ރާއްޖެ އޮތް ދެރަ ހާލަތުން އަރައިގަތުމަށް ސަރުކާރާއި ރައްޔިތުން ގުޅިގެން ގިނަގުނަ މަސައްކަތް ތަކެއް ނުކޮށް ގައުމަށް ސަލާމަތެއް ނެތެވެ. ދުނިޔެ ވެއްޓެމުން އެދަނީ ހަނގުރާމާގެ ވިލާގަޑެއްގެ ދަށަށެވެ. މާދަމާ ވާނެގޮތެއްވެސް އަންދާޒާކޮށް ނުލެވޭހާ ދުނިޔޭގެ މަޝްރަހު ގޯހެވެ. އެއްގައުމުން އަނެއް ގައުމަށް އަޅާނުލެވޭ ހިސާބަށް ކަންކަން ގޯސް ނުވާނެ ކަމަށް ބެލޭކަށް ނެތެވެ.
ދުނިޔޭގެ އާއްމު ހާލަތުގައިވެސް ރާއްޖެއަކީ ނާޒުކު ހާލަތެއްގައި އޮތް ގައުމެކެވެ. ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިން އެޖެންސީތަކުން ކިރިޔަކިރިޔާ ބަނގުރޫޓް އިއުލާނު ނުކުރާ ހާލަތުގައެވެ. ދަތްކޮއްޓާ އިލޮށިކޮޅުން ފެށިގެން ދިރިއުޅުމުގެ އެންމެމަތީ ފެންވަރުގެ ތަކެއްޗަށް ދާންދެން ގެންނަން ޖެހެނީ ބޭރުންނެވެ. ހާއްސަކޮށް މުޅި ރާއްޖޭގެ ހުރިހާ ކަމެއް ބަރޯސާވެފައި އޮތީ ތެލަށެވެ.
ދިރިއުޅުމުގެ ހުރިހާ ކަމެއް ގުޅިފައިވަނީ ކަރަންޓާއެވެ. މަތިމައްޗަށް ނަގާފައިވާ ބިލްޑިންތަކާއި ކުދިކުދި ފިޔަފާޅިތަކާއި ޖިފުޓިތަކަށް ވެސް ބޭނުންވަނީ ކަރަންޓެވެ. ކަރަންޓް ލިބެން އޮތީ ތެޔޮ ލިބިގެންނެވެ. މަސްވެރިކަމާއި ދަތުރުފަތުރުވެސް ތެޔޮނެތި ކުރެވޭނެ ގޮތެއް ނެތެވެ. ކުޑަ މިނުން ތެލާއި ކާބޯތަކެތި ހޯދުމަށް ބޭރުފައިސާ ނެތިއެއް ނުވެއެވެ. ބޭރުފައިސާ ލިބޭ އެންމެ ބޮޑު ވަސީލަތަކީ ޓޫރިޒަމެވެ. ހަނގުރާމައިގެ ސަބަބުން ތެޔޮލިބުމުގެ ދަތިކަން ބޮޑުވެ ދުނިޔޭގެ ދަތުރުފަތުރަށް އަރާ ކުޑަކުޑަ ލޮޅުމަކުންވެސް ރާއްޖޭގެ ޓޫރިޒަމް ހުއްޓުމަކަށް ހިނގައިދާނެއެވެ.
ރާއްޖެ އޮތް ދެރަ ހާލަތުން ރަނގަޅު ހާލަތަކަށް ގެންގޮސް ދިނުމަށް ދެވަނަ ވިސްނުމަކަށް ހުރިހާ ސިޔާސީ ވެރިންނާއި ރައީސް މުއިއްޒު ދާން އެބަޖެހެއެވެ. ސަރުކާރުގެ އިސްރާފުތައް ކުޑަކޮށް ކޮންމެހެން ކުރަން މަޖުބޫރު ހަރަދެއް ނޫނީ ދައުލަތުން ނުކޮށް ހުއްޓާލަން ޖެހެއެވެ. ހަރަދު ކުޑަކުރުމުގެ ނަމުގައި އެންމެ ފުރަތަމަވެސް ކުރާކަމަކަށް ނިކަމެތި ރައްޔިތުމީހާއަށް ބޭސްފަރުވާގެ ގޮތުގައި ދެވޭ ލުއިފަސޭހަތައް ހުއްޓާލުމަކީ ހަރަދު ކުޑަކުރުމެއް ނޫނެވެ.
ސިޔާދަތު ރައްކާތެރި ކުރުމުގެ ނަމުގައި މިސައިލާއި ހަނގުރާމަ މަތީ ހަތިޔާރާއި ޑްރޯނާ މަނަވަރު ހޯދައިގެން ހާލަތު ރަނގަޅެއް ނުކުރެވޭނެއެވެ. ހޯދާ މަނަވަރަކުން ހަތިޔާރަކުން ރާއްޖޭގައި ކުރާނީ ކީއްހެއްޔެވެ. ހަތިޔާރު ގަންނަން ހޭދަކުރާ ފައިސާ ވެރިން ބައިއަޅައިގެން ނުބުރުއްސިޔަސް ހަނގުރާމަ މަތީ ހަތިޔާރު ގަނެގެން އެތަކެތި ބެލެހެއްޓުމަކީ ކިހާބޮޑު ހަރަދެއް ހެއްޔެވެ. ޑްރޯނާއި މަނަވަރު ހޯދައިގެން އެތަކެތި ހިންގާ ބެލެހެއްޓުމަށް އަހަރަކު އެތަން މިލިޔަން ޑޮލަރެއް ހޭދަކުރެވޭނެ ވަރު ރާއްޖޭގެ ދާމޫގަނޑުގައި ނުހުންނާނެކަން ކަށަވަރެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރު ހިންގުމަށާއި ކަރަންޓާއި ފެން ފޯރުކޮށް ދިނުންފަދަ ކަންކަމަށް ކުރެވޭ ހިންގުމުގެ ހަރަދުތަކާއި އިސްރާފްތައް ކުޑަކުރެވިދާނެއެވެ. ސްޓެލްކޯ ފާރުތަކުގެ ބޭރާއި އެތެރެ ގަސްމުށިންފުރާލާ ގަސް ނުއިންދާވެސް ކަރަންޓްގެ ހިދުމަތް ދެވޭނެއެވެ. ފުލުފުލުގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ސަރުކާރުން ބާއްވާ އިވެންޓްތައް ނުބާއްވާވެސް ދައުލަތް ހިންގޭނެއެވެ. ބޮޑުގެރި ބޭރަށް ހިންގާހެން ރައީސާއި ވަޒީރުންނާއި ސިޔާސީ ވެރިން ރާއްޖޭން ބޭރަށް ދަތުރުނުކޮށްވެސް ދައުލަތް ހިންގޭނެއެވެ. އެތައް ގައުމެއްގައި ރާއްޖޭގެ އެންބަސީ ނުހުއްޓަސް ހާރިޖީ ގުޅުންތައް ދެމެހެއްޓޭނެއެވެ. ވެހޭތާ ފެންނަގާ އުސޫލުން ސަރުކާރުތެރެއިން ކުރާ ވައްކަމާއި އިސްރާފް ހުއްޓާލާ ވުޒާރާތަކާއި މުއައްސަސާތައް މަދުކޮށް ކުޑަކޮށް އާއްމު ހުރިހާ ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށް މަގުފަހިކޮށްދީ ލުއިތައް ދީގެން ނޫނީ ސަލާމަތްވާކަށް ނެތެވެ.
ހޯދާ ޑްރޯނާ މަނަވަރަކުން ރާއްޖެއަށް ސަލާމަތެއް ނެތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ