުވެސް ދެމެހެއްޓުމަށެވެ.
"އަބަދުވެސް ޕާޓީގެ އަސާސީ މަގުސަދުތަކާއި ޕާޓީން ގަބޫލުކުރާ އުސޫލުތަކާއި އަދި ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރައްވަމުން ގެންދަވާށޭ. އަދި ޑީއާރުޕީ އުފެދިފައި މި ވަނީ ލޮބުވެތި ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަން އަބަދުވެސް ހަނދުމަފުޅު ބަހައްޓަވާށޭ." ޑީއާރުޕީގެ އޮނަރަރީ ޒައީމްގެ މަގާމު ނުވަތަ ޕާޓީގެ ސިޔާސީ މަގާމާ ދުރަށް ވަޑައިގަތުމަށް ފަހު ދެއްކެވި ފުރަތަމަ ފާހަކަފުޅުގައި ޒައީމް މައުމޫން ވިދާޅުވި އެވެ. "ހަމަ އެހެންމެ ކުރިއަށް އޮތް ތަނުގައި ޑީއާރުޕީ މިހާރަށް ވުރެ ވެސް ކާމިޔާބު ޕާޓީއަކަށް ހެދުމަށްޓަކައި ތަފާތު ހުނަރުތަކާއި ގާބިލިއްޔަތު ކަމުގެ ބޭފުޅުން މި ޕާޓީގެ މެމްބަރުންނަށް ހެދުމަށްޓަކައި އެފަދަ ބޭފުޅުންނާ ގުޅުން ބަދަހި ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ހިދުމަތް ކުރެއްވުމުގެ ގާބިލިއްޔަތާއި ގާނޫނުތައް ބައްޓަން ކުރުމުގެ ކުޅަދާނަކަން ހުރި ބޭފުޅުންނާއި އަޅުގަނޑުމެންގެ ތަސައްވުރު އަމަލީ ސިޔާސަތުތަކަށް ބަދަލު ކޮށްލުމުގެ ހުނަރު ވެރިކަން ހުރި ޓެކްނިކަލް ބޭފުޅުންނާއި ޑީއާރުޕީގެ މެސެޖް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދޭނެ ހިތްވަރު ހުރި އެކްޓިވިސްޓުން ހިމެނޭ."
ޑީއާރުޕީގެ މެމްބަރުންގެ ކިބައިން ޒައީމް މައުމޫން ދެން އެދިވަޑައިގެންނެވީ މެމްބަރުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން ވަރުގަދަކޮށް ދެމެހެއްޓުމަށެވެ. އަދި އެއީ ހަމައެކަނި ޕާޓީގެ ލީޑަޝިޕް ނުވަތަ ކައުންސިލްގެ މަސްއޫލިއްޔަތެއް ނޫން ކަމަށާއި އެއީ ޑީއާރުޕީގެ ހުރިހާ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ޒައީމް މައުމޫން ވިދާޅުވި އެވެ.
"ބައެއް ފަހަރު ކަންތައްތައް ދިމާވާ ގޮތުން އަޅުގަނޑުމެންގެ މެދުގައި ހިޔާލު ތަފާތުވުމަކީ އެކަށީގެންވާ ކަމެއް. އެކަން އަޅުގަނޑުމެން އިންސާނުންގެ ގޮތުގައި ތަޖުރިބާ ކުރަން އެބަ ޖެހޭ. އެކަން އެހެން ދިމާވި ނަމަވެސް އަޅުގަނޑުމެންގެ އަސާސީ މަގުސަދުތަކުގެ މަތިން ހަނދާން ބަހައްޓަން ވާނެ. އަޅުގަނޑުމެން އެކުވެރި ވެގެން އަޅުގަނޑުމެންގެ މެދުގައި އޮންނަ ވަހުދަތު ވަރުގަދަ ކޮށްގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ވަންޏާ އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލް މަގުސޫދާ ހަމައަށް ދިއުމަކީ އެއްގޮތަކަށް ވެސް އުނދަގޫ ކަމަކަށް ނުވާނެ. އެހެން ކަމުން މިކަން ވެސް ތިޔަ ލޮބުވެތި ހުރިހާ މެމްބަރުންގެ ހިތްޕުޅުގައި އަބަދުވެސް ބަހައްޓަވައި ދެއްވުން އެދެން،" މައުމޫން ވިދާޅުވި އެވެ.
ޒައީމް މައުމޫން ވިދާޅުވީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައި ދެވޭނެ ހަމައެކަނި ޕާޓީއަކީ ޑީއާރުޕީކަން ޔަގީން ކަމަށާއި އެއީ ގައުމީ މަސްއޫލިއްޔަތެއް އަދި ގައުމީ ޒިންމާއެއް އަދި ގައުމީ ވާޖިބެއް ކަމަށެވެ. މައުމޫން ވިދާޅުވީ އެކަމަށް އޮޔތް އަމާޒަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ޑީއާރުޕީން ކާމިޔާބު ކުރުން ކަމަށާއި އެ އިންތިހާބު ޑީއާރުޕީގެ ކެންޑިޑޭޓް ކާމިޔާބު ކުރެއްވުމަކީ ވާޖިބެއް، މަޖުބޫރު ކަމެއް ކަމަށެވެ.
މައުމޫންގެ ވާހަކަފުޅުގައި ވަނީ ޑީއާރުޕީއަށް ހިދުމަތް ކޮށްދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވައިފަ އެވެ.
"އަޅުގަނޑަށް ތިޔަ ދެއްވި ލޯތްބާއި ކުރެއްވި އިހުލާސްތެރި ތާއީދަކީ އަޅުގަނޑުގެ ހަނދާނުން ދުވަހަކު ވެސް ފިލައިގެންދާނެ އެއްޗެއް ނޫން. އެކަމަށްޓަކައި އަޅުގަނޑު ފަހުރުވެރިވާނެ އެއްޗެއް. މިހާތަނަށް އަޅުގަނޑު މި ޕާޓީއަށް ކޮށްދީފައިވާ ހިދުމަތް ގަބޫލު ކުރައްވައި މިރޭ އަޅުގަނޑަށް ތިޔަ ދެއްވި މެޑަލަށްޓަކައި ވެސް އަޅުގަނޑުގެ އިހުލާސްތެރި ޝުކުރު ޕާޓީގެ ލީޑަރަށާއި ކައުންސިލްގެ މެމްބަރުންނަށް ދަންނަވަން. ތިޔަ ދެއްވި ޝަރަފުގެ މެޑަލަކީ އެއަށްޓަކައި އަޅުގަނޑު އަބަދުވެސް ފަހުރު ވެރިވާނެ މެޑައްޔެއް. އަދި މާތް ﷲގެ ވާގިފުޅާއެކު އޭގެ ހުރުމަތް އަޅުގަނޑު އަބަދުވެސް ދަމަހައްޓާނެ މެޑައްޔެއް،" ވަރަށް ގިނަ އަދަދެއްގެ މެމްބަރުންތަކެއް ހާޒިރުވި ހަފުލާގައި ޒައީމް މައުމޫން ވިދާޅުވި އެވެ. "ތިޔަ ލޮބުވެތި ހުރިހާ މެމްބަރުންނަށް މިރޭ އަޅުގަނޑު ޔަގީންކޮށް މި އަރުވަނީ ޑީއާރުޕީގެ ސިޔާސީ ޒައާމަތުން އަޅުގަނޑު ދުރަށް ޖެހިލިޔަސް އަޅުގަނޑު އަބަދުވެސް ހުންނާނީ ޑީއާރުޕީގެ މެމްބަރެއްގެ ގޮތުގައި ކަމަށް. އަދި ތިޔަ ލޮބުވެތި މެމްބަރުން އަޅުގަނޑަށް ތިޔަ ދެއްވި މަގާމުގެ ޝަރަފު ދެމެހެއްޓުމުގެ ގޮތުން ޑީއާރުޕީގެ ކުރިއެރުމާއި ތަރައްގީ އާއި ކާމިޔާބީއަށްޓަކައި ޑީއާރުޕީގެ ޒައީމްގެ ހައިސިއްޔަތުން އެއްވެސް ވަރުބަލިވުމެއް ނެތި އަޅުގަނޑަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނެ ކަމަށް."
ރޭގެ ހަފުލާގައި ޒައީމް މައުމޫނަށް ޑީއާރުޕީގެ ޒައީމްގެ ޝަރަފުގެ މެޑަލް އެރުއްވީ އާ ލީޑަރު ތަސްމީނެވެ. މި ހަފުލާގައި މައުމޫނާއި ތަސްމީންގެ އިތުރުން އިއްޔެ މަގާމާ ހަވާލުވެ ވަޑައިގެންނެވީ ހަތަރު ޑެޕިއުޓީ ލީޑަރުން ކަމަށްވާ އއ. ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދާއި ގއ. ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އިބްރާހިމް ޝަރީފު (އައްޑޫ ޝަރީފު) އާއި އުމަރު ނަސީރާއި ޒުވާނުންގެ ގޮފީގެ ރައީސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު އަދި އަންހެނުންގެ ގޮފީގެ ރައީސް ދުންޔާ މައުމޫން ވެސް ވާހަކަ ދެއްކެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ