ކަޕެއްލޯ އަށް ގާޑިއޯލާ ރައްދުދީފި ކަޕެއްލޯ އަށް ގާޑިއޯލާ ރައްދުދީފި

މެންޗެސްޓާ (މާޗް 15) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ބެހޭގޮތުން އިޓަލީގެ ލެޖެންޑަރީ ކޯޗު ފަބިއޯ ކަޕެއްލޯ ދެއްކި ވާހަކަތަކާ ގުޅޭގޮތުން ގާޑިއޯލާ ރައްދުދީފި އެވެ.
ދާދި ފަހުން، ކަޕެއްލޯ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، މި ސީޒަނުގައި މެންޗެސްޓާ ސިޓީގެ ފޯމު އެހާ ބޮޑަށް ދަށްވުމުގެ އެއް ސަބަބަކީ، ގާޑިއޯލާ ކަމަށެވެ. އެއީ، ގާޑިއޯލާގެ "ބޯހަރު" ވިސްނުމުން ހަމައެކަނި ގަބޫލުކުރަނީ އޭނާ ކުޅޭ ފުޓްބޯޅަ ބަދަލުކުރަން ނުޖެހޭ ކަމަށް ކަމަށާއި އެކަމަކު، ޒަމާން ބަދަލުވާވަރަކަށް ފުޓްބޯޅަ ބަދަލުވެގެން ނޫނީ ކުރިއަށް ނުދެވޭނެކަމަށް ކަޕެއްލޯ ވަނީ ބުނެފަ އެވެ.
އިނގިރޭސި ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ކަޕެއްލޯގެ މި ވާހަކަތަކާ ގުޅޭގޮތުން، ގާޑިއޯލާއާ ސުވާލުކުރުމުން ބުނީ، އޭނާއާ ބެހޭގޮތުން، އެންމެން ވެސް ދައްކާ ވާހަކަ ވަރަށް ކަނުލައި އަޑުއަހާކަމަށާއި އެހެންކަމުން ބުނާ އެއްޗެއް ކޮންމެ މީހެއް ވެސް ވިސްނުންތެރިކަމާ އެކު ބުނުން މުހިންމު ކަމަށެވެ.
"މިއީ ފުރަތަމަ ފަހަރެއް ނޫން ކަޕެއްލޯ އަހަންނާ ބެހޭގޮތުން ވާހަކަ ދެއްކި، ޔަގީންކަމާ އެކު އަހަރެން ބުނަން އަހަންނެއް ނުވާނަން އިޓަލީގެ ފުޓްބޯޅަ ހަލާކުކޮށްލާނެ މީހަަކަށް، ވަރަށް އިހުތިރާމާ އެކު ބުނާ އެއްޗެއް މިއީ،" ގާޑިއޯލާ ބުންޏެވެ.
"އިޓަލީގެ އަދި ދުނިޔޭގެ ވެސް މޮޅު ކޯޗެއް ކަޕެއްލޯ އެއީ. އެހެންވީމަ، އޭނަގެ ނަން ގޮވާފައި އަހަރެން ވާހަކަ ދައްކަން ނެތިން. އެކަމަކު، އަހަންނަށް ބުނެވޭނެ، ޕްރިމިއާ ލީގުގެ ފެންވަރު އަހަރެން އައި ފަހުން ރަނގަޅުވެއްޖެ،"
ސިޓީގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވި ގާޑިއޯލާ ވަނީ މިދިޔަ ނުވަ ވަރަކަށް އަހަރަށް ބަލާއިރު، އެ ކްލަބްގައި އާދަޔާހިލާފު މަސައްކަތެއް ކޮށްފަ އެވެ. އެންމެ ފަހުން ހަތަރު އަހަރު ވެސް ޕްރިމިއާ ލީގު ކާމިޔާބުކުރި ސިޓީން ވަނީ ޗެމްޕިއަންސް ލީގު ވެސް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފަ އެވެ.
ގާޑިއޯލާ ބުނީ ސިޓީން ގެންގުޅޭ ވިސްނުމުގައި ޓްރާންސްފާ މާކެޓްގައި ރަނގަޅަށް ހަރަކާތްތެރިވެ، ރަނގަޅު އޮނިގަނޑެއްގެ ތެރެއިން ގިނަ ކްލަބްތަކެއް ހިންގަން ފަށާފައިވާ ކަމަށެވެ.
އޭނާގެ ވާހަކަތަކަށް ބާރު ދެމުން ގާޑިއޯލާ ވަނީ ކުރިން ބައެއް ކްލަބްތަކުގެ ފަރާތުން ފެންނަ ވިސްނުމާއި ކުޅޭ ކުޅުން މިހާރު މީގެ އަށް އަހަރު ކުރިއާ ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. އެ ގޮތުން، ގާޑިއޯލާ ނަން ފާހަގަކުރި ކްލަބްތަކަކީ، ބޯންމައުތު، ބްރައިޓަން އަދި ފުލަމް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ