ދެ މިނިސްޓްރީ އެއްކޮށްލުމުން ޓޫރިޒަމާއި ތިމާވެއްޓަށް ފައިދާ ބޮޑުވާނެ: ޠާރިގު
ޓޫރިޒަމާއި އެންވަޔަމެންޓް މިނިސްޓްރީ އެއްކޮށްލުމުން، އެ ދެ ދާއިރާއަށް ވެސް މާ ފައިދާ ބޮޑުވާނެކަމަށް މިނިސްޓަރު ޠާރިގު އިބްރާހީމް މިރޭ ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި، މިނިސްޓަރު ކަމަށް ޠާރިގު އައްޔަން ކުރެއްވީ މިދިޔަ ހޮނިހިރުގައެވެ. މި ކަމާ ގުޅޭ ގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޠާރިގު ވިދާޅުވީ މިހާރު ދުނިޔޭގައި ސަސްޓެއިނެބަލް ނުވަތަ ދެމެހެއްޓެނިވި ފަތުރުވެރިކަން ވަރަށް މަގުބޫލް ކަމަށެވެ. އޭގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ އަދާކުރާ ދައުރަށް ވެސް މިނިސްޓަރުގެ ވާހަކައިގައި އަލިއަޅުވާލެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ މުހިންމު އެއް ވަސީލަތަކީ ގުރުދަތުން ރާއްޖޭގެ ސަރަހައްދަށް ލިބިފައިވާ ރީތި ކަމެވެ. މިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ގެނައި ބަދަލާއެކު، ތިމާވެއްޓާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމުން، ފުރުސަތުތައް ގިނަ ވެގެންދާނެ ކަމަށެވެ. އަދި ސަރުކާރަށާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް މަސައްކަތްކުރާ ފަރާތްތަކަށް ވެސް މި ކަމުގެ ސަބަބުން ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ. "އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދެ ވުޒާރާ އެއްކޮށްލީމާ މީގައި ލިބޭ ފައިދާތައް ވަރަށް ބޮޑު. ބައެއް ފަރާތްތަކުން ވިދާޅުވޭ ކިހިނެއް ހެއްޔޭ ޕޮލިސީ ކަންތައް ހަދާނީ، މިސާލަކަށް ގޯސްކޮށް ކަމެއް ކުރަންޏާ އެ ކަންތައްތައް ބަލަހައްޓާނީ... އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގޯސްކޮށް ކަންތައް ނުކުރަން އަޅުގަނޑުމެންނަށް ފުރުސަތު މާ ގިނަ ދެބައި އެކުވެގެން މަސައްކަތް ކުރީމަ،" މިނިސްޓަރު ވިދާޅުވިއެވެ. ޓޫރިޒަމާއި އެންވަޔަރަމެންޓް މިނިސްޓްރީ އެއްކޮށްލުމަށްފަހު، ޠާރިގު މަގާމާ ހަވާލުވެ ވަޑައިގެންނެވިތާ މިއަދު މިއީ ފަސްވަނަ ދުވަހެވެ. އޭނާ ވިދާޅުވީ މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް ޓޫރިޒަމް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއެކު ގިނަ ބައްދަލުވުންތަކެއް މިހާރު ވެސް ބާއްވައި، މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. މީގެ ތެރޭގައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ އިތުރުން ބޯޓިން އެސޯސިއޭޝަން ހިމެނެއެވެ. މިނިސްޓަރު ވިދާޅުވީ ގޮތުގައި ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި އިތުރު ފަރާތްތަކާއެކު ބައްދަލު ކުރައްވާނެއެވެ. "އަޅުގަނޑު މި ދަނީ އެ ބޭފުޅުންގެ އަޑުއަހަމުން، އިހުސާސްތައް ދެގެނަންނަމުން. ކޮބައިތޯ ޓޫރިޒަމްގެ ނެކްސްޓް ލެވެލްއަކީ، ރާއްޖެ މާކެޓުކޮށް ޕޮޒިޝަން ކުރާނީ ކޮން ގޮތަކަށްތޯ، ކޮބައިތޯ މާކެޓިންގައި އަޅުގަނޑުމެން ދާންވީ ދާއިރާތަކަކީ. މި ހުރިހާ ކަމެއްގައި ވެސް އަޑުއަހަމުން މިދަނީ. އެއަށް ބޭސްކޮށްފައި އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ފަރާތްތަކުން އެދޭ އެންމެ މުހިންމު ކަމަކީ މިނިސްޓްރީގެ ތެރެއިން އަވަހަށް ކަންކަން ހަމަޖެހިގެން ދިއުމެވެ. އޭގެ ތެރޭގައި ޑީޓެއިލް ޑިޒައިންގެ މަސައްކަތްތައް އަވަސްކޮށްދިނުން ހިމެނެއެވެ. ޓޫރިޒަމް މިނިސްޓްރީ އެންވަޔަމެންޓް މިނިސްޓްރީއާ އެއްކޮށްލެއްވީ ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ފައިސަލް މަގާމުން ވަކި ކުރެއްވުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ފައިސަލްގެ މިނިސްޓަރުކަމުގައި މިދިޔަ އަހަރުވަނީ ސަރުކާރުން ކަނޑައެޅި ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒު ހާސިލްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ