ފަވަރަ އާއި އިންޑިއާގެ ޔޫޕީއައި ގުޅާލުމުގެ މަސައްކަތް މަރުކަޒީ ބޭންކުން ފަށައިފި

ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ނިޒާމް "ފަވަރަ" އާއި އިންޑިއާގެ ޔޫޕީއައި ގުޅުވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބުނެފިއެވެ.
ރާއްޖޭގައި އޮންލައިން ޕޭމަންޓް ސިސްޓަމް ފުޅާކޮށް ވިޔަފާރިތަކަށް ފަހިވާނޭގޮތަށް އެ ނިޒާމް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާގޮތާ ބެހޭ މައުލޫމާތު ސާފުކުރުމަށް ރައްޔިތުން މަޖިލީހުން ފޮނުވި ސިޓީގެ ޖަވާބުގައި މަރުކަޒީ ބޭންކުން ވަނީ ޕޭމަންޓް ސިސްޓަމް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކާއި އަދި ކުރަމުންގެންދާ މަސައްކަތްތައް އެ ސިޓީގައި ހިއްސާކޮށްފައެވެ. އެގޮތުން ފައިސާގެ މުއާމަލާތްތައް ހައުލުއިކޮށް ދޭދޭ ބޭންކުގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތް ކުރެވޭނޭ މަގު ފަހިކޮށްދިނުމަށް 2023 ވަނަ އަހަރު ފަވަރަ ހިދުމަތް ތައާރަފްކުރެވުނުކަން ވަނީ ފާހަގަކޮށްފައެވެ.
މަރުކަޒީ ބޭންކުން ބުނީ ރާއްޖޭގެ ޕޭމަންޓް ސިސްޓަމް އިތުރަށް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތެއްގެ ގޮތުން އިންޑިއާގެ ޔޫޕީއައި އާ ފަވަރަ ގުޅުވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީގެ ބައިވެރިވުމާއެކު ރަސްމީކޮށް ފަށާފައިވާކަމަށެވެ. ޔޫޕީއައިއާ ފަވަރަ ގުޅުވާލައި ހިދުމަތް ފެށުމުން އަވައްޓެރި އިންޑިއާގެ ބޭންކް އެކައުންޓްތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފައިސާ ފޮނުވިގެންދާނޭކަމަށް އެމްއެމްއޭއިން ފާހަގަކުރިއެވެ.
އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް" (ޔޫ.ޕީ.އައި) ރާއްޖެއަށް ތަޢާރުފުކުރުމަށް އަދުގެ ސަރުކާރުން ނިންމެވީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. އެގޮތުން ޔޫ.ޕީ.އައި ތަޢާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމުކުރުމަށް އޭރު ވަޒީރުންގެ މަޖިލީހުން ނިންމާފައިވާއިރު، މި ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް ރައީސް ޑރ.މުއިއްޒު ވަނީ ނިންމަވާފައެވެ. 
ރައީސް ޑރ.މުއިއްޒު މިދިޔަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ، ރުޕޭ ކާޑް ރާއްޖޭގައި ބޭނުންކުރެވޭގޮތް އިފްތިތާހުކޮށްފައެވެ. އެގޮތުން މިހާރު ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލް އަދި އޭޓީއެމްތަކުގައި ރުޕޭކާޑް ބޭނުންކުރެވޭކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ