ލުބްނާނުގެ އައު ބޮޑުވަޒީރަށް ރައީސް ޑރ.މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލުބްނާނުގެ އައު ބޮޑުވަޒީރު، އަދި ކައުންސިލް އޮފް މިނިސްޓަރސްގެ ރައީސް، ހިޒް އެކްސެލަންސީ ނަވާފް ސަލާމަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ލުބްނާނުގެ އައު ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، އެ މަނިކުފާނުގެ ޒަޢާމަތުގައި ލުބުނާނަށް ކުރިއެރުން ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން އޮތް ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި އިސްލާމީ އަސްލުތަކާއި ދެޤައުމުން އިސްކަންދޭ ކަންކަމުގެ މައްޗަށް ބިނާވެފައިވާ ދެޤައުމުގެ ގާތް އުޚުއްވަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެއްވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ބޮޑުވަޒީރުގެ ހިންގުންތެރިކަމާއި ޙިކުމަތްތެރިކަމުގެ ދަށުން، އެ މަނިކުފާނުގެ ބޮޑުވަޒީރު ކަމުގެ ދައުރުގައި ލުބުނާނުގެ ރައްޔިތުންނަށް ސުލްޙައާއި ފާގަތިކަން ހޯއްދަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ