މިއުނިކް (ފެބްރުއަރީ 8) - ޖަރުމަނު ލީގުގައި ރޭ ހެރީ ކޭން ކާމިޔާބުކުރި ދެ ޕެނަލްޓީއާ އެކު، 3-0 އިން ވާޑާ ބްރެމަން ބަލިކޮށް ބަޔާން މިއުނިކުން ލީގުގެ އެއް ވަނައިގައި ބޮޑު ލީޑެއް ނަގައިފި އެވެ.
ރޭގެ މޮޅާ އެކު، ޖަރުމަނު ފުޓްބޯޅައިގެ އެންމެ ކާމިޔާބު ޓީމު، ބަޔާނުން ލީގުގެ އެއް ވަނައިގައި ވަނީ ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. އެއީ 21 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުގެ ޗެމްޕިއަން، ބަޔާ ލެވަކޫސަން އޮތީ 20 މެޗުން 45 ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ.
ބްރެމަން ކޮޅަށް ބަޔާނުން ތިން ގޯލު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ދެ ވަނަ ހާފު ފެށިގެން 11 މިނިޓް ތެރޭ ކޭން، 31، ފުރަތަމަ ޕެނަލްޓީ ކާމިޔާބުކުރިއިރު، މިއީ، ކޭން ޖެހި ޝޮޓެއް ބްރެމަން ކުޅުންތެރިއަކު އަތުގައި ޖެހުމުން ދިން ޕެނަލްޓީ އެކެވެ.
މެޗުގެ 82 ވަަނަ މިނިޓްގައި ބަޔާންގެ ދެ ވަނަ ގޯލު ޖެހީ ލެރޯއި ސާނޭ އެވެ. މިއީ ޖަމާލް މުސިއާލާ އާއި ކޮންރަޑް ލައިމާ ގުޅިގެން ކުރި އެޓޭކެއްގައި ތަނަވަސްކުރި ފުރުސަތަކުން، ސާނޭ ޖެހި ގޯލެކެވެ.
ކޭން، އޭނާގެ ދެ ވަނަ ޕެނަލްޓީ ކާމިޔާބުކުރީ އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގަ އެވެ. މިއީ މުސިއާލާ އަށް ބްރެމަން އޭރިއާތެެރެއިން ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ. ބަޔާނަށް ދިން ދެ ޕެނަލްޓީގައި ވެސް ބްރެމަން އިން ފައުލުކުރީ އެންތަނީ ޖުންގް އެވެ.
އިނގިރޭސި ފޯވާޑް، ކޭން، ލީގުގައި މި ފަހަރު މިހާތަނަށް 21 ގޯލު ޖަހާފައިވާއިރު، ސީޒަނުގެ ހުރިހާ މުބާރާތެއްގައި 28 ގޯލު ޖަހާފައިވެ އެވެ. އަދި ބަޔާނާ ގުޅުނު ފަހުން، ޖަރުމަނު ލީގުގައި ކޭން ވަނީ 51 މެޗުން 57 ގޯލު ޖަހައިފަ އެވެ.
ކޭންގެ ދެ ޕެނަލްޓީއާ އެކު މޮޅުވެ ބަޔާނަށް ބޮޑު ލީޑެއް ކޭންގެ ދެ ޕެނަލްޓީއާ އެކު މޮޅުވެ ބަޔާނަށް ބޮޑު ލީޑެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ