އިޒްރޭލުގެ ބަނދަރު ސިޓީ ހައިފާއަށް ބޮން އަޅައި ގެއްލުންތަކެއް ދީފި

އީރާނުގެ އާންމުންނާއި އޮފިޝަލުންނާއި ސައިންސްވެރިންނަށް އަމާޒުކޮށް އުޒުރެއް ނެތި ވައިގެ ހަމަލާތަކެއްދީ މަރާލުމާ ގުޅިގެން އީރާނުން ދެވަނަ ރޭ ބެރޭޖު މިސައިލުން ދިން ރައްދުގައި، އިޒްރޭލުގެ ބަނދަރު ސިޓީ ހައިފާއަށް ބޮން އަޅައި ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ޓައިމްސް އޮފް އިޒްރޭލުުން މިއަދު ބުނެފި އެވެ.
އިޒްރޭލުގެ ރަސްމީ ފަރާތްތަކުން ވަނީ އީރާނުގެ ހަމަލާތަކުގެ ގެއްލުމާ ގުޅޭ މައުލޫމާތު ފެތުރުން ހުއްޓުވައި ސެންސަރުޝިޕްގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.
ނަމަވެސް އިޒްރޭލުގެ ބަނދަރު ސިޓީ، ހައިފާއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މަންޒަރު އާންމުން ޝާއިއުކޮށްފައިވާ ފޮޓޯތަކުން ފެނެ އެވެ. އަދި އެ ސިޓީގެ އެކި ތަންތަނުން ދުމުގެ ބޮޑެތި ވިލާގަނޑުތައް ފެންނަ އިރު، ބައެއް ސަރަހައްދުތަކުގައި ވަނީ އަލިފާން ރޯވެފަ އެވެ. އިބުތިދާއީ ރިޕޯޓްތައް ބުނާ ގޮތުން ރޭ ދިން ސިލްސިލާ ހަމަލާތަކުގައި އިޒުރޭލުގެ ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.
އީރާނުން މި ބެރޭޖު މިސައިލުން ހަމަލާ ދިނީ ފުރަތަމަ ފަހަރަށެވެ.
އިޒްރޭލުގައި ހުރި ދެ ބުރީގެ ގެއަކަށް އީރާންގެ މިސައިލް ހަމަލާއެއް އަރައި ހަތަރު އަންހެނަކު މަރުވެ، 10 ވަރަކަށް މީހުން ޒަހަމްވެފައިވާ ކަމަށް ވެސް ޓައިމްސް އޮފް އިޒްރޭލުން ބުންޏެވެ.
ހުކުރު ދުވަހުގެ ރެއިން ފެށިގެން އިއްޔެ ފަތިހުގެ ވަގުތާ ހަމައަށް އީރާނުން ދިން ހަމަލާތަކުގައި މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ތެލްއަވީވް އާއި ބޮޑެތި އިމާރާތްތަކަށް ކަމަށް އީރާނުން ބުނެ އެވެ.
އިސްލާމިކް ރިވޮލިއުޝަން ގާޑް ކޯޕްސް (އައިއާރްޖީސީ)ން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބެލިސްޓިކް މިސައިލްތައް ކާމިޔާބުކަމާ އެކު އަމާޒުކޮށްފައިވަނީ މަދުވެގެން 150 އަސްކަރީ އަދި ޖާސޫސީ ތަންތަނަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ