މެންބަރުންގެ ސުވާލުތަކުގެ ޖަވާބު ހޯއްދެވުމަށް މުއްތޮލިބު އެދިވަޑައިގެންނެވީ އޭނާއަށް ގުޅުއްވުމަށް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރަށްރަށުގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މެންބަރުން ކުރެއްވި ގިނަ ސުވާލުތަކުގެ ޖަވާބު ހޯއްދެވުމަށް އޭނާއަށް ގުޅުއްވުމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މުއްތޮލިބު ހާޒިރުކޮށްފައިވަނީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު އޭނާގެ ދާއިރާގެ ރަށްތަކުގެ ނަރުދަމާ ނިޒާމްގެ މަޝްރޫއާ ގުޅޭ ގޮތުން ކުރެއްވު ސުވާލަށް ޖަވާބު ހޯއްދެވުމަށެވެ. އެގޮތުން:
ބ. ކުޑަރިކިލު، ކިހާދޫ އަދި ދޮންފަނުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ހުއްޓިފައި އޮންނަތާ މިހާރު 8 މަހަށް ވުރެ ގިނަ ދުވަސް ވެފައިވާތީވެ، އެ މަސައްކަތް ފެށޭނެ އަދި ނިމޭނެ ތާރީހަކީ ކޮބައިތޯ މައުރޫފްގެ ސުވާލުގައި އައްސަވާފައިވޭ
އެ މައުލޫގެ ބޭރުން ދެން ގިނަ މެންބަރުން ސުވާލު ކުރެއްވީ އެ މެންބަރެއްގެ ދާއިރާގެ މަޝްރޫއުތަކާ ގުޅޭ ގޮތުން؛ ނަމަވެސް އެ ސުވާލުތަކަކީ މައުލޫއާ ނުގުޅޭ ސުވާލުތަކަށް ވާތީވެ، ސީދާ ޖަވާބެއް މުއްތޮލިބު ދެއްވާފައެއް ނުވޭ
ތަފްސީލު - މައުރޫފްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ތިން ރަށުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއަކީ މިދިޔަ ސަރުކާރުގައި، 29 ޑިސެމްބަރު 2021ގައި އޭރުގެ އިންފްރާސްޓްރަކްޗާ މިނިސްޓްރީން ފެނަކަ ކުންފުންޏާ ހަވާލުކޮށް، ވަކި ހިސާބަކުން ހުއްޓިފައިވާ މަޝްރޫއެއް ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:
އެއްބަސްވުމާ އެއްގޮތަށް މަޝްރޫއު ކުރިއަށް ގެންގޮސްފައި ނުވާތީ މި ސަރުކާރުގައި، 13 ޖޫން 2024ގައި އެ އެއްބަސްވުން ބާތިލު ކުރި
މަސައްކަތް އަލުން ފެށުމަށްޓަކައި 10 އޮކްޓޯބަރު 2024ގައި އެ މަޝްރޫއު އެމްޑަބްލިއުއެސްއީއާ 720 ދުވަސް (ދެ އަހަރު) ތެރޭ ނިންމަން ހަވާލު ކުރި؛ މަސައްކަތް ނިންމަން އެއްބަސްވެފައިވާ ތާރީހަކީ އަންނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް
މަޝްރޫއުގެ އަގަކީ 61 މިލިއަން ރުފިޔާ (ކުޑަރިކިލި)، 69 މިލިއަން ރުފިޔާ (ކިހާދޫ) އަދި 62 މިލިއަން ރުފިޔާ (ދޮންފަނު)
މި މަޝްރޫއު ލަސްވާ ސަބަބެއްގެ ގޮތުގައި މިނިސްޓަރު ފާހަގަކުރެއްވީ ލިޔެކިޔުންތައް ހަމަނުވުމެވެ. އެގޮތުން، ކުރިން މި މަޝްރޫއު ފެށީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ)ގެ ހުއްދަ ނުނަގާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
"މަޝްރޫއުގެ ޑިޒައިންގެ ހުއްދަ ހޯދުމުގެ މަސައްކަތްތާއި ސަބް ކޮންޓްރެކްޓް ކުރުމުގެ މަސައްކަތުގެ އިތުރުން ބައެއް ސައިޓްތަކުގެ ހާލު ދެނެގަނެ، ސާފު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" މިނިސްޓަރު ވިދާޅުވި އެވެ.
"4 އެޕްރީލް 2025ގައި ކުޑަރިކިލުގައި އެމްޑަބްލިއުއެސްއީގެ ޓީމް ވަނީ މޮބިލައިޒް ކުރެވިފައި. 15 މެއި 2025ގެ ކުރިން ދޮންފަނާއި ކިހާދޫގައި މޮބޮލައިޒް ވާނެ ކަމަށް އަޅުގަނޑުމެންނަށް އަންގާފައިވޭ."
އެހެންކަމުން، އޭނާ ގަބޫލު ކުރައްވާ ގޮތުގައި، އެއްބަސްވެފައިވާ ގޮތަށް އަންނަ އަހަރުގެ 30 ސެޕްޓެމްބަރުގެ ކުރިން މި ތިން ރަށުގެ މަޝްރޫއު ނިންމޭނެ އެވެ.
މިނިސްޓަރުގެ އެ ޖަވާބުގެ ފަހުން ދެން ގިނަ މެންބަރުން ސުވާލު ކުރެއްވީ އެ މެންބަރެއްގެ ދާއިރާގެ މަޝްރޫއުތަކާ ގުޅޭ ގޮތުންނެވެ. މިނިސްޓަރުގެ ޖަވާބަކަށްވީ އެ ސުވާލުތަކުގެ ޖަވާބު ހޯއްދެވުމަށް އޭނާއަށް ގުޅުއްވުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ