ސެންޓޭގެ ކެރިއަރުގައި ހަަތަރު ވަނަ ފަހަރަށް ނިއު އަށް ސެންޓޭގެ ކެރިއަރުގައި ހަަތަރު ވަނަ ފަހަރަށް ނިއު އަށް

ގައުމީ ފުޓްބޯޅަ ޓީމުގެ ތަރި، އަލީ ފާސިރު (ސެންޓޭ)، އޭނާގެ ކެރިއަރުގައި ހަތަރު ވަނަ ފަހަރަށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ވައިސް ކެޕްޓަނަކަށް ހުރި ސެންޓޭ، 36، އެންމެ ފަހުން ކުޅެފައިވަނީ، 2023 ވަނަ އަހަރުން ފެށިގެން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށެވެ. އެ ކްލަބާ އެކު، އޭނާ ހަދާފައި އޮތް އެއްބަސްވުން ހަމަވެ، ނިއު އަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް އެ ޓީމުން ވަނީ ބުނެފަ އެވެ.
ބ. އޭދަފުށްޓަށް އުފަން ސެންޓޭގެ ކުޅުން އެންމެ ބޮޑަށް ފާހަގަވާން ފެށީ ފުރަތަމަ ޑިވިޝަނުގައި އޯލްޔޫތުލިންކްއޭޖް (އޭވައިއެލް) ގައި ދެއްކި މޮޅު ކުޅުމުގެ ސަބަބުންނެވެ. ސެންޓޭ ވަނީ 2010 ވަނަ އަހަރު ކްލަބް ވެލެންސިއާގައި ހޭދަކުރުމަށް ފަހު ޖެހިގެން އައި އަހަރު ނިއު ރޭޑިއަންޓާ ގުޅިފަ އެވެ. އެކަމަކު، 2012 ވަނަ އަހަރުގެ ސީޒަނަށް ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބަދަލުވެ، ސެންޓޭ އަށް ގައުމީ ޓީމުގައި ލިބުނު ސީރިއަސް އަނިޔާއަކާ ހެދި ގިނަ ދުވަހު ހުރީ ކުޅުމާ ދުރުގަ އެވެ.
އަލުން ދެ ވަނަ ފަހަރަށް 2013 ވަނަ އަހަރު ނިއުއާ ގުޅި 2015 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކުޅެ އެ ހަތަރު އަހަރުތަކުގައި ސެންޓޭ ވަނީ ނިއުއާ އެކު ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ގޮތުން، ބަލްގޭރިއާގެ ކޯޗު، ވެލިޒާ ޕޮޕޯވްއާ އެކު 2013 ވަނަ އަހަރުގެ ސީޒަނުގައި ހުރިހާ މެޗަކުން މޮޅުވެ، ހުރިހާ ތަށްޓެއް ނެގިއިރު، ޓީމުގައި ސެންޓޭ އިސް ރޯލެއް ކުޅުނެވެ. ސެންޓޭ ވަނީ ނިއު އަށް 2015 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް ކުޅެފަ އެވެ. ނިއު ދޫކޮށް 2016 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެ، އެ ޓީމުގައި ތަފާތު ފޯމެއްގައި ކުޅެ، ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ރަން ބޫޓު ހޯދި އެވެ. އަދި ޓީސީ ދޫކޮށް ކެރިއަރުގައި ތިން ވަނަ ފަހަރަށް ސެންޓޭ ވަނީ 2017 ވަނަ އަހަރު ނިއު އަށް ބަދަލުވެފަ އެވެ. އެ ޓީމުގައި ވެސް މޮޅަށް ކުޅެ، ރާއްޖޭގެ މޮޅު ކުުޅުންތެރިޔާގެ މަގާމު ހޯދި އެވެ. އޭގެ ފަހުން، 2018 ވަނަ އަހަރު ކްލަބް އީގަލްސް އަށް ކުޅުނު ސެންޓޭ، އޭގެ ފަހުން، ދެ ސީޒަނުގައި ވެލެންސިއާ އަށް ކުޅެ ފަހުން މާޒިޔާ އަށް ވަނީ ބަދަލުވެފަ އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ދާދި ފަހަކާ ޖެހެންދެން ހުރި މަޝްހޫރު ކޯޗު އަލީ ސުޒޭން ނިއުގެ ކޯޗަކަށް ހަމަޖައްސައި، އެ ޓީމު ވަރުގަދަ ކުރަމުން އަންނަނީ، ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި އަންނަ މަހު ފަށާ ސީޒަނުގައި ވާދަކުރުމަށެވެ.
ނިއު އިން ފުރަތަމަ ޑިވިޝަނަށް އަންނަނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ލީގު ވަކިވުމުން، އެ ޖާގަ އަށެވެ. އެއީ، އެންމެ ފަހުން ބޭއްވި ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ޓީމަކީ ނިއު ކަމަށް ކަނޑައަޅައި، އެފްއޭއެމްގެ އެކްސްކޯ އިން ނިއު ފުރަތަމަ ޑިވިޝަނަށް ގެންނަން ފާސްކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ