ކިންގްސް ކަޕް: ކުޅިވަރު ވުޒާރާ އިން ވެމްކޯ ހުއްޓުވިއިރު، ޖޯލި އިން އާރްއާރްސީ ބަލިކޮށްފި ކިންގްސް ކަޕް: ކުޅިވަރު ވުޒާރާ އިން ވެމްކޯ ހުއްޓުވިއިރު، ޖޯލި އިން އާރްއާރްސީ ބަލިކޮށްފި

ކްލަބް މޯލްޑިވްސް އިން އާ ފޯމެޓަކަށް ފެށި ކިންގްސް ކަޕް ފުޓްސަލް މުބާރާތުގައި ރޭ ކުޅިވަރު ވުޒާރާ އިން 0-0 އިން ކްލަބް ވެމްކޯއާ އެއްވަރުކުރިއިރު، ޖޯލި މޯލްޑިވްސް އިން 6-3 އިން ރޯޑް ރެކްރިއޭޝަން ކްލަބް އަތުން މޮޅުވެއްޖެ އެވެ.
މިިދިޔަ އަހަރުގެ ކިންގްސް ކަޕްގައި ކުޅުނީ އެއް މެޗެވެ. ވެމްކޯ އިން ވަނީ 2-1 އިން ޖޯލި ބަލިކޮށްފަ އެވެ. މި ފަަހަރުގެ މުބާރާތުގައި އަށް ޓީމު ދެ ގްރޫޕަކަށް ބެހިފައިވާއިރު، ގްރޫޕް ބީގައި ވެމްކޯ އިން އުނދަގޫކޮށް ފަށަން ޖެހުނުއިރު، ޖޯލި އިން މި ވަނީ ފުރަތަމަ މެޗުގައި ރަނގަޅު މޮޅެއް ހޯދައިފަ އެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި، ކުޅިވަރު ވުޒާރާ އިން ވަނީ ވެމްކޯގެ ވަރުގަދަ ސްކޮޑު ހިފެހެއްޓުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ވެމްކޯ އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެގެން ގޯލެއް ޖަހަން ބެލިއިރު، ކުޅިވަރު ވުޒާރާ އިން ވެސް ލަނޑެއް ޖެހޭތޯ އެޓޭކްތަކެއް ކުރި އެވެ.
ޖޯލި އަށް ރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، މުހައްމަދު ޖުމާން އަހުމަދު އާއި އަހުމަދު ރާހިލް ރަޝީދު (ރާއްކޮ)، ކޮންމެ ކުުޅުންތެރިއަކު ދެ ގޯލުގެ އިތުރުން އިސްމާއިލް އީސާ (މެސީ) އަދި މުހައްމަދު އިމްރާން (އިންމި) އެވެ. އަދި، އާރްއާރްސީގެ ލަނޑުތައް ޖެހީ، އަބްދުﷲ ޔާމީން (ޔާނު) އާއި އީރާންގެ ކުޅުންތެރިޔާ، މުހްސިން މޮންތަޒޭމީ އަދި ޖޯލީގެ އަލީ އިޝާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ގްރޫޕް އޭގެ ފުރަތަމަ މެޗުތަކަށް ބަލާއިރު، އައްޑޫ ސިޓީގެ ޗެމްޕިއަން، މައިލޯ ސިޓީން ވަނީ 3-0 އިން ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކުރި، ޓީމު ކާށިދޫ ބަލިކޮށްފަ އެެވެ. ބ. އޭދަފުށީގެ ޗެމްޕިއަން، ސީސީ ސްޕޯޓްސް ކްލަބް އަތުން، ޓީމު ނައިވާދޫ މޮޅުވީ 4-1 އިންނެވެ.
ނައިވާދޫ އަށް ރޭގެ މެޗުގައި ލަނޑު ޖަހައިދިނީ އަނިޔާއިން ރިކަވާވެގެން ކުޅުމަށް އެނބުރި އައި، އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަހުމަދު ހަމީދު (އައްމަޑޭ)ގެ އިތުރުން އަބްދުﷲ ވިސާމް (ވިސަންޓޭ) އަދި ހުސެއިން މައިޝާން އެވެ. އަދި، ސީސީގެ ހަމައެކަނި ލަނޑު ޖެހީ އަޔާޒް އަހުމަދު (އަޔާ) އެވެ.
މައިލޯ ސިޓީން ވަރުގަދަ ކުޅުމެއް ދެއްކިއިރު، ކާށިދޫ ކޮޅަށް މައިލޯގެ ގޯލުތައް ޖެހީ، ހުސެއިން ނާޝީދު (ނާއްޓޯ)، ހާޒިމް ފައުޒީ (ހަތީ) އަދި އިބްރާހިމް ނަދާދު (ކުޑައްޓޭ) އެވެ.
ކިންގްސް ކަޕްގެ މެޗުތައް ދެން އޮންނާނީ މާދަމާރޭ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ