ކާތަކެތި އިސްރާފް ކުރުމަކީ ރިޒުޤް އުނިކުރައްވަވައިފާނެ ކަމެއް!

ބައެއް މީހުން އަމިއްލަ ގޭގައި ކައްކައި ކައިބޮއިހަދާއިރުވެސް އިސްރާފްކުރެއެވެ. މިޘާލަކަށް މޭޒުމަތީގައި ކާތަކެތި އަތުރައި ބޭނުންވަރަކަށް ނެގެން ހުންނައިރުވެސް ނުކެވޭވަރަށް ތަށްޓަށް އަޅައި މޮޑެހަދާފައި ނުކައި ބާކީކުރެއެވެ.  
އެމީހުންނަށް ވިސްނިފައި އޮންނަނީ އެއީ އޭނާ ގަނެފައިވާ ތަކެތިކަމަށްވުމުން ނުވަތަ އޭނާ ކެއްކި ތަކެތިކަމަށްވުމުން އެއީ މައްސަލައެއް ނޫންކަމަށެވެ. އެކަން އޮތީ އެގޮތަކަށް ނޫނެވެ. އެއިރުންވެސް އެކުރެވެނީ ހަމަ އިސްރާފެވެ.  
އިސްރާފް ކުރުމަކީ ޙަރާމް ކަމެކެވެ. އަދި އިސްރާފްކުރާ މީހުން ދެކެ ﷲ ތަޢާލާ ލޯބިވެވޮޑިގެނެއް ނުވެއެވެ. މާނައަކީ އެއީ ﷲ ތަޢާލާ ރުހިވޮޑިގެންވާ ޢަމަލެއް ނޫނެވެ. އެތަކެތި ތިބާއަށް ގަނެވުނީ ﷲ ތަޢާލާ ތިބާއަށް ތަނަވަސްކަން ދެއްވެވުމުންނެވެ. ވީމާ ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާ ގޮތަށް ޢަމަލުކުރެވޭނަމަ ދެއްވަވާ ރިޒުޤް މަދުކުރައްވަވައިފާނެ ކަމަށް ބިރުވެތިވާށެވެ!  
ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ މި ބިސްފުޅުތައް މިގެނެސްދިނީ މި ބަސްފުޅުތަކުގެ މުހިންމުކަން ބޮޑުކަމުންނެވެ. ގިނަ ބައަކަށް ފަރުވާކުޑަކުރެވޭ ކަމަށްވާތީއެވެ. 
މިހާރަކަށް އައިސް ހާބަރު ކެފޭތަކުން އަދި އެނޫންވެސް ބައެއް ތަންތަނުން ކައި އުޅެނީ ބެފޭއިން އެމީހަކު ބޭނުންވަރަކަށް ނަގައިގެންނެވެ. ކިތަންމެ ގިނައިން ނެގިނަމަވެސް އަގުދައްކަން ޖެހެނީ އެއްވަރަކަށެވެ. އެހެންކަމުން ގިނައިން ނަގައި އިސްރާފްކުރާތަން ފެނެއެވެ. ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ފާހަގަކުރައްވާފައި އެވަނީ އެމައްސަލައެވެ.  
ބުފޭއަކުން ނަމަވެސް އިސްރާފުކުރުމަކީ ހަރާންކަމެއް!- ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ 
އަގު ދައްކައިގެން ކާ ބުފޭ އަކުން ކާއިރުވެސް ތިމާއަށް ނުކެވޭ ވަރަށް ތަށްޓަށް އަޅައި ކާތެކެތި އިސްރާފްކުރުމަކީ ހަރާމް ކަމެކެވެ.  
ބައެއް ރޯދަ ވީއްލުންތަކަށް ދާ މީހުން ކާތަކެތި ގިނައިން ނަގައި އިސްރާފްކުރެއެވެ. ނަމަވެސް އެއީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ރޯދައަށް ހުރުމަށްފަހު ރޯދަ ވީއްލާ ގަޑީގައި އިސްރާފްކުރުމަކީ އެކަމުގެ އަސަރު ރޯދައަށްވެސް ކޮށްފާނެ ކަމެކެވެ.  
ރޯދަ ވީއްލުންތަކަށް ގިނައިން މީހުން ދަނީ ކުރިއަށް އަގު ދައްކައި ކިތަންމެ ގިނަ ކާތަކެތި ބޭނުންކުރި ނަމަވެސް އިތުރު ފައިސާއެއް ދައްކަން ނުޖެހޭނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިގެންނެވެ. އެހެންކަމުން އިތުރަށް އަގު ދައްކަން ނުޖެހޭނެތީ ބައެއް މީހުން ކާތަކެތި ނެގުމުގައި ސަމާލުކަން ނުދެނީ އެވެ. ނަމަވެސް އެއީ އެގޮތަށް އިސްރާފްކުރުން ހުއްދަވާ ސަބަބެއް ނޫނެވެ. އިސްރާފްކޮށްފިނަމަ އެކަން ވާނީ ހަރާމްކަމަކަށެވެ.
- ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ  
ޑރ. ޢަބްދުލަމަޖީދު ޢަބްދުލްބާރީއަކީ ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރެވެ. އެމަނިކުފާނުގެ ވަޒީރުކަމުގައި ވަނީ އިސްލާމް ދީން ޙިމާޔަތްކުރުމަށާއި ދީނީ ހޭލުންތެރިކަން އިތުރުކުރަން ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރައްވައިފައެވެ.  
މަރްޙޫމްގެ ފުރާނައަށް އެންމެ ހެޔޮ ރަޙްމަތް ލެއްވެވުން އެދި ދުޢާކުކުރަމެވެ. އާމީން
 
 
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ