ވާހަކަ: ގަބުރުސްތާނު - ސާދަވަނަ ބައި

އިއްޔެގެ ބަޔާ ގުޅޭ
"އެކަމަކު އަހަރެން ކީކޭ ކިޔާފައި މީތި އޭނަގެ ހަށިގަނޑުގައި އަޅުވާނީ؟" ބަދޫރާ ސުވާލު ކުރި އެވެ. ނަސީފް ވިސްނާލި އެވެ.
"ބުނޭ ހަށި ރައްކަލަށް އަޅާ އެއްޗެކޭ. ބުނޭ މިއީ ވަރަށް ގިނަ މީހުން ކުރާ ކަމެކޭ. ދެން އެކި ވާހަކަ ދައްކައިގެން ވެސް ގަބޫލު ވޭތޯ ބަލާ. މާ ވަރަކުން ނާޅަން އުޅެންޏާ އޭނަ ނިދާ ބާލީސް ދަށަށް ތި ތަވީދު ލާފައި ބާއްވާ،" ނަސީފް ކިޔައިދިނެވެ.
"އެކަމަކު އެތަނަށް ލީމައި ކޮންމެ ވަގުތަކު ވެސް ބާލީސް ނަގައިގެން އޭނައަށް ފެންނާނެއެއްނު."
"އެހެންވެ މި ބުނީ ފުރަތަމަ އޭނަ ރުއްސައިގެން ތިކަން ވޭތޯ ބަލާށޭ. ނުރުހުމުގައި ވެސް ތި ކަން ޖެހޭނީ ކުރަން. އެހެން ނޫނީ އެ އިފުރީތު އެ މަންޖެ ރޮލާ ކާލާނެ،" ވިސްނައިދޭ ރާގެއްގައި ނަސީފް ބުންޏެވެ.
ނަސީފަކީ ވަރަށް ގިނަ ވައްތަރުގެ ފަންޑިތަ އާއި ސިހުރު ދަންނަ މީހެކެވެ. އިސްތިރި ވަރިތޮޅި އާއި މީހުން ކުރިއަރާތީ ކުރިމަރަން ހަދާ ސިހުރާއި މީހުންގެ ދުވަސް ދުއްވާލަން ހަދާ ސިހުރުގެ އިތުރުން ކުޑަކުދިންނަށް ހަދާ ސިހުރު ވެސް އޭނާ ދަނެ އެވެ. އަދި އެ ކަންކަން މީހުންނަށް ކޮށްދީ ވެސް ހަދަ އެވެ. އެކަމަކު އެއީ ވަރަށް ސިއްރުންނެވެ. ވަރަށް ބޮޑު އަގު ކިޔައިގެންނެވެ. އޭނާ މަޝްހޫރު ވެފައި އޮންނަނީ ފަންޑިތަވެރިއެއް ގޮތުގަ އެވެ. އަދި ދިވެހި ބޭހަށް މޮޅު މީހެއް ގޮތުގަ އެވެ. މަދު ބަޔަކަށް ފިޔަވައި އޭނާ ސިހުރު ހަދާ ކަމެއް ނޭނގޭނެ އެވެ.
"ދަރިފުޅާ! މަންމަ މި ދައްކަނީ ތެދު ވާހަކައެއް. ކިތަންމެ މީހުންނަކަށް އެ މަންޒަރު ފެނިގެން އެ ވާހަކަ އެބަ ދައްކާ. އަޅެ މަންމަ ބުނީތީ ބުޝްރީ ގާތުގައި އަހާބަލަ،" ހަލީމާ ބުންޏެވެ. ހަލީމާއަކީ ފަރީހާގެ މަންމަ އެވެ. ބުޝްރީގެ މައިދައިތަ އެވެ.
"އެކަމަކު މަންމާ! ޔަޒްދާއަކީ ބުޝްރީގެ ވެސް ރައްޓެއްސެއް. އޭނަ އެ ގެއަށް ދިޔުމަކުން އަހަރެންގެ އެއްވެސް މައްސަލައެއް ނެތޭ،" ފަރީހާ ބުންޏެވެ.
"ދަރިފުޅަށް މައްސަލައަކަށް ނުވިޔަސް މަންމައަށް އެއީ މައްސަލައެކޭ. މިހާރު ވެސް ދަރިފުޅުމެން ކައިވެންޏަށް ކިތައް އަހަރުވީ؟ އަދިވެސް ކުއްޖަކު ނުލިބޭ. މަށަށް ޔަގީން ތިއީ އެ ބުޝްރީގެ މައްސަލައެއްކަން."
"މަންމަ ދެން ދައްކާފާނެ ކޮންމެ ވާހަކައެއް ވެސް. ހަމަ އަހަރެންގެ މައްސަލައެއް ވެސް ހުރެދާނެއެއްނު،" ފޫހިވެފައި ފަރީހާ ބުންޏެވެ.
"ދަރިފުޅާ، ބުނަން ރަނގަޅު ވާހަކައެއް؟ އަޑެއް ކިއްޔާ ރެނދެއް ލާނެ. މަންމައަށް ޔަގީން އެ ދެ މީހުން ދޭތެރޭގައި ކޮންމެވެސް މެޓާގަނޑެއް އެބަ ހިލާ. އެހެން ނޫން ނަމަ ތުންތުންމަތިން ވެސް އެ އަޑެއް ނީވޭނެ،" ހަލީމާ ބުންޏެވެ. ހަލީމާ އިނީ ދުފާލާށެވެ. އެއީ އޭނާ އެންމެ ގިނައިން ކުރާ ކަންތަކެވެ. އަބަދުވެސް ހުންނާނީ ދުފުންގަނޑެއް ހިމުން ކުރުމުގަ އެވެ.
"އަންހެނަކު އެކަނި އުޅޭ ގެއަކަށް މާ ގިނައިން ފިރިހެނަކު ވަންނަންޏާ އޭގެ ނަތީޖާ ވަރަށް ހިތިވާނެ. އެ މަންޖެ އަކީ ދޮން ބަށްޓެއް ކަހަލަ ކުއްޖެއް. ފިރިހެނުން މަށަށް މަށަށް ގޮވާ ކަހަލަ ކުއްޖެއް. އެހެންވީމަ ތިހާ ވަރަށް ފިރިމީހާއަކަސް އިތުބާރު ކުރާކަށް ހެޔޮނުވާނެ،" ހަލީމާ ބެލީ ފަރީހާއާށް ވިސްނައިދެވޭތޯ އެވެ. "ދަރިފުޅު ވާހަކަ ނުދައްކަންޏާ ބުޝްރީއާ މަންމަ ވާހަކަ ދައްކަފާނަން."
"އުނހު. އަހަރެން ވާހަކަ ދައްކާނަން،" ވިސްނައިލަމުން ފަރީހާ ބުންޏެވެ.
ފަރީހާއަކީ ވަފާތެރި، ކިޔަމަންތެރި އަތްނބެކެވެ. ބުޝްރީ ގާތުގައި ދުވަހަކު ވެސް ޝަކުވާއެއް ނުކުރެ އެވެ. ކުދިކުދި ކުނި ޖެހެ އެވެ. އެއީ ކައިވެނީގެ ކުރީ ކޮޅުގަ އެވެ. އެކަމަކު ޒުވާބުކޮށެއް ނުހަދަ އެވެ. އެހެންކަމުން ބުޝްރީ ބޭނުންވީ ދެ އަތްނބަށް ޔަޒްދާއާ ކައިވެނި ކުރާށެވެ. ޔަޒްދާގެ އެއްވެސް ބަހެއް ނެތި އޭނާ ހުރީ ފަރީހާއާ އެ ވާހަކަ ދައްކަން ތައްޔާރު ވެގެންނެވެ. ފަރީހާއާ މެދުގައި ޝަކުވާ ކުރާނެ އެއްވެސް ޖާގައެއް އޭނައަކަށް ނުލިބެ އެވެ. ވަރިކުރާނެހާ ހިތްވަރު ނުލިބިގެން އުޅެނީ އެހެންވެގެންނެވެ. ބުޝްރީއަށް ވެސް ނޭނގި ހުއްޓައި ޔަޒްދާ ދެކެ ލޯބި ވެވުނެވެ. އެއީ ކޮން ކަހަލަ ލޯތްބެއް ކަމެއް އޭނައަކަށް ނޭނގެ އެވެ. ކޮންމެ ގޮތެއްގައި ވެސް ފަރީހާއާ ޖެހޭނީ އެ ވާހަކަ ދައްކާށެވެ.
"ފަރީ، އަހަރެން ބޭނުން ވާހަކައެއް ދައްކާލަން،" ބުޝްރީ އެހެން ބުނިއިރު ފަރީހާ އުޅުނީ އެނދުގެ ބެޑްޝީޓް ބަދަލު ކުރުމުގަ އެވެ.
"ކޮން ވާހަކައެއް؟ އަހަރެން ވެސް ބޭނުން ބުޝްރީއާ ވާހަކައެއް ދައްކާލަން،" ފަރީހާ ބުންޏެވެ.
"އެހެންތަ. ފުރަތަމަ ފަރީ ބުނެބަލަ."
"ބުޝްރީ ކީއް ކުރަން ރޭގަނޑު ދަންވަރު ޔަޒްދާމެން ގެއަށް ވަންނަނީ؟" ހިތްވަރުކޮށްފައި ފަރީހާ އަހައިލި އެވެ.
"އޭނ؟" ބުޝްރީ ހައިރާންވެފައި އެހި އެވެ. "ދަންވަރުއޭ؟ ތިއީ ކާކު ދެއްކި ވާހަކައެއް؟"
"ދެއްކި މީހެއް ނޫނެއްނު މުހިންމީ؟ އަހަރެން ބޭނުން ޖަވާބު،" އެހެންޏާ ވާހަކަ ނުދައްކާ ގޮތަކަށް ފަރީހާ ވާހަކަ ދެއްކި އެވެ.
"އަހަރެން ހުވާ ކުރަން ދަންވަރު އެ ގެއަށް ނުވަންނަންކަން،" ބޮލުގައި އަތުގެ ބޮޑުވާ އިނގިލި ޖައްސަމުން ބުޝްރީ ބުންޏެވެ. "ތި ދެއްކި މީހަކު ތި ވާހަކަ ތި ކީ އަހަރުމެން ދޭތެރޭގައި ފިތުނަ އުފައްދަން."
"ދަންވަރު ނުވަންނަންޏާ ދެން ކޮން ގަޑިއަކު ދަނީ؟" ފަރީހާ ހުރީ ދޫ ކުރާ ގޮތަކަށް ނޫނެވެ.
"ފަރީ،" އާދޭހުގެ ރާގެއްގައި ބުޝްރީ ގޮވާލި އެވެ. "މިތާ އިށީނދެބަލަ."
"އަހަރެން ކުރި ސުވާލުގެ ޖަވާބު ކޮބާ؟" ބާލީހަކަށް އުރައެއް ލައްވަމުން ފަރީހާ އަހާލި އެވެ.
"އަހަރެން އެ ގެއަށް ގޮސްލަނީ އޭނާގެ ހާލު ބަލައިލަން. އެއީ އަހަރެންގެ ވަރަށް ގާތް މީހެއްގެ އަތްނބަކަށް ވާތީ،" ބުޝްރީ ދައްކަން އުޅުނު ވާހަކަ ފޮރުވި އެވެ.
"ތި ނޫނަސް އޭނަގެ ހާލު ބަލާނެ މީހުން ތިބޭނެ. ކޮންމެހެން ނުޖެހޭ ކަންނޭނގެ ބުޝްރީ އޭނަގެ ހާލު ބަލަން ދާކަށް. މިއީ މަށަށް ވިސްނޭ ގޮތް. ތިހެން އުޅެން ހަދައިގެން މީހުންގެ ދުލަށް އެޅޭނީ. މީހުން ފާޑުފާޑުގެ ވާހަކަ ދައްކާނީ،" ފަރީހާ ބުންޏެވެ.
"މީހުން އެއްޗެއް ނުކިޔާ ގޮތަކަށް އުޅެވޭނެތަ؟" ބުޝްރީ އެހި އެވެ.
"އެހެންވީމައޭ އެ ގެއަށް ނުވަންނަންވީ. ބުޝްރީ ނޫނަސް އޭނަގެ ރައްޓެހިން ތިބޭނެ،" ކޮޓަރިން ނުކުންނަން ހިނގައިގަންނަމުން ފަރީހާ ބުންޏެވެ.
"ފަރީ މަޑުކޮށްބަލަ،" ބުޝްރީއަށް އެހެން ބުނެވުނު އިރު ފަރީހާ ކޮޓަރިން ނުކުމެފައި ދޮރު ލެއްޕި އެވެ. ބުޝްރީއަށް ވިސްނަން އިނދެވުނީ އެވެ. ނަސީފް ބުނާ ގޮތުން ނަމަ ޔަޒްދާ ސަލާމަތް ކުރެވޭނީ ކައިވެންޏެއް ކުރުމުންނެވެ. އެކަމަކު އޭނާގެ އުޅުން ވެސް ވަރަށް ބޮޑަށް ބަދަލު ކުރަން ޖެހެ އެވެ. އެ ހުރިހާ ކަމަކާ ބުޝްރީ ވިސްނި އެވެ. ބުޝްރީ ބޭނުންވަނީ ހަގީގަތުގައި ވެސް ޔަޒްދާއާ ކައިވެނި ކުރާށެވެ. އެކަމަކު އެއީ ޔަޒްދާ އެ ގޮތް ގަބޫލު ނަމަ އެވެ.
ޔަޒްދާ އިނީ ޝިފާޒްގެ އިންތިޒާރުގަ އެވެ. ގަޑިން ރޭގަނޑު ބާރަ ޖަހަނީ އެވެ. އެތައް އިރަކު އިންތިޒާރުގައި އިނދެފައި ގަބުރުސްތާނާ ދިމާލަށް ހިނގައިގަތެވެ. އެ ވަގުތު ޔަޒްދާއަށް ކޯލެއް އަ އެވެ. އަވަސް އަވަހަށް ބަލާލި އިރު ގުޅަނީ ބުޝްރީ އެވެ. ޔަޒްދާ ފޯނެއް ނުނެގި އެވެ. ތިން، ހަތަރު ފަހަރު ގުޅުމުން ވެސް ޔަޒްދާ ފޯނު ކަނޑައިލަނީ އެވެ. ބުޝްރީއަށް ޔަގީންވި ކަމަކީ ޔަޒްދާ ހޭލާ އުޅޭ ކަމެވެ. ނިދާފައި ނޫން ކަމެވެ. އެހެން ނޫން ނަމަ ފޯނު ކަނޑައެއް ނުލާނެ އެވެ. އިރުކޮޅެއް ފަހުން ޔަޒްދާއަށް މެސެޖެއް އަ އެވެ.
"ޔަޒޫ، ޕްލީޒް ފޯނު ނަގާބަލަ. ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން،" މެސެޖުގައި އޮތީ އެހެންނެވެ. އޭރު ޔަޒްދާ ހުރީ ގަބުރުސްތާނު ތެރޭގަ އެވެ. އެ މެސެޖަކަށް ޔަޒްދާގެ ސަމާލުކަމެއް ނުދެވުނެވެ. ފޯނު ނިއްވާލި އެވެ. އަދި ޝިފާޒްގެ މަހާނަ ކައިރިއަށް ދިޔަ އެވެ. އެތަނުގައި މަދުމަދުން ހުރީ ގަސް ފަޅާފަ އެވެ.
"ތި އިންތިޒާރު ކުރަނީ އަހަރެންނަށްތަ؟" ޝިފާޒްގެ އަޑު އިވުމާއެކު ޔަޒްދާ ފަހަތް ބަލާލި އެވެ. ދުވެފައި ގޮސް ބައްދާލި އެވެ. އުފަލުން ލޮލުން ކަރުނަ ފޭބި އެވެ.
"ކޮންތާކު ތި އުޅެނީ؟ ގެއަކަށް ވެސް ނާންނަމެއްނު،" ޝަކުވާގެ ރާގެއްގައި ޔަޒްދާ ބުންޏެވެ.
"މި އުޅެނީ ހަމަ މި ރަށުގައި. އަދި ގެއަށް ނުދެވިގެން މި އުޅެނީ. އަހަރެން މި ރަށުގައި އުޅޭކަން މާ ގިނަ މީހުންނަކަށް ނޭނގޭނެ. ޔަޒޫ ވެސް މީހުން ގާތުގައި ނުކިޔާތި އިނގޭ. އެހެން ނޫނީ އަހަރުމެން ދެ މީހުން ވަކި ކުރަން މީހުން މަސައްކަތް ކުރާނެ،" ޔަޒްދާގެ ސިކުނޑިތެރެއަށް އެރެމުން ޝިފާޒް ވާހަކަ ދެއްކި އެވެ.
"ކީއްވެ އަހަރުމެން ދުރު ކުރަން ބަޔަކު އުޅެނީ؟"
"އެއީ ވެސް ހަސަދަވެރިވާތީ. ބަޔަކު ހަމަޖެހިގެން ދިރިއުޅޭތަން ބަލާކަށް މީހުންނަކަށް ކެތެއް ނުވާނެ. ޔަޒޫ ވަރަށް ވިސްނައިގެން އުޅޭތި. އެންމެ ގާތް މީހުން ވެސް ތިމާއަށް ލަނޑު ދީފާނެ،" ވަރަށް ވިސްނުންތެރިކަމާ އެކު ޝިފާޒް ބުންޏެވެ.
"އަހަރެން ތި ކަންކަން ހަނދާން ބަހައްޓާނަން،" ހިނިތުންވެލާފައި ޔަޒްދާ ބުންޏެވެ. އަދި ގަބުރުސްތާނު ތެރޭގައި ހުރި ޗަންޕާޕޫލް ގަހެއްގެ ދަށުގައި އިށީނެވެ.
"ޔަޒޫ އަހަރެންނަށް އިތުބާރު ކުރަންތަ؟" ޔަޒްދާގެ ދަތްދޮޅީގައި ހިފައި އިސްއުފުލުވާލަމުން ޝިފާޒް ބުންޏެވެ.
-ނުނިމޭ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ