އެމެރިކަން އެއާލައިންސްގެ ބޯޓެއްގައި ރޯވެ 12 މީހުންނަށް އަނިޔާވެއްޖެ

އެމެރިކަން އެއާލައިންސްގެ ބޯޓެއްގައި ރޯވެ 12 މީހަކަށް އަނިޔާވެއްޖެއެވެ. ކޮލޮރާޑޯ ސްޕްރިންގްސް އެއާޕޯޓުން ޑަލަސް ފޯޓް ވޯތުއަށް ދަތުރުކުރި ފްލައިޓް 1006 އިމާޖެންސީގައި ޑެންވާ އެއާޕޯޓަށް ޖައްސާފައިވަނީ އިއްޔެ ހަވީރު 5:15 ހާއިރު ކަމަށާއި އިމާޖެންސީގައި ޖެއްސީ ބޯޓުގެ އިންޖީނަށް މައްސަލައެއް ދިމާވެފައިވާތީ ކަމަށް, ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި ބޯޓުގެ އިންޖީނުގައި އަލިފާން ރޯވީ ބޯޓު ޖައްސާފައި އޮއްވާކަމަށްވެސް އެފްއޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ. އެ މައްސަލަ އެފްއޭއޭ އިން އަންނަނީ ތަހުގީގުކުރަމުންނެވެ. އެ ބޯޓުން 172 ފަސިންޖަރުނާއި، ހަ ކްރޫއިން ދަތުރުކުރިއެވެ. ޑެންވާ އިންޓަނޭޝަން އެއާޕޯޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހޮސްޕިޓަލްތަކަށް ގެންދިޔަ އެންމެންނަށްވެސް ލިބިފައި ވަނީ ކުދިކުދި އަނިޔާ ކަމަށެވެ. އެމެރިކާގައި ފަހަކަށް އައިސް ވައިގެ ދަތުރުފަތުރުގެ ކާރިސާތައް ހިނގުން އަންނަނީ އިތުރުވަމުންނެވެ. މިފަހުން ހިތާމަވެރި އެފަދަ ހާދިސާތައް ހިނގައި މީހުންގެ ފުރާނަ ގެއްލިފައި ވެސް އެބަހުއްޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ