އިމްތިޙާނެއް ހަދާނަމަ ދަށުން ފާސްވާން ބޭނުންވާނެ މީހަކު ނުހުންނާނެއެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ އެންމެ މަތިން ފާސްވުމަށެވެ. އަހުރެމެންނަށް ކުރިމަތިވާ އެންމެ ބޮޑު އިމްތިޙާނަކީ ދުނިޔޭގެ ޙަޔާތެވެ. ސުވަރުގޭގެ އެންމެ މަތީ ދަރަޖަތަކަށް ވާޞިލްވެވެން އޮތީ އެއިމްތިޙާނުން ފާސްވެ އަދި ހޯދޭ މާކްސްގެ ނިޞްބަތުންނެވެ. ވީމާ ވިސްނާލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.
ދުނިޔޭގެ ޙަޔާތުގައި ހިތްދަތިކަން ކުރިމަތިވުމާއި ދަތި އުނދަގޫ ޙާލަތުގައި ދިރިއުޅެން ޖެހުމަކީ ވަރަށް ގިނައިން ކުރިމަތިވާ ކަމެކެވެ. އަދި އެފަދަ ޙާލަތު ގިނައިން މެދުވެރިކުރައްވަވަނީ އެމީހަކަށް ރަޙްމަތެއްގެ ގޮތުންނެވެ. އެފަދަ ޙާލަތު ކުރިމަތިވުން ގިނަވެއްޖެނަމަ ދިގުލައިދާނަމަވެސް އޮތީ ކަންބޮޑުވުމެއް ނޫނެވެ. އުފާކުރުމެވެ.
ދަތި އުނދަގޫ ޙާލަތު މެދުވެރިވުމުން އެއީ މުޞީބާތެއްކަމަށް ދުށުމަކީ ހަމަ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެހެނީ އެކަމަކީ ތިބާއަށް ސުވަރުގެ ވަދެވޭ ސަބަބުކަމުގައިވެސް ވެދާނެއެވެ. އުންމީދުކޮށް ޔަޤީންކުރަންވީ އެގޮތަށެވެ.
ޔަޤީންކުރަންވީ ސުވަރުގެ ވައްދަވާނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ އަޅުންކަމެވެ. ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގަތުމުން މެނުވީ ހަމައެކަކަށްވެސް ސުވަރުގެ ވަދެވުމެއް ނެތެވެ. އެއީ ރަސޫލްބޭކަލެއް ނަމަވެސްމެއެވެ. އެކަން ޙަދީޘްފުޅުން އެނގެން އެބައޮތެވެ. ވީމާ އެކަމަށް ޝައްކުކުރުމެއް ނެތެވެ.
މިޘާލަކަށް ބުނާނަމަ ތިބާއަށް ލިބުން ޙައްޤުވެގެންވަނީ ސުވަރުގޭގެ މަތިވެރި ދަރަޖައެއް ކަމަށްވެދާނެއެވެ. ތިބާ ދުނިޔޭގައި ހުރީ ހުރިހައި ކަންކަން ފުރިހަމަވެފައި ކަމަށްވާނަމަ ތިބާއަށް ﷲ ތައާލާގެ މަތިން ހަނދުމަކުރެވޭ މިންވަރު މަދުވެދާނެއެވެ. ފަރުޟު އަދާކުރުމުގައި ފަރުވާކުޑަކުރެވިދާނެއެވެ. ސުންނަތް ކުރުމުގައި އިހްމާލް ވެވިދާނެއެވެ. ޛިކުރުކުރުންމަތިން ހަނދުމަވެސް ނެތިދާނެއެވެ. ތިބާއަށް ކުރެވޭ އަޅުކަން މަދުވެދާނެއެވެ. މިއީ ހަމަ ކޮންމެ އިންސާނަކަށްވެސް މެދުވެރިވެދާނެ ކަންކަމެވެ.
އެއިގެ ބަދަލުގައި ތިބާއަށް ކުރިމަތިވެފައިވަނީ ދަތި އުނދަގޫ ހާލަތެއް ކަމަށް ވެއްޖެނަމަ ތިބާއަށް ﷲ ތަޢާލާގެ މަތިން ހަނދުމަ ކުރެވޭ މިންވަރު އިތުރުވެދާނެއެވެ. މިބަޔާންކުރި ކަންކަން ކުރެވޭ މިންވަރު ގިނަވެދާނެއެވެ. އެކަމުގެ ސަބަބުން ތިބާއަށް ސުވަރުގޭގެ މަތީ ދަރަޖައަކަށް ވާސިލުވެވުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. މޮޅަށް ދެނެވޮޑިގެންވަނީ ހަމަ ﷲ ތަޢާލާއެވެ.
ދަތި އުނދަގޫ ހާލަތެއް ކުރިމަތިވާ ކޮންމެ ފަހަރަކު ނުވަތަ ދަތި އުނދަގޫ ހާލަތެއްގައި އުޅެން ޖެހިއްޖެ ނަމަ އެއީ ﷲ ތަޢާލާ ދެއްވެވި ޢަޛާބެއް ކަމަށް ނުދެކޭށެވެ! އުފުލަން ޖެއްސެވި ތަކްލީފެއްކަމަށްވެސް ނުދެކޭށެވެ. އެއީ ތިބާއަށް މިންވަރު ކުރެއްވެވި ނިޢްމަތެއް ކަމަށް ދެކޭށެވެ! އެއިރުން އެއްވެސް ކަމަކާއިމެދު ހިތް ހަމަ ނުޖެހި ކަންބޮޑުވެ މާޔޫސްވާކަށް ވެސް ނުޖެހޭނެއެވެ. އިން ޝާ ﷲ
ދަތި އުނދަގޫ ކޮންމެ ޙާލަތެއް ކުރިމަތިވި ނަމަވެސް ބައެއް މީހުން ދެކޭ ގޮތުގައި އެއީ ﷲ ތަޢާލާ ދެއްވަވާ ޢަޛާބެކެވެ. ނަމަވެސް ދަތި އުނދަގޫ ކޮންމެ ޙާލަތަކީ ޢަޛާބެއް ނޫނެވެ. އެއީ ތިބާއަށް ސުވަރުގެއިން ލިބޭ ދަރަޖަ މަތިވެރިކުރެއްވުމަށް ލެއްވެވި ސަބަބުކަމުގައި ޔަޤީންކުރާށެވެ
ބަލިމަޑުކަމެއް، މާލީ ދަތިކަމެއް ނުވަތަ ކާރިސާއަކުން ގެއްލުމެއް ލިބުނު ނަމަވެސް ބައެއް މީހުން ދެކެނީ އެއީ ﷲ ތަޢާލާ ދެއްވެވި ޢަޛާބެއް ކަމަށެވެ. އަދި ބައެއް ފަހަރު އެކަންކަމަށް ޝަކުވާވެސް އެބަ ކުރެވެއެވެ. އެފަދަ މީހުން އިތުރަށް ވިސްނައިލުން ރަނގަޅުވާނެއެވެ.
ހަމަ އެއާއިއެކު ބައެއް މީހުންނަށް މުޅި އުމުރުގައިވެސް ދަތި އުނދަގޫ ހާލަތްތަކުގައި އުޅެން އެބަޖެހެއެވެ. އެފަދަ މީހުންނަށް ދުނިޔޭގައި އުޅެންޖެހިފައި އޮންނަނީ ވަރަށް ގިނަ ތަކްލީފްތަކާއި އެކުގައެވެ. މިއިން ކޮންމެ ހާލަތެއްގައި ވެސް ދެވަނަ ވިސްނުމަކުން ވިސްނައިލާށެވެ. މިބަޔާންކުރި މަގުން ވިސްނައިލުމުން އުފަލުން ފުރިގެންދާނެއެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ހިތްދަތިކަންވިޔަސް ތަކްލީފެއް އުފުލަންޖެހުނަސް ކަންބޮޑުނުވާށެވެ! އެކަމަކީ ތިބާއަށް ސުވަރުގެ ވަދެވޭނެ ސަބަބުކަމުގައި ހަދަން މަސައްކަތްކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ