ކިޔެވޭނެ ގޮތެއް، ވަޒީފާއެއް ނެތް ޒުވާނުން ޕޮލިހާއި ސިފައިންގެއަށް ވައްދަން ރައީސް އޮފީހުގައި ޑިޕާޓްމަންޓެއް އުފައްދައިފި ކިޔެވޭނެ ގޮތެއް، ވަޒީފާއެއް ނެތް ޒުވާނުން ޕޮލިހާއި ސިފައިންގެއަށް ވައްދަން ރައީސް އޮފީހުގައި ޑިޕާޓްމަންޓެއް އުފައްދައިފި

ކިޔެވުމުގެ ފެންވަރު ދަށް ވުމުގެ ސަބަބުން މަތީ ތައުލީމުގެ ފުރުސަތުތަކާއި ވަޒީފާތަކުން ބާކީވެފައި ތިބި ފުރާވަރު އުމުރުފުރައިގެ ޒުވާނުން ސިފައިންނާއި ފުލުހުންގެ ގޮތުގައި ތަމްރީނުކުރަން ކަމަށް ބުނެ ސަރުކާރުން ފަށާ "ގައުމީ ހިދުމަތުގެ ޕްރޮގްރާމް" ވިލަރެސްކުރުމަށް ރައީސް އޮފީހުގައި ހާއްސަ ޑިޕާޓްމަންޓެއް އުފައްދައި މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފި އެވެ.
ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވަނީ ނޭޝަނަލް ސާވިސް ކޯޑިނޭޝަން ސެކްރެޓޭރިއެޓްގެ ނަމުގައި އެ އޮފީހުގައި ގާއިމުކޮށްފައިވާ ޑިޕާޓްމަންޓަށް މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފަ އެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި މިފަދަ ޕްރޮގްރާމްތައް ހިންގަނީ އެ ގައުމެއްގެ ޑިފެންސް މިނިސްޓްރީން ނުވަތަ ޒުވާނުންގެ ކަންކަން ބަލަހައްޓާ މިނިސްޓްރީއަކުންނެވެ.
މި ޕްރޮގްރާމް ފައްޓަވަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މިދިޔަ އަހަރުގެ ނަސްރުގެ ދުވަހު އެވެ. އެމަނިކުފާނު ތަސައްވުރުކުރައްވާ ހިސާބަށް ސިފައިން ގެންދަން، ސިފައިންގެއަށް ބޭނުންވާ ވަރަށް ސިފައިން ނެތް ކަމަށް އެ ދުވަހު ރައީސް ވިދާޅުވި އެވެ.
އެ ކަމަށް އެމަނިކުފާނު ހުށަހަޅުއްވާ ހައްލަކީ، ސާނަވީ ސްކޫލް ނިންމާ ކުދިންގެ ތެރެއިން ފާސްތައް ނުލިބުމާ ގުޅިގެން އިތުރަށް ކިޔެވޭގެ ގޮތެއް ނެތް ކުދިން ސިފައިންގެ އާއި ފުލުހަށް ރެކްރޫޓު ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އޯލެވަލް ނިމި އޭލެވަލްއަށް ނުދެވި ތިބޭ ކޮންމެ އަހަރަކު ވެސް ހިސާބުތަކުން އެބަ ދައްކާ 2000 އާއި 3000 އާ ދޭތެރޭގެ އަދަދެއްގެ ކުދިން އެބަ އުޅޭ. އޯލެވަލްއިން އެކަށީގެންވާ ވަރަކަށް ފާސް ނުވެ، އޭލަވަލްއަށް ނުދެވި. ވަޒީފާއެއް ވެސް ނުލިބޭ. އަދި ހަމަ އެހާ އެކީގައި އޭލެވަލް ނިންމާފައި ޑިގްރީއަށް ނުފެށޭ ގާތްގަނޑަކަަށް ކޮންމެ އަހަރަކު ވެސް 500 އެއްހާ ކުދިން، 500 އާއި 1000 އާ ދޭތެރޭގައި، މަދުވެގެން 500 ކުދިން، މި ވޭތުވެ ދިޔަ ތިން ހަތަރު އަހަރުގެ ހިސާބުތަކުން ދައްކާ،" އެމަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.
މިހާރު އޮންނަ ގޮތުން 16 އަހަރުގެ ކުދިންނަށް ސިފައިންނާއި ފުލުހަށް ނުވަދެވޭ ގޮތަށް އޮތް އޮތުން ބަދަލުކުރަން ހުށަހެޅުމަށް ވެސް ސަރުކާރުން އޮތީ ނިންމާފަ އެވެ. ނަސްރުގެ ދުވަހު ރައީސް ދެއްކެވި ވާހަކަތަކުން ދޭހަވީ އިތުރަށް ކިޔެވޭނެ ގޮތެއް ނެތް، އަދި ވަޒީފާއެއް ނުލިބޭ 16 އަހަރުން މަތީގެ ހުރިހާ ޒުވާނުން މި ޕްރޮގްރާމުގައި ބައިވެރިވާން މަޖުބޫރު ކަމަށެވެ.
"އުމުރުން 16 އަހަރު ވުމަށް ފަހު އެ 16 އަހަރު ވެގެން އޯލެވަލް ނިންމާފައި، އެ ތައުލީމު ހާސިލުކުރެވުނު ހިސާބަކުން ދެން މައްޗަށް ދިޔުމުގެ ފުރުސަތު ނުުލިބޭ ކުދިންނާއި އަދި ވަޒީފާއެއް ވެސް ނުލިބޭ ކުއްޖަކު ވެއްޖިއްޔާ މި ޕްރޮގްރާމުގައި ބައިވެރިވާން ޖެހޭނެ. ބައިވެރިވެގެން މިލިޓަރީ ތަމްރީނު ހޯދަން ޖެހޭނެ،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ