ބޭރަށްދާން އުޅޭއިރު އަނބިން ސުވާލުތައް ކުރާތީ އޮތީ ރުޅިއައުމެއް ނޫން! އެއީ ލޯބިވާ އަނބިން ކުރާ ކަމެއް!

ފިރިން ޢާންމުކޮށް ވަކި ވަޤުތުތަކަކަށް ގޮސްއުޅޭ ތަންތަން އަނބިންނަށް އެނގޭނެއެވެ. ވީމާ އެއިން ތަނަކަށް ދާންއުޅޭއިރު ސުވާލެއް ނުކުރާނެއެވެ. ނަމަވެސް އެދަނީ ކޮން ތަނަކަށް ނުއެނގޭ ތަނަކަށް ދާން ނުކުންނަނަމަ ސުވާލުކުރާނެއެވެ. ދަނީ ކޮން ބައަކާއިއެކުގައިތޯވެސް ސުވާލުކުރާނެއެވެ.
ބައެއް ފިރިންނަށް މިކަން ވަނީ މައްސަލައަކަށެވެ. އެހެންވެ ރުޅިއައިސް ނުބައި ބަސްތައް ބުނެއެވެ. ދާކޮންމެ ތަނެއް އޮޅުން ފިލުވަން އުޅެނީ ކީއްވެގެންތޯ ސުވާލުކުރެއެވެ. ދާ ތަންތަން ބުނަން ނުޖެހޭނެ ކަމަށްވެސް ބުނެއެވެ.
މިއީ ކުރެވޭ ރަނގަޅު ކަމެއް ނޫނެވެ. އަނބިން އެސުވާލުތައް އެކުރަނީ ތިބާ ދެކެ ލޯބިވާތީއެވެ. ގޮސް އުޅޭތަންތަން އެނގެން ބޭނުންވާތީއެވެ. އެތަނަކަށް ގޮސްގެން ފިރިމިހާއަށް ދެރައެއް ލިބެން ބޭނުންނުވާތީއެވެ.
އެކުގައި އުޅޭ މީހުންނާއިމެދުގައިވެސް ސުވާލުކުރަނީ ހަަމ އެސަބަބަށްޓަކައެވެ. ނުބައި މީހަކާއި އެކުވެރިވެގެން އުޅޭނަމަ އޭނާ ފަދަ ނުބައި މީހަކަށް ބަދަލުވެދާނެ ކަމުގެ ބިރަށެވެ. އޭނާކުރާ ފަދަ ފާފަތައް ކުރާ މީހަކަސްބަދަލުވެދާނެ ކަމުގެ ބިރަށެވެ.
ވީމާ އަނބިމީހާ ސުވާލުކޮށްފިނަމަ ދާތަނަކާއި ބޭރުގައި ހޭދަކުރާނީ ކިހައި ވަޤުތެއްކަން ބުނެދޭށެވެ. އަދި އެނބުރި އަންނަން ބުނާ ވަޤުތަށް އެނބުރި އަންނާށެވެ. ލަސްވާނަމަ ގުޅާލާފައި އެވާހަކަވެސް ބުނާށެވެ. އެއީ އެއްވެސް ޙާލެއްގައި އަނބިދަށުވުމެއް ނޫނެވެ. އެކަން އެގޮތަށް ކުރާނަމަ ދެމަފިރިންގެ މެދުގައި އޮންނަ އިތުބާރު ބޮޑުވެގެންދާނެއެވެ. އެކަމުގެ ސަބަބުން ލޯބިވެސް އިތުރުވާނެއެވެ. އިން ޝާ ﷲ. އަދި އެކަންކަން ހިމެނިގެންވަނީ ރިވެތި އަޚްލާޤްގެ ތެރެއިންވެސްމެއެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ