ދިވެހިރާއްޖެ އާއި ސޯޝަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ސްޓޭޓް ޕްރެޒިޑަންޓް ހިޒް އެކްސެލެންސީ ލުއޮންގް ކުއޮންގް އަށާއި ބޮޑުވަޒީރު ހިޒް އެކްސެލެންސީ ފާމް މިންހް ޗިންހް އަށް، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ސްޓޭޓް ޕްރެޒިޑެންޓަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި މި ތާރީޚީ މުނާސަބަތުންވެސް، ދެ ޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމާއި، އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިޙުތިރާމާއި ދޭ އެއްބާރުލުން ދައްކުވައިދޭކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ޚާއްޞަކޮށް ފަރުދީ ފެންވަރުގައި ގުޅުންބަދަހިކުރުމާއި، އިޤްތިޞާދީ ގޮތުން އެއްބާރުލުން ދިނުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭކަން ޔަޤީންކުރައްވާކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި، އެ ޤައުމަށް އިތުރު އެއްބާރުލުން ދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުތަކުގައި، ވިއެޓްނާމްގެ ސްޓޭޓް ޕްރެޒިޑެންޓާއި ބޮޑުވަޒީރަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ވިއެޓްނާމްގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.
ދިވެހިރާއްޖެ އާއި ވިއެޓްނާމާ ދެމެދު ޚާރިޖީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އެ ޤައުމުގެ ސްޓޭޓް ޕްރެޒިޑެންޓާއި ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ