ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކަށް ގަވައިދެއް: ކޮންމެ ކުއްޖަކަށް ފަރުވާގެ ޕްލޭނެއް ހަދަން ޖެހޭނެ

ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކަށް ގެންދާ ކޮންމެ ކުއްޖަކަށް ޚާއްސަ ފަރުވާގެ ޕްލޭނެއް ހަދަން ޖެހޭ ކަމަށް ބަޔާންކޮށް، ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ގަވައިދު އެކުލަވާލައިފިއެވެ. ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއުކުރި ކުޑަކުދިންގެ ކަރެކްޝަނަލް މަރުކަޒުތަކުގެ ގަވައިދުގެ މަގުސަދުތަކުގެ ތެރޭގައި، އެފަދަ މަރުކަޒުތަކަށް ގެންދާ ކުދިންގެ ހައްގުތައް ކަށަވަކޮށްދީ، އެ ކުދީންގެ ހައްގުތަކަށް އުނިކަމެއް ނާންނާނެ ފަދަ ގޮތެއްގެ މަތީން އަމަލުކުރުމަށް ޓަކައި އެ ކުދިންގެ އަސާސީ ޚިދުމަތްތަކާއި އިނާޔަތްތަކާއި ފަރުވާގެ ޕްރޮގްރާމްތައް ބަޔާންކޮށްދިނުން ހިމެނެއެވެ. އެ ގަވައިދުގައިވާ ގޮތުން ކަރެކްޝަނަލް މަރުކަޒުތައް ބެހިގެންވަނީ ދެ ބާވަތަކަށެވެ. އެއީ ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި ލޯންގް ޓާމް ސެކިޔޯ ފެސިލިޓީއެވެ. ޖުވެނައިލް ޑިޓެންޝަން ސެންޓަރަކީ ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުޑަކުދިންގެ ތެރެއިން ނުރައްކާތެރި ކުށްކުރާ ކުދިން ފިޔަވައި އެހެން ކުދިން ބޭތިއްބުމަށް އުފައްދާ މަރުކަޒުތަކެވެ. އަދި ލޯންގް ޓާމް ސެކިޔޯ ފެސިލިޓީއަކީ ދިގު މުއްދަތަކަށް ބަންދުކުރުމަށް ކޯޓުން ކަނޑައަޅާ ކުދިންގެ ތެރެއިން ޖިނާއީ ބޯޑެތި ކުށްތައް ކުރާ, މުޖުތަމައާ އެކަހެރިކޮށްގެން ބަލަހައްޓަންޖެހޭ ކުދިން ބެލެހެއްޓުމަށް އުފައްދާ މަރުކަޒުތަކެވެ. އެ ގަވައިދުގައިވަނީ، މަރުކަޒުތަކަށް ގެންދާ ކުއްޖާ ކޮށްފައިވާ ކުށުގެ ބާވަތާއި ކުޑަބޮޑުމިނާއި އުމުރުފުރައާއި ޖިންސާއި ޖިސްމާނީ ދުޅަހެޔޮކަމާއި ނަފުސާނީ ދުޅަހެޔޮކަމާއި ވަށައިގެންވާ އެންމެހާ ހާލަތްތަކާއި، ޖުވެނައިލް ޖަސްޓިސް ޑިޕާޓްމެންޓުން ތައްޔާރުކުރާ އެސެސްމެންޓް ރިޕޯޓުތަކަށް ރިއާޔަތްކޮށް ކުދިން ވަކިން ބޭތިއްބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އެފަދަ މަރުކަޒަކަށް ކުއްޖަކު ގެންދާތާ ގިނަވެގެން ތިން ދުވަހުގެ ތެރޭގައި މެޑިކަލް އެސެސްމެންޓެއް ހަދައި، ކުށެއްގެ ޝިކާރައަކަށްވެފައިވޭތޯއާއި ޖިސްމާނީ ގޮތުން ނުވަތަ ނަފުސާނީ ގޮތުން އަނިޔާއެއްވެފައިވޭތޯ ބަލަން ޖެހެއެވެ. އެއަށްފަހު އެ ކުދިންނަށް ފަރުވާގެ ޕްރޮގްރާމުތައް ހިންގުމާ ގުޅޭ އުސޫލުތައް ވެސް ގަވައިދުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މަރުކަޒަށް ގެންދާ ކޮންމެ ކުއްޖަކާ ގުޅޭ ގޮތުން އެ މަރުކަޒެއްގައި ހިންގާ ފަރުވާގެ ޕްރޮގްރާމުތައް ހިމަނައި، އެ ކުއްޖަކަށް އެންމެ އެކަށޭނަ ފަރުވާގެ ޕްލޭނެއް މަރުކަޒުން އެކުލަވައިލަން ވާނެއެވެ. އެ ފަރުވާގެ ޕްރޮގްރާމުތައް ހިންގުމަށް ބޭނުންވާ މުވައްޒަފުންނަކީ: ކައުންސިލަރު ސޯޝަލް ވޯކަރު ރިހެބިލިޓޭޝަން އޮފިސަރު ކަރެކްޝަން އޮފިސަރުން ޕެރޯލް އޮފިސަރުން އިދާރީ މުވައްޒަފުން އޭގެ އިތުރުން އެ ކުދިންނަށް ގަވައިދުން މުދައްރިސުންނާއި، ދީނީ އިލްމުވެރިންނާއި، ވޮކޭޝަނަލް ތަމްރީނުދޭ މީހުންނާއި، ޑޮކްޓަރުންނާއި، ސައިކޮލޮޖިސްޓުންނާއި، ސައިކޭޓްރިސްޓުންނާއި، ހެލްތު އެސިސްޓެންޓުންނާއި، ދަރުމަވެރިންގެ ޚިދުމަތް ގަވައިދުން ލިބޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށް ގަވައިދުގައިވެއެވެ. އެ ކުދިންނަށް ފަރުވާދޭއިރު، ކުއްޖާގެ ފަރުވާގެ ޕްލޭން އެކުލަވައިލާނީ ނުވަ ކަމަކަށް ރިއާޔަތްކޮށްފައެވެ. އެއީ: ކުއްޖާގެ އުމުރު ކުއްޖާ ކޮށްފައިވާ ކުށް ނުވަތަ އަމަލާއި އެ ކުށުގެ ނުވަތަ އަމަލުގެ ކުޑަބޮޑު މިން ކޯޓުގެ ހުކުމް ކުއްޖާގެ ސިއްހީ ހާލަތާއި ނަފުސާނީ ހާލަތާއި ޖިސްމާނީ ހާލަތާއި ކުއްޖާގެ އިޖުތިމާއީ ހާލަތު ވަޒަންކުރާ ރިޕޯޓު ކުއްޖާއާ ގުޅޭ ގޮތުން ހަދައިފައިވާ ރިސްކް އެސެސްމެންޓް ރިޕޯޓުތައް ކުއްޖާގެ މެޑިކަލް އެސެސްމެންޓް ކޮންމެ ފަރުވާގެ ޕްލޭނެއް އެކުލަވައިލުމުގައި ވެސް ކުދިންގެ އުމުރަށާއި ޖިންސަށާއި ކުއްޖާ ތަރައްގީވެފައިވާ މިންވަރަށް ރިއާޔަތްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުން ފަރުވާގެ ޕްލޭނުގައި ހިމެނޭ ޕްރޮގްރާމުތަކުގެ އަލީގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި ނަތީޖާ އެ ގަވައިދުގައި ވަނީ މަރުކަޒުތައް ހިންގަން ވާނީ ހޯމް މިނިސްޓްރީން ދޫކުރާ ހުއްދައެއްގެ ދަށުން ކަމަށާއި ހިންގަން ހުއްދަ ދޭތާ 60 ދުވަހުގެ ތެރޭގައި ޚިދުމަތް ފަށަން ވާނެ ކަމަށެވެ. މީގެ އިތުރުން ޕެރޯލްގެ ދަށުން މުޖުތަމައަށް ކުދިން ދޫކުރުމާއި ވަގުތީ ގޮތުން ދޫކޮށްލުމާއި ދާއިމީކޮށް ދޫކޮށްލުމާ ގުޅޭ އުސޫލުތައް ވެސް ގަވައިދުގައިވެއެވެ. އެގޮތުން ކަރެކްޝަނަލް މަރުކަޒުން ދޫކޮށްލާނީ ކުއްޖާގެ މައްޗަށް ކޯޓުން ކޮށްފައިވާ ހުކުމް ބާތިލުކުރުމުން ނުވަތަ ތަންފީޒު ކުރަމުންދާ ހުކުމް ނިމުމުންނެވެ. ނުވަތަ މައާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އެ ކުއްޖަކަށް މައާފުލިބުމުން ނުވަތަ ލުއިކޮށްދިނުމުން ތަންފީޒުކުރަމުންދާ ހުކުމް ނިމުމުންނެވެ. ކުޑަކުދިން ކުށަށް އަރައިގަންނަ މިންވަރު މަދުކުރުމަށް މި ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކުޑަކުދިން ސަލާމަތްކުރުމަށް ހަދާ އިސްލާހީ މަރުކަޒު، ނުވަތަ ހޯޕް އައިލެންޑް ހިމެނެއެވެ. https://sun.mv/206462 ހޯޕް އައިލެންޑް ތަރައްގީކުރަން ހަމަޖެހިފައިވަނީ އުތުރު ތިލަފަޅުގެ 15 ހެކްޓަރު ހިއްކައިގެންނެވެ. އަދި އެ ތަނުގައި 700 މީހުންނަށް ޚިދުމަތް ދެވޭނެ ކަމަށް، އެ މަޝްރޫއަށް އިންވެސްޓް ކުރަން ހުޅުވާލި ފުރުސަތުގައި ހާމަކުރި މައުލޫމާތުގައިވެއެވެ. އެ މަޝްރޫއު ނިންމަން ސަރުކާރުން އަމާޒު ހިފައިފައިވަނީ އޮކްޓޯބަރު 2027ގެ ނިޔަލަށެވެ. މީގެ އިތުރުން ސްކޫލް ނިންމާ ކުދިން ކުށަށް ހުށަހެޅުން ހުއްޓުވުމަށް ޓަކައި، އެ ކުދިން ގައުމީ ޚިދުމަތުގެ ޕްރޮގްރާމު ނުވަތަ މޯލްޑިވްސް ނޭޝަނަލް ސާވިސްގައި ބައިވެރިވެގެން ފުލުހުންނާއި ސިފައިންގެ މުއައްސަސާތަކުން ތަމްރީނު ވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާން އޭޕްރިލް މަހުގެ 30ގައި ފުރުސަތު ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށް ސަރުކާރުން ބުނެފައިވެެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ