އެޗްޑީސީން ފަސް ލެޕްޓޮޕް ނަގައި 1700ރ. އަށް ވިއްކާލި މީހާ 9 މަހަށް ޖަލަށް
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަސް ލެޕްޓޮޕް ވަގަށް ނަގައި ވިއްކާލި މީހަކު ނުވަ މަހަށް ޖަލަށްލާން ހުކުމްކޮށްފިއެވެ. މިއީ އެޗްޑީސީގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިނގި ވައްކަމެކެވެ. މި ވައްކަން ކުރި, ތ. ގާދިއްފުށި, މިރިޔާސްގެ, ހަސަން ޝަކީބު, ވަނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް މެނޭޖްމެންޓް އޮފީހަށްވަދެ، އެތަނުން ލެޕްޓޮޕްތަކެއް ވަގަށް ނަގައިފައެވެ. މި މައްސަލައިގައި ދައުލަތުން ދައުވާ ކުރި މީހާވަނީ، އެ ލެޕްޓޮޕްތައް ވަގަށް ނަގައި ވިއްކާލާފައެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން ފަސް ލެޕްޓޮޕް ވަގަށް ނަގައި ވިއްކާލާފައިވަނީ އެންމެ 1700 ރުފިޔާއަށެވެ. މި މައްސަލައިގައި ދައުވާ ކުރުމުން، ޝަރީއަތުގައި ދައުވާ ލިބުނު މީހާވަނީ ކުށަށް އިއުތިރާފުވެފައެވެ. ދައުވާ ލިބުނު ފަރާތުން ޝަރީއަތުގައި އިއުތިރާފުވެފައިވާތީ މައްސަލަ ކުރިއަށް ގެންދިޔައީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. ކުށަށް އިއުތިރާފުވެފައިވާތީ މައްސަލަ ނިންމީ އަދަބަށްވެސް ލުއި ދީގެންނެވެ. މި ކުށުގެ އަސްލު އަދަބީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، މައްސަލަ ބެއްލެވި ފަނޑިޔާރުވަނީ އަދަބު ލުއިކޮށްދީފައެވެ. އަދަބު ލުއިކޮށްދިނީމާ މި މައްސަލައިގައި އިއްވި ހުކުމަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެވެ. ބުދަ ދުވަހު، މި މައްސަލައިގެ ހުކުމް ކުރީ، ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ނަދީމްއެވެ. މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ޖުލައި މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ