ގާނޫނު ހިންގުމުގައި ތަފާތުކުރާނަމަ މުގުރައިލެވެނީ ގާނޫނުގެ ހުކޫމަތު!

ޒަމާނީ ޑިމޮކްރެޓިކް ދައުލަތެއްގެ އެންމެ މުހިއްމު އެއް އަސާސަކީ އެންމެންގެ މައްޗަށް އެއް ހަމައަކުން ގާނޫނުގެ ހުކޫމަތު ހިންގުމެވެ. އިނގިރޭސި ބަހުން ރޫލް އޮފް ލޯ ނުވަތަ ގާނޫނުގެ ވެރިކަން ކަމަށް ބަޔާންކުރާ އުސޫލެވެ. މިއީ ޒަމާނީ ދައުލަތްތައް އެ މައްޗަށް ބިނާވާ މަބްދައެއް އެކަންޏެއް ނޫނެވެ. މިއީ އިސްލާމީ ޝަރީޢަތުގައި ސަރީހަ ނައްސުން ބަޔާންވެފައި އޮތް އުސޫލެކެވެ. ސަލާމާއި ސަލަވާތް ލެއްވުނު މާތް ނަބިއްޔާ އެކަލޭގެފާނު ނުހަނު ލޯބިފުޅުވާ ދަރިކަނބަލުން ފާޠިމަތުގެފާނު ވައްކަން ކުރެއްވިޔަސް އަތް ކަނޑުއްވާނެ ކަމުގައި ޙަދީސްކުރެއްވީ މި މަބްދައުގެ އަސާސް ބަޔާންކޮށްދެއްވުމަށެވެ. އެއީ ގާނޫނާއި ޝަރީއަތް އެއް ހަމައަކުން އެންމެންގެ މައްޗަށް ތަންފީޒުކުރުމުގެ އަސާސެވެ. ބާރުވެރިންނާއި ވެރިންނާއި ތަނަވަސް މީހުން ކުށްކުރުމުން، ނިކަމެތިން ކުށްކުރުމުން ދޭ އަދަބު ނުލިބޭ މުޖުތަމައެއްގައި ގާނޫނުގެ ހުކޫމަތެއް ނޯންނާނެއެވެ. އެފަދަ މުޖުތަމައެއްގައި އޮންނާނީ ބާރު އޮތް ބައެއްގެ ހުކޫމަތެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބަޔާންކުރަނީ، ޤާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމަށާއި، ޤާނޫނުގެ ރައްކާތެރިކަމާއި ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެވެސް ޙައްޤެއް ކަމަށެވެ. މިދެންނެވި މާއްދާގައި އެބަޔާންކުރާ އުސޫލަކީ ޤާނޫނީ ހުކޫމަތުގެ އަސާސެވެ. ބިންގަލެވެ. އެންމެންގެ މައްޗަށް އެއްހަމައަކުން ޤާނޫނުތައް ތަންފީޒުކޮށް ހިންގުމެވެ. މާލޭގެ ގެއެއްގެ މަތިން ޖެހިގެން ހުރި ގޭގެ ފުރާޅަށް ޒުވާން އަންހެނަކު ވެއްޓުނު މައްސަލައެއް ފެންމަތިވެ، އެ މައްސަލާގައި ޝާމިލުވާ ބައެއް މީހުންގެ ނަންތަކާއި ވަނަވަރު އާއްމުވެގެން އައީ ދިވެހި ފުލުހުންގެ ހިދުމަތުން އެ ހުރިހާ ތަފުސީލުތައް ވަންހަނާކޮށްފައިވަނިކޮށެވެ. އެ ތަފުސީލުތައް ހާމަވެ އާއްމުން ރުޅިގަދަވެ ހޯބޯލަވަން ފެށުމުން ކުއްލި ގޮތަކަށް ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ފުލުހުން މައްސަލައިގެ ބައެއް ތަފުސީލުތައް ހާމަކުރިއެވެ. މި ތަފުސީލުތަކުގެ ތެރެއިން އެނގުނު ކަންކަމަށް ބަލާއިރު، އެ އަންހެންކުއްޖާއަށް އެލިބުނު އަނިޔާ ލިބުމުގެ ކުރިން ބަޔަކާ އެއްކޮށް ވަގުތު ހޭދަކުރިއެވެ. އެ ކުއްޖާ ވެއްޓުނު ގެޔަށް އޭނާއާއެކު ވަން ޒުވާން ފިރިހެންކުއްޖާ ހުރީ މަސްތުގެ ހާލަތުގައިކަން ކަށަވަރުވިއެވެ. އަދި އޭގެ ކުރިން އެމީހުންނާއެކު ތިބި މީހުންވެސް މަސްތުވާތަކެތި ބޭނުންކުރިކަމަށް ބެލެވޭނެ ބައެއް ސަބަބުތައް ފުލުހުން ނޫސްވެރިންނަށް ދެއްކި ވީޑިޔޯތަކަށް ފުންކޮށް ވިސްނައިލި ކޮންމެ މީހަކަަށްވެސް ފެންނާނެއެވެ. އެ ކުއްޖާ ފުރާޅުމަތިން ވެއްޓުނީތޯ ބަޔަކު ނުވަތަ މީހަކު ވައްޓައިލީތޯ އެއީ މިލިޔުމުގެ ބޭނުމަށް ކޮންމެހެން ބަހުސްކުރަން ބޭނުން މައުޟޫއެއް ނޫނެވެ. ނަމަވެސް، އެ ކުއްޖާ ފުރާޅުން ވެއްޓުމުގެ ކުރިން ހިނގި ކަންކަން އެއީ ގާނޫނުގެ އިމުގެ ތެރެއިން ހުއްދަ ކަންތައްތަކެއްތޯ ނޫންތޯ ވިސްނައިލަންޖެހެއެވެ. މަސްތުވުމަކީ ދިވެހިރާއްޖޭގެ ގާނޫނުތައް މަނާކުރާކަމެކެވެ. ދެޖިންސުގެ މެދުގައި އިސްލާމީ ޝަރީޢަތުގެ ގިއުގަނޑުތަކުން ބޭރުން ގުޅުންތައް ބޭއްވުމަކީ ގާނޫނު ހުއްދަނުކުރާ ކުށެކެވެ. މިއިން ކޮންމެ ކަމެއް ތަޖުރީމުކޮށް ކުށުގެ ގޮތުގައި ކަނޑައަޅާފައިވާ މާއްދާތައް ގާނޫނުލް އުގޫބާތާއި މަސްތުވާތަކެއްޗާ ބެހޭ ގާނޫނު ފަދަ ޖިނާއީ އެކި ގާނޫނުތަކުގައި ވަރަށް ތަފުސީލުކޮށް ބަޔާންވެފައި އެބަހުއްޓެވެ. އެއީ އާއްމު މައުލޫމާތަށްވާތީ ކޮންމެ މާއްދާއެއް ވަކިން ތަފުސީލުކޮށް ބަޔާންކުރުމުގެ ބޭނުމެއް އޮތްކަމަށް ނުދެކެވެ. މައްސަލައިގެ ތަހުގީގުގެ ތެރެއިން އަންހެންކުއްޖާއާއެކު އެންމެ ފަހުން ވަގުތު ހޭދަކުރި ގިނަ ބަޔަކު ދިވެހިރާއްޖޭގެ ގާނޫނުތަކުގައި ކުށްކަމަށް ބަޔާންކޮށް އަދަބު ކަނޑައަޅާފައިވާ އެތައް ކަމެއްގައި ޝާމިލުވެގެން އުޅުނުކަމަށް ތުހުމަތުވާ މިންވަރަށް ފުލުހުންނަށް ހެކި ގަރީނާ ލިބުނުކަން ފުލުހުންގެ ވާހަކައިން ސާފުވެއެވެ. ނަމަވެސް އެއިން މީހަކު ހައްޔަރެއް ނުކުރެއެވެ. ހައްޔަރުކުރުން އެއްފަރާތުގައި ބޭއްވުމަށްފަހު، ތަހުގީގު މަރުހަލާއަށް އެއްބާރުލުން ދިނުމަށް އިންކާރުކޮށް، ޔޫރީން ސާމްޕަލް ދިނުމަށް އިންކާރުކުރުމުން ގާނޫނުގައި އެކަމަށް އިންކާރުކުރުމުން އަޅަން އޮންނަ ފިޔަވަޅުވެސް ފުލުހުން އެޅިކަމެއް އެނގޭކަށް ނެތެވެ. ކްރިމިނަލް ކޯޓުގެ އަމުރުތައް ބަލައި ކިޔައި އުޅޭ އެންމެނަށްވެސް ފެންނާނެ އެއް ހަގީގަތަކީ ކެނަބިސް ބޭނުންކުރުމުގެ ތުހުމަތުގައި މީހުން ހައްޔަރުކޮށް ކޯޓަށް ހާޒިރުކޮށް ފުލުހުން އެދިގެން އެފަދަ މީހުން ބަންދުގައި ބައިތިއްބާ ކަމެވެ. ނަމަވެސް މި މައްސަލާގައި އަންހެންކުއްޖާއާއެކު އޭނާ ފުރާޅުން ވެއްޓުމުން އެންމެ ފަހު ހިނދުކޮޅުތައް ހޭދަކުރި ޒުވާން ފިރިހެނާ ކެނަބިސް ބޭނުންކޮށް މަސްތުވިކަން އެނގުނަސް އޭނާއާމެދު އަމަލުކުރީ ތަފާތުކޮށެވެ. މި މައްސަލައިގެ ތެރެއިން ފެނިގެން މިދިޔައީ ގާނޫނުގެ ކުރިމަތީގައި ކުށްކުށުގެ ތުހުމަތުވުމުން އެކި މީހުންނާމެދު އެކި ގޮތަށް އަމަލުކުރުމުގެ ސަގާފަތް އަދިވެސް ދިވެހިރާއްޖޭގައި އަށަގަނެފައި އޮތް ކަމެވެ. ގާނޫނީ ހުކޫމަތު ނުހިނގާ ކަމެވެ. މަސްތުވުމާއި އެއާ ގުޅިފައިވާ ކުށްކުށުގައި ބައެއް ޒުވާނުން ހައްޔަރުކުރާއިރު، ހަމަ އެކުށްތަކަށް އަރައިގަންނަ އަނެއްބައި ޒުވާނުން ހައްޔަރުކޮށް އެމީހުންނާމެދު ތަހުގީގެއްވެސް ނުހިންގާ ކަމެވެ. ފުރާޅު މައްޗަށް ވެއްޓުނު ޒުވާނާއަށް އިންސާފު ލިބެންޖެހެއެވެ. އެކަމާމެދު ޝައްކެއް ނެތެވެ. ހަމައެއާއެކު ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމަވާ ގޮތަށް ގާނޫނު ތަންފީޒުކުރެވޭކަން ކަށަވަރުކުރެވެންޖެހެއެވެ. އަދުލު އިންސާފަކީ އެކި މީހުންނަށް އެކި ގޮތަށް ލިބޭ އެއްޗަކަށް ވެގެންނުވާނެއެވެ. މިއީ މިއަދުގެ ޖީލުގެ ޒުވާނުންގެ ވަކާލާތެވެ. އަދުލު ގާއިމުކުރުމުގައި ޖިނާއީ ތަހުގީގުތައް ހިންގުމުގައި އިޖުތިމާއީ އިގުތިސާދީ ފުރުސަތުތައް ގާނޫނުން ފޯރުކޮށްދިނުމުގައި ހަމަހަމަކަން ގާއިމުކުރުމުގެ ވަކާލާތެވެ. މިވަކާލާތަށް ބީރު ކަންފަތެއް ދީގެން އޮންނަ ސަރުކާރަކަށް މި ޖީލުގެ ޒުވާނުން ނޫނެކޭ ބުނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ