ނިންމުންތަކުގައި ރައްޔިތުން ޝާމިލުކުރެވޭނެ ގޮތްތައް ދެނެގަތުމަށް އިސްކަން ދޭނަން: މިނިސްޓަރު

ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި ރައްޔިތުން ޝާމިލުކުރެވޭނެ ގޮތްތައް ދެނެގަތުމަށް އޯޕަން ގަވަމަންޓް ޕާޓްނަޝިޕް (އޯޖީޕީ)ގެ ބައްދަލުވުމުގެ ތެރެއިން ޚާއްސަ އިސްކަމެއް ދެއްވާނެ ކަމުގައި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އޯޖީޕީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފިލިޕީންސަށް ފުރާވަޑައިގަތުމުގެ ކުރިން ބައެއް މީޑިއާތަކާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޯޖީޕީ ބައްދަލުވުމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހާމަކަމާއި ދެމެހެއްޓެނެވި ތަރައްގީއާއި ކައުންސިލްތަކުގެ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި މިންހެޔޮ ސަރުކާރެއް ހިންގުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މި ބައްދަލުވުމުގެ ތެރެއިން އެކި ގައުމުތަކުގައި ލާމަރުކަޒީ ނިޒާމު ކާމިޔާބު ކަމާއެކީ ހިންގާފައިވާ ގޮތް ދެނެގަނެ، އެ ބަދަލުތައް ރާއްޖެއަށް ގެނެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ހަމައެހެންމެ ކައުންސިލްތަކުގެ ނިންމުތަކުގައި ރައްޔިތުން ޝާމިލުކުރެވޭނެ ގޮތްތައް ދެނެގަތުމަށްވެސް މި ބައްދުލުވުމުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
"ކައުންސިލްތަކުން ނިންމާ ނިންމުންތަކުގައި ރަށު ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށްޓަަކައި އަޅުގަނޑުމެންނަށް މަސައްކަތްކުރެވޭނެ ގޮތްތަކާއި މި ނިޒާމުގައި ހުރި މައްސަލަތައް ދެނެގަންނާނީ ކިހިނެއްކަމާއި ނިޒާމު އޮތްގޮތަށް ބަލާއިރު ބަދަލެއް ގެންނަންޖެހޭނަމަ ގެނެވޭނެ ބަދަލުތައް ދެނެގަތުމަށް މަޝްވަރާކުރަން ޚާއްސަ އިސްކަމެއް ދޭނަން،" މިނިސްޓަރު ވިދާޅުވިއެވެ.
އޯޖީޕީ ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ބައްދަލުވުމުގައި އެކި ޤައުމުތަކުގެ ވެރިން ބައިވެރިވެ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ