ޖެމްކިއުއަށް ހަރަދުކުރާ ދިވެހިންގެ އަދަދު 50،000 އިން މަތީގައި، މަޖިލިސް މެންބަރުންނާއި ފުލުހުންނާއި ސިފައިން ހިމެނޭ ޖެމްކިއުއަށް ހަރަދުކުރާ ދިވެހިންގެ އަދަދު 50،000 އިން މަތީގައި، މަޖިލިސް މެންބަރުންނާއި ފުލުހުންނާއި ސިފައިން ހިމެނޭ

ދިވެހިންގެ މެދުގައި މިހާރު މަގުބޫލުވެފައިވާ ޖެމްކިއު ނުވަތަ ޖީއެމްސީއީ އިންވެސްޓްމަންޓް ސްކީމަށް 50،000 އަށްވުރެ ގިނަ ދިވެހިން ހޭދަކުރާ ކަން އެނގިއްޖެ އެވެ.
ފުލުހުންގެ އިދާރާ އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެއީ ޕިރަމިޑް ސްކީމެއްކަން ޔަގީންކޮށްދީ އޭގައި ބައިވެރިނުވާން އެދިފަ އެވެ.
ޔޫއެސްޑީޓީ ބޭނުންކޮށްގެން އިންވެސްޓްކުރެވޭ މި ޕްލެޓްފޯމަކީ ރާއްޖޭގެ ގާނޫނާއި ހިލާފަށް ސީއެމްޑީއޭގައި ރަޖިސްޓްރީނުކޮށް ހިންގާ ސްކީމެކެވެ. ރާއްޖޭގެ ވިޔަފާރި ރެޖިސްޓްރީގައި ވެސް ޖީއެމްސީއީ ނަމުގައި ކުންފުންޏެއް ވެސް ރެޖިސްޓްރީ ކޮށްފައި ނުވެ އެވެ.
އެ ސްކީމާ ގުޅޭ ގޮތުން ހޯދި ހޯދުންތަކުން ސަރުކާރާއި ސަލާމަތީ ހިދުމަތްތައް ހިމެނޭހެން ތަފާތު ތިން މަސްދަރަކުން ވަނީ 50،000 އަށްވުރެ ގިނަ ދިވެހިން އޭގައި "އިންވެސްޓް" ކުރިކަން ޔަގީންކޮށްދީފަ އެވެ. އިދާރާތަކުގެ ސަމާލުކަމަށް މި ސްކީމް އައިއިރު ވެސް 25،000 އަށްވުރެ ގިނަ ދިވެހިން ދިޔައީ އެއަށް ފައިސާ ލަމުންނެވެ.
އޭގެ ތެރޭގައި ޕޮލިސް، އެމްއެންޑީއެފް، މަޖިލިސް މެންބަރުން، ސިވިލް ސާވަންޓުން، އަދި އާންމު އެހެން ދާއިރާތަކުގެ މީހުން ވެސް ހިމެނޭ ކަމަށް އެކި މަސްދަރުތަކުން ބުނެ އެވެ.
ފުލުހުންގެ ތެރޭގައި ވެސް ބައެއް އޮފިސަރުން މި ޕިރަމިޑް ސްކީމަށް 30،000 ޑޮލަރަށް ވުރެ ގިނައިން "އިންވެސްޓް" ކުރިކަން، ފުލުހުންގެ ބައެއް މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިނެވެ.
މި ސްކީމް މެދުވެރިކޮށް ބައެއް މަޖިލިސް މެންބަރުން ވެސް ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ޑޮލަރެއްގެ "ފައިދާ" ހޯދާކަމަށް ވެސް އަދަދު އާ މައުލޫމާތު ހިއްސާކުރި މަސްދަރަކުން ވަނީ ބުނެފަ އެވެ.
ޖެމްކިއު ހިންގާ ފަރާތްތަކުން އިންވެސްޓަރުންނަށް އޮޅުވާލަމުންދާކަން ބޭރުގެ ތަހުގީގީ އިދާރާތަކާ ގުޅިގެން ކުރެވުނު މަސައްކަތުން މިހާތަނަށް ހޯދިފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
ޖެމްކިއުއަކީ "ޔޫއެސްޑީޓީ މައިނިން" ނުވަތަ އޮޓޮމޭޓެޑް ޓްރޭޑިން ބޮޓްތަކެއް މެދުވެރިކޮށް ދުވާލެއްގެ މައްޗަށް ދެމެހެއްޓެނިވި ފައިދާއެއް ލިބޭނެ ކަމަށް ބުނާ އޮންލައިން އިންވެސްޓްމަންޓް ޕްލެޓްފޯމެކެވެ. އާންމުކޮށް ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް ދެ ޕަސެންޓް ފައިދާއެއް ލިބޭނެ ކަމަށް މި ޕްލެޓްފޯމްގައި އިޝްތިހާރުކުރެ އެވެ.
ޖެމްކިއުގެ އިސްވެރިޔެއް، ކުންފުނީގެ އޮފީހެއް، ރެޖިސްޓްރޭޝަނެއް އެއްވެސް ތަނަކު ނެތެވެ. މިއަށް އިންވެސްޓް ކުރާ މީހުން ހޯދަނީ ވަޓްސްއެޕް ނުވަތަ ޓެލެގްރާމް ޗެނަލްތައް މެދުވެރިކޮށެވެ. އެހެނިހެން ސޯޝަލް މީޑިއާ ޗެނަލްތަކުގައި ވެސް ޖެމްކިއުއަށް އިންވެސްޓް ކުރުމަށް ހިތްވަރުދީ އިޝްތިހާރު ކުރެ އެވެ.
މި ސްކީމްގައި އިންވެސްޓު ކުރާ މީހުން އިތުރުވަމުން ދަނީ އެކަކު އަނެކަކު ކައިރީގައި މީގެއިން ލިބޭ ފައިދާގެ ވާހަކަ ދައްކައި އިންވެސްޓް ކުރަން މީހުންނަށް ބާރު އަޅައިގެންނެވެ.
ޖެމްކިއުގައި ޕިރަމިޑް ސްކީމެއްގައި ފުރިހަމަވާން ޖެހޭ ހުރިހާ ސިފައެއްހެން އެބަހުއްޓެވެ. ކްރިޕްޓޯ ބޭސްޑް ޕިރަމިޑް ސްކީމްތަކަކީ ދުނިޔޭގައި ހިންގަމުން އަންނަ ސްކީމްތަކެކެވެ. މިފަދަ ސްކީމްތަކުގައި އެތައް ބައެއްގެ ފައިސާ ގެއްލިފައި ވެސް އެބަހުއްޓެވެ.
ޕިރަމިޑް ސޭލްސް ސްކީމްތަކުގައި އިންވެސްޓުކުރަނީ އޭގެ ހަގީގަތް ނޭނގި ތިބެ އެވެ. ޖެމްކިއުގައި އިންވެސްޓް ކުރަނީ "ޔޫއެސްޑީޓީ މައިނިން" ނަމުގަ އެވެ. އިންވެސްޓް ކުރާ މީހާގެ ފަހަތުން އިތުރު މީހުން އެ ސްކީމަށް ޝައުގުވެރިކުރުވައި، ސްކީމުގައި ބައިވެރިކުރުވުމަކީ ފުރަތަމަ އިންވެސްޓަރުންގެ މަންފާ ބޮޑުވާނެ ކަމެއް ކަމަށް ބުނެ އެވެ.
ޔޫއެސްޑީޓީއަކީ ބިޓްކޮއިން އާއި އެތީރިއަމްފަދަ ކްރިޕްޓޯ ކަރަންސީ ފަދައިން މައިން ކުރެވޭ ކްރިޕްޓޯ ކަރަންސީއެއް ނޫނެވެ. ޔޫއެސްޑީޓީއަކީ ސްޓޭބަލްކޮއިން އެކެވެ. މާނައަކީ އަބަދުވެސް އޭގެ އަގަކީ އެއް އެމެރިކާ ޑޮލަރާ އެއްވަރު އަގެއް ކަމެވެ. ޔޫއެސްޑީޓީ އުފައްދައި އޭތި ނައްތައިލެވޭނީ އެ ފައިސާ އުފެއްދި ޓެދާ ކުންފުންޏަށް އެކަންޏެވެ.
އެހެންކަމުން، ޔޫއެސްޑީޓީ މައިން ކުރާއިރު ދެ ޕަސެންޓުގެ ރިޓާން ލިބޭނެ ކަމަށް ބުނެ މި ސްކީމުން އޮޅުވައިލަނީ އެވެ. ފައިދާ އިތުރުވަނީ އިންވެސްޓް ކުރާ މީހާގެ ފަހަތުން އިތުރު މީހުން އެ ސްކީމަށް ޝައުގުވެރިކުރުވައި، އޭގައި ބައިވެރިކޮށްގެންނެވެ. މިފަދަ ސްކީމްތަކުގައި އާންމު ގޮތެއްގައި ލަނޑުލިބޭނީ ފަހުން އެ ސްކީމުގައި ބައިވެރިވާ މީހުންނަށެވެ.
ޖެމްކިއުގެ ރިޓާންތައް ބޮޑުކޮށް ހުރުމާއި، އެހެން މީހުން ސްކީމަށް ރެކްރޫޓް ކުރަން ޖެހުމާއި، އެއްވެސް އަސްލު ޕްރޮޑަކްޓެއް ނެތުމާއި، ބިޒްނަސް މޮޑެލްއެއް ނެތުމާއި، މާލީ އިދާރާތަކުން ރެގިއުލޭޓް ނުކުރުމަކީ މިއީ ޕިރަމިޑް ސްކީމެއްކަން ޔަގީންވެ ކަށަވަރު ކުރެވޭ ސިފަތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ