އދ.ގެ އަންހެނުންގެ ކޮމިޝަނަށް ފުރަތަމަ ފަހަރަށް ރާއްޖެ އިންތިހާބުވެއްޖެ

އދ.ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލްގެ ދަށުން އުފައްދާފައި އޮންނަ، ކޮމިޝަން އޮން ދަ ސްޓޭޓަސް އޮފް ވިމެން (ސީއެސްޑަބްލިޔޫ) އަށް ރާއްޖެ މިއަދު އިންތިހާބުވެއްޖެ އެވެ.އިކޮސޮކްގައި މިއަދު ބޭއްވި އިންތިހާބު ރާއްޖޭން ކާމިޔާބުކޮށްފައިވާއިރު، މިއީ އަންހެނުންގެ ކޮމިޝަނުގައި ރާއްޖެ ތަމްސީލްކުރާނެ ފުރަތަމަ ފަހަރެވެ.ރާއްޖެ އިންތިހާބުވެފައިވަނީ ކޮމިޝަންގެ 2026 އިން ފެށިގެން 2030 އަށް ކުރިއަށް ދާނެ ދައުރަށެވެ.އެކަމާ ގުޅިގެން 'އެކްސް'ގައި ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އދ.ގެ ސީއެސްޑަބްލިއުއަށް އިންތިހާބުވުމަކީ ރާއްޖެއަށް ލިބުނު ބޮޑު ފަހުރެކެވެ. އަދި އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި އިންތިހާބުވި ހުރިހާ ގައުމުތަކަށް އެ މަނިކުފާނު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.ރައީސް ވިދާޅުވީ އެ ކޮމިޝަންގައި އަންހެނުންގެ ހައްގުތަކާއި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށެވެ.ރައީސް ވިދާޅުވި ގޮތުގައި އަންހެނުންގެ ހައްގުތައް ކުރިއެރުވުމުގައި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ބޮޑެތި ކުރިއެރުންތަކެއް ރާއްޖެއިން ވަނީ ހޯދާފަ އެވެ.އެ ކޮމިޝަންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ހުރިހާ ބައިވެރިންނާ އެކު މަސައްކަތް ކުރުމަށް އުންމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ އެ ކޮމިޝަނަށް ރާއްޖެ އިންތިހާބުވުމަކީ މިންތީގެ ހަމަހަމަކަން ކުރިއެރުވުމާއި ހާސިލުކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުމުގެ ހެއްކެއް ކަމަށެވެ. ރާއްޖެއިން ވަނީ އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް އަބަދުވެސް ވަކާލާތުކޮށް، އަދި ތަފާތު ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ސިޔާސަތުތައް އެކުލަވާލައި، ގާނޫނަށް އިސްލާހުތައް ގެނެސްފައި ކަމަށް ހަލީލު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ