ރިތޭޝްގެ ތާރީޚީ ފިލްމު އަންނަ އަހަރު ސިނަމާތަކަށް ގެންނަން ތައްޔާރު ވަނީ
ބޮލީވުޑްގެ އެކްޓަރު ރިތޭޝް ދޭޝްމުކް ފިލްމު ޑައިރެކްޝަނަށް ނުކުތުމަށްފަހު ގެނެސްދޭ ދެވަނަ ފިލްމު އަންނަ އަހަރު ރިލީޒްކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފިއެވެ. ޖިއޯ ސްޓޫޑިއޯ އާއި ރިތޭޝްގެ އަމިއްލަ ފިލްމު ކުންފުނި މުމްބާއީ ފިލްމު ކޮމްޕެނީ ގުޅިގެން ގެނެސްދޭ ތާރީޚީ ފިލްމުގެ ނަމަކީ "ރާޖާ ޝިވާޖީ"އެވެ. ލީޑް ރޯލްއިން ރިތޭޝް ފެންނާނެ މި ފިލްމަކީ އިންޑިއާގެ މަރާޓީ ޝާހީ އާއިލާގެ ރަސްކަލެއް ކަމަށްވާ ޗަތުރަޕަތީ ޝިވާޖީ މަހާރާޖްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. އަންނަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު ރިލީޒްކުރާނެކަން އިއުލާނުކޮށްފައިވާ މި ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ އިންޑިއާގައި އާއްމުކޮށް ވާހަކަ ދައްކައި އުޅޭ ހަ ބަހުރުވައަކުންނެވެ. މަރާޓީ އިންޑަސްޓްރީގެ ތަރިންނާ އެކު ބޮލީވުޑްގެ ތަރިންވެސް ހިމެނޭ މި ކާސްޓުގައި ސަންޖޭ ދަތު، އަބީޝެކް ބައްޗަން، މަހޭޝް މަންޖްރެކަރު، ސަޗިން، ބަގިޔާޝްރީ، ފަރުދީން ޚާން އަދި ޖެނީލިއާ ވެސް ހިމެނެއެވެ. ރިތޭޝް އާއި ޖެނީލިއާ ގުޅިގެން ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރި ފުރަތަމަ މަރާޓީ ފިލްމު "ވެދް"ގެ މަންޒަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ އިންޑިއާގެ ތާރީޚުގައި ހިނގާފައިވާ މުހިއްމު ހާދިސާތަކެއް ގެނެސްދޭ މި ފިލްމަކީ އިންޑިއާގައި މިހާތަނަށް އުފަންވި އެންމެ ވަރުގަދަ ބަތަލުންގެތެރޭ ހިމެނޭ ޝިވާޖީ މަހާރާޖްގެ ދިރިއުޅުން ވަރަށް ރަނގަޅަށް ކިޔައިދޭނެ ފިލްމެއް ކަމަށް ފިލްމު އެނަލިސްޓު ތަރަން އަދަޝް ވަނީ ބުނެފައެވެ. ޝިވާޖީ މަހާރާޖް ފަދަ އަދިވެސް އިންޑިއާގެ ރައްޔިތުންގެ ހިތުން ފޮހެވިގެންނުދާ ފަދަ ޝަހުސިއްޔަތެއްގެ ވާހަކަ ކިޔައިދެވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށް ރިތޭޝް ވަނީ ބުނެފައެވެ. މި ފިލްމަކީ ބަތަލާ ޖެނީލިއާއާ އެކު ވަރަށް ކުރިން ވުޖޫދަށް ގެންނަން ނިންމި ފިލްމެއް ކަމަށާއި ފިލްމަކަށްވުރެ ބޮޑަށް މިއީ އިހުސާސެއް ކަމަށް ރިތޭޝް ވަނީ ބުނެފައެވެ. މީގެކުރިންވެސް ރިތޭޝް އާއި ޖެނީލިއާ ގުޅިގެން ވަނީ މަރާޓީ ފިލްމެއް ޑައިރެކްޓްކޮށްފައެވެ. އެއީ 2022 ވަނަ އަހަރު ދެ ތަރިން އެކީގައި ފެނިގެންދިޔަ ފިލްމު "ވެދް"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ