މެޗަކުން ބަލިނުވެ މާޒިޔާ އަށް ޔޫތު ޗެމްޕިއަންޝިޕް ޗެމްޕިއަންކަން މެޗަކުން ބަލިނުވެ މާޒިޔާ އަށް ޔޫތު ޗެމްޕިއަންޝިޕް ޗެމްޕިއަންކަން

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލުގައި ފަހަތުން އަރައި، 6-1 އިން ކްލަބް އީގަލްސް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޗެމްޕިއަންކަން ހޯދައިފި އެވެ.
ޔޫތު ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމަކީ އީގަލްސް އެވެ. އީގަލްސް އިން ވަނީ އެކި އުމުރުފުރާތަކަށް ބޭއްވި ޔޫތު ޗެމްޕިއަންޝިޕްގެ ފަސް ފަހަރު ކާމިޔާބު ކޮށްފަ އެވެ. މިއީ، މާޒިޔާ އަށް ޔޫތު ޗެމްޕިއަންޝިޕްގައި ލިބުނު ދެ ވަނަ މުބާރާތެވެެ. އެ ޓީމުން ވަނީ 2011 ވަަނަ އަހަރު ބޭއްވި 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. ނަވާރަ އަހަރުން ދަށަށް ޔޫތު ޗެމްޕިއަންޝިޕް މީގެ ކުރިން ބޭއްވި ދެ ފަހަރު ކާމިޔާބުކުރީ ޓީސީ ސްޕޯޓްސް ކްލަބް އާއި އީގަލްސް އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި އީގަލްސްގެ އަޝްހަމް އިބްރާހީމް މުހައްމަދު ގޯލު ޖަހައި އީގަލްސް އަށް ލީޑު ނަގައިދިނެވެ. އަދި، އީގަލްސް އިން ވަނީ ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން ވެސް ރަނގަޅު ފުރުސަތުތަކެއް ހޯދައިފަ އެވެ.
މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް
އެކަމަކު، ދެ ވަނަ ހާފު ފަށައިގެން ހަވަނަ މިނިޓްގައި މާޒިޔާއިން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން އައިދާން އަހުމަދު މޫސާ އެވެ.
މާޒިޔާ އަށް ލީޑު ފުޅާކޮށްދިނީ 66 ވަނަ މިނިޓްގައި އަނޫފް އަބްދުالله ޖެހި ގޯލުންނެވެ. އަދި މެޗުގެ 83 ވަނަ މިނިޓްގައި އަނޫފް އަބްދުالله ވަނީ މާޒިޔާގެ ތިން ވަނަ ގޯލު ޖަހައިދީފަ އެވެ.
އަދި، އޭގެ ތިން މިނިޓް ފަހުން މާޒިޔާ ހަތަރުވަނަ ގޯލު ޖަހައިދިނީ ނަސާހް އިބްރާހީމް ނާސިރް އެވެ. އަދި މެޗުގެ ފަހު މިނިޓްތަކުގައި ކައިރިކައިރީގައި މާޒިޔާގެ ފަހު ދެ ގޯލު ޖަހައިދިނީ މި މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު އީލާން އިމްރާން އެވެ. އޭނާ ބޯޅަ ފޮނުވާލީ ކީޕަރު ބޯމަތިންނެވެ.
ނުވަ ޓީމެއް ވާދަކުރި، މި ފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާ އިން ދެ ފަހަރެއްގެ މަތިން އީގަލްސް ބަލިކުރި އެވެ. އެއީ ފައިނަލް މެޗުގެ ކުރިން މުބާރާތުގެ ފުރަތަމަ މެޗުގައި، 3-1 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ