ގޭގައި ނަމާދުކުރަން ވަކި ތަނެއް ހާއްސަކޮށްލުން މުހިއްމު

ރޯދަމަހަކީ އަޅުކަމާ ގާތް މައްސަރެކެވެ. ރޯދަމަހު ގޭގައި އެންމެން އެކީ ޖަމާއަތް ހަދައިގެން ތަރާވީހު ނަމާދާއި އެހެން ނަމާދުތައް ވެސް ކުރެ އެވެ. އަދި ގެއަށް ރޯދަ ވީއްލަން އަންނަ މީހުންނަށް ފަސޭހައިން ނަމާދުކޮށްލެވޭ ގޮތަށް ވެސް، ބައެއް ގޭގައި، އިންތިޒާމް ހަމަޖައްސާފައި ހުރެ އެވެ. 
ރޯދަމަހު މި ގޮތަށް އަޅުކަން ކުރުން އިތުރުވާތީ ގޭގައި ނަމާދުކުރާނެ ކުޑަ ކޯނާއެއް ކަހަލަ ތަންތަން ހަދާނެ ގޮތުގެ ނަމޫނާތައް ވެސް ސޯޝަލް މީޑިއާއިން ފެނެ އެވެ. 
ތިގޭގައި މިފަދަ ތަންކޮޅެއް ހުރޭ ހެއްޔެވެ؟ މިފަދަ ތަނެއް ނެތް ނަމަ ރޯދަމަހުގެ ފަހު 10ގެ ރޭ އަޅުކަމަށް ތަންކޮޅެއް ހާއްސަކޮށްލަމާ ހިނގާށެވެ.
ގޭގައި އަޅުކަމަށް މިފަދަ ތަނެއް ހުރެއްޖެ ނަމަ މުޅި އާއިލާއަށް ވަރަށް ބޮޑަށް ހިތްހަމަޖެހުމަކަށް ވާނެ އެވެ. އާއިލާގެ އެންމެން އެއްކޮށް އަޅުކަމުގައި ވަގުތު ހޭދަކޮށްލެވޭނެ އެވެ. ދީނުގެ ކަންކަމުގައި ދަރިން ބައިވެރިކުރެވެ އެވެ. ނަފްސަަށް ހަމަހިމޭންކަން ގެނެސްދީ ﷲއާ ކުއްތަންވުން ބޮޑުކޮށްދެ އެވެ.
ތިރީގައި މިވަނީ ނަމާދު ކޯނާއެއް ގޭގައި ހަދަން ބޭނުންކުރެވިދާނެ ބައެއް ޓިޕްސް އެވެ.
1. އެންމެ ފުރަތަމަ ގޭތެރެއިން ސާފު، އަޑުމަޑު އަދި ފަސޭހައިން ބޭނުންކޮށްލެވޭ ތަންކޮޅެއް ކަނޑައަޅާށެވެ. އެއީ ގިބްލައަށް ކުރިމަތިލައިގެން ނަމާދުކޮށްލެވޭނެ ޖާގައަކަށް ވާން ޖެހޭނެ އެވެ.
2. އެއީ ޓީވީ ފަަދަ އެއްޗެހީގެ އަޑާއި ގޭގެ އެހެން މީހުން އަބަދު ޖަމާވާ ތަނެއްގެ ބަދަލުގައި އެކަހެރި ތަނަކަށް ހަދާށެވެ.
3. މުސައްލަ އަޅައި، ނަމާދުކުރުމަށް ފަހު ގުރުއާން ކިޔަވަން ހަތިމު ވެސް އެތަނުގައި ބާއްވަން ވާނެ އެވެ. ކޮންމެ ވަގުތެއްގައި ވެސް އެތަނުގައި ނަމާދުކުރެވެން ޖެހޭނެ އެވެ. ނިދާ ކޮޓަރި، ސިޓިން ރޫމް ނުވަތަ އެހެން ތަނެއް އެ ކޯނަރު ހެދިޔަސް އެތަން އަބަދުމެ ސާފުތާހިރުވާން ވާނެ އެވެ.
4. ބޭނުން ނަމަ އިސްލާމިކް ވޯލް އާޓް ބޭނުން ކުރެވިދާނެ އެވެ. އޭރުން އެތަނުގެ މާހައުލަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ އެވެ. އަޅުކަމުން މީހާގެ ހިޔާލުތައް ދުރަށް ނުދާނެ ކަހަލަ އެއްޗެހި އެތަނުގައި ބަހައްޓާށެވެ.
5. ތަނުގެ އަލިކަން ހުންނަންވާނީ ލޮލަށް ފަސޭހަ ގޮތަކަށެވެ. ބޭނުން ނަމަ ހާއްސަ ލޭމްޕެއް ވެސް ބެހެއްޓިދާނެ އެވެ.
6. ގެއަށް ރޯދަވީއްލަން ޒިޔާރަތްކުރާ މީހުންނަށް ވެސް އެތަން ބޭނުންކުރެވޭ ގޮތަށްް، އިތުރު މުސައްލަ އަޅައި ނަމާދު ދޮޅި ފަދަ ތަކެތި ހުންނަންވާނެ އެވެ.
7. މިއީ ނަމާދުކޮށް ގުުރުއާން ކިޔަވަން ބޭނުންކުރާ ތަން ކަމުން، މާ ބޮޑަށް ޑެކެރޭޓް ކުރާނެއް ކަމެއް ނެތެވެ. މަގްސަދަކަށް ވާންވީ މީހާއަށް ސުލްހަ އާއި ހަމަޖެހުން ގެނެސްދޭނެ ތަނަކަށް އެތަން ހެދުމެވެ.
8. މިއީ ހަމައެކަނި ނަމާދުކޮށް ގުރުއާން ކިޔަވާ ޒިކުރު ކުރަން އިންނަ ތަން ކަމަށް ހަދާށެވެ. އެހެން ކަންކަމަށް އެތަން ބޭނުންނުކުރާށެވެ.
ރޯދަމަހުގެ ފަހު 10 މި އޮތީ ކުރިއަށެވެ. މިފަދަ ތަންކޮޅެއް ހަދަން އަދި މާ ލަހެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ