ފަސްދާނުލެވުނަސް ފޮރުވި ނުދާނެ އަގުހުރި ޚިދުމަތްތެރިއެއް
ހިޔާލު ދިނުމާއި މަޝްވަރާގެ އުސޫލު ނެތްނަމަ މިނިވަންކަން ނިގުޅައިގަނެވުނީއެވެ. އެއީ، އިންސާނާގެ އަސާސީ ހައްގެކެވެ. އެ ހައްގުން މަހުރޫމެއް ނުކުރެވޭނެއެވެ. މިއީ މިނިވަން ބަހުސްގައި ޝެއިޚް އިބްރާހިމް ފަރީދު އަހުމަދުގެ ވާހަކަ ބިނާކުރެއްވި އަސާސެވެ. ވާހަކަ ފައްޓަވަމުން ޤުރުއާނުގެ އާޔަތެއް ވިދާޅުވެ، އޭގެ މާނަ ވިދާޅުވެދެއްވިއެވެ. އެއީ، "ހަމަކަށަވަރުން މާތް ﷲ ބަޔަކަށް ކުރިމަތިކުރައްވާފައިވާ ނިއުމަތެއް ނުވަތަ މުސީބާތެއް ވިޔަސް، އެ ހާލަތު ބަދަލެއް ނުކުރައްވާނެއޭ އެ މީހުން އަމިއްލައަށް އެ މީހުންގެ ހާލަތު ބަދަލުކުރުމަށް ދާންދެން،" މި ވާހަކަތައް ޝެއިޚް ފަރީދު ދެއްކެވިއިރު ރާއްޖޭގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ނެތެވެ. ވެރިކަމުގެ ބާރުވެރިކަމާ ދެކޮޅަށް އެއްޗެއް ވިދާޅުވި ބޭފުޅަކު ވިއްޔާ ހުންނަން ޖެހިވަޑައިގަތީ ޖަލުގައެވެ. ދީނީ ކަންކަމުގައި ސަރުކާރުގެ 'ސްޓޭންޑް' ނޫން އެއްޗެއް ރައްޔިތުންނަށް އުނގަންނައިވެސް ނުދެވެއެވެ. ދީނީ ވަހުދަތު ފެތުރެނީ ވެސް ސަރުކާރުގެ ވިސްނުމާ އެއްގޮތަށެވެ. ޝެއިޚް ފަރީދު ފުރަތަމަ އާންމުންގެ ސަމާލުކަމަށް އައީ 2000ގެ ކުރީކޮޅެވެ. އެއީ، އޭރު މާލޭގައި މަޝްހޫރުވި ގޯޑައުން ކެފޭއާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ. އެ ތަނުގައި ދީނާ ދުރު ކަންތައްތަކެއް ހިނގާތީ، އެ ކަމާ ފާޅުގައި ދެކޮޅު ހެއްދެވުމުންނެވެ. އޮގަސްޓް 12،13ގެ ހަރަކާތުގެ ތެރެއިން: ޝެއިޚް ފަރީދަކީ އިސްލާހީ ހަރާކަތުގެ މުހިންމު ތަނބެއް -- އެއަށް ފަހު އެއީ ޑިމޮކްރަސީއާ ރާއްޖެއަށް ގެންނަން ހިންގި އިސްލާހީ ހަރަކާތުގެ އެއް ތަނބެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2004 ވަނަ އަހަރު ހިންގި މަޝްހޫރު އޮގަސްޓް 12،13ގެ ހަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އެ ހަރަކާތުގެ ބައިވެރިންގެ ތެރެއިން ހައްޔަރުކޮށް، އެތައް އަނިޔާއެއް ތަހަންމަލުކުރި މީހުންގެ ތެރޭގައި ފަރީދު ހިމެނިވަޑައިގަންނަވައެވެ. ޝެއިޚް ހުންނެވީ މާފުށީ ޖަލުގައެވެ. އެހެން ތަންތަނާ ދުރުގައެވެ. އެ ތަން ހަދާފައި ހުރީ ޓިނުން ބިއްގަނޑު ޖަހާފައި، ޓިނު ފުރާޅެއް ލައިފައެވެ. ކުޑަކުޑަ ތަންކޮޅެކެވެ. ހޫނު އުނދުނެއް ފަދަ ގޮޅިއެކެވެ. އެއީ، އިސްލާހީ ހަރަކާތުގެ ތެރެއިން ފަރީދު ގައުމަށްޓަކައި ވެލެއްވި ގުރުބާނީއެކެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަސްފުޅުންނަމަ ޝެއިޚް ފަރީދަކީ "ބިރުދެއްކުމަށް ފަހަތަށް ޖެހިވަޑައިނުގެންނެވި އިސްލާހީ މަސައްކަތުގެ ބައިވެރިޔާ"އެވެ. ދިވެހި ދީނީ އިލްމުވެރިންނަށް ދީނީ ޝިއާރުތަކާއި ދަރުސްތައް ދެއްވަން މިހާރު މިއޮތް މިނިވަންކަން ލިބުމުގެ ފަހަތުގައި ފަރީދުގެ އެތައް ގުރުބާނީއެއް އެބައޮތެވެ. ޝެއިޚް ފަރީދުގެ ދަރުހެއްގެ ތެރެއިން: އޭނާ ވަނީ މަޝްހޫރު ގިނަ ދަރުސްތަކެއް ދެއްވާފައި --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން "ޝެއިޚް ވަކިވެ ދިއުމަކީ އިސްލާމީ ޚިދުމަތަށް ލިބިގެން ދިޔަ ދެރައެކެވެ. ޝެއިޚް ފަރީދަކީ އިސްލާމީ މަސައްކަތުގައި ފާހަގަކޮށްލެވިފައިވާ އުސްތާޛެކެވެ. ޚިދުމަތްތެރި ޝަޚުޞިއްޔަތެކެވެ. ވަރަށް ބޮޑު ޤުރުބާނީތަކެއްވެވަޑައިގެންފައިވާ ބޭފުޅެކެވެ،" މިހާރުގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު މި ދުވަސް ސިފަކުރެއްވި ގޮތަކީ މިއީއެވެ. އާ ގާނޫނުއަސާސީއާ އެކު 2008 ވަނަ އަހަރު ދިވެހީންނަށް ކުރިން ލިބިފައި ނެތް އެތައް މިނިވަންކަމެއް ލިބުނު ފަހުން ޝެއިޚް ފަރީދު ވެސް ސިޔާސީ މައިދާނަކުން ނުފެނެއެވެ. އޭގެ ބަދަލުގައި ދީން ފެތުރުއްވުމުގައި ބުރަކޮށް އުޅުއްވިއެވެ. ޚާއްސަކޮށް، މަރާއި ޤިޔާމަތް ދުވަހާއި، ކައްވަޅުގެ އަޒާބާއި މި ކަންކަމުގެ މައްޗަށް ޝެއިޚް އަސަރުގަދަ ދަރުސްތައް ދެއްވިއެވެ. ފަރީދު އަވަހާރަވީ ވެސް ދީން ފެތުރުއްވުމުގެ މަސައްކަތުގައި އުޅުއްވަނިކޮށެވެ. މެލޭޝިއާއަށް އިއްޔެ ވަޑައިގަތީ ދީނީ ދަރުހެއް ދެއްވުމަށެވެ. އެ މާތް މަގުސަދުގައެވެ. އެކަމަކު، އެއާޕޯޓުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް މި ދުނިޔެއާ ވަކިވީއެވެ. ފަރީދުގެ ހަށިކޮޅު ފަސްދާނުލާނީ މެލޭޝިއާގައެވެ. އެ ގައުމުން ހަށިކޮޅު ބޭރުކުރާ ނަމަ ޕޯސްޓްމޯޓަމް ހަދަން ޖެހޭތީ އާއިލާއިން އެ ގޮތަށް ނިންމީއެވެ. ފަސްދާނުލެވި އޭނާގެ ހަށިކޮޅު ފޮރުވޭނެއެވެ. އެކަމަކު، އޭނާ ދެއްވި އަގުހުރި، އަސަރުގަދަ ނަސޭހަތްތަކަށް މަރުވުމެއް ނުވެއެވެ. ދީނާއި ގައުމަށްޓަކައި ވެލެއްވި ގުރުބާނީއެއް ނުފޮރުވޭނެއެވެ. ޝެއިޚް ފަރީދަކީ ފަސްދާނުލެވުނަސް ފޮރުވި ނުދާނެ އަގުހުރި ޚިދުމަތްތެރިއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ