މުއިއްޒަށް ރޯދަމަސް ނިމޭހިސާބު ނުފެނިގެން ބޮޑުތަކުރުފާނުމަގު ނުފެށިފަ!

ރައީސް މުއިއްޒަށް މިއަހަރުގެ ރޯދަމަސް އަދިވެސް ނުނިމެއެވެ. މުއިއްޒަށް ރޯދަމަސް ނިމުނުނަމަ ރޯދަމަސް ނިމޭތަނުން ފަށަށް ބުނި މަސައްކަތެއް ވިއްޔާ އޮންނާނީ ފަށާފައެވެ. ފަހަރުގައި ރޯދަމަސް ނިމޭ ހިސާބު އަދި ނުފެނިގެން އުޅެނީވެސް ތޯއްޗެކެވެ. 
މުއިއްޒު ވެރިކަމުގައި އެންމެ ފުރަތަމަ ހިންގާ ނިންމި މެގަ ޕްރޮޖެކްޓަކީ މާލޭ ބޮޑުފާލަމެވެ. އަހަރަކަށްވުރެ ގިނަ ދުވަހުން ނިންމި ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ފަޅާލި އެންމެ ބޮޑު އެއްކަރައަކީ މާލޭ އުތުރުފަރާތު ބޮޑުތަކުރުފާނު މަގުހެދުމުގެ ވާހަކައެވެ. 
ކޮޅަކަށް ދެ ލޭނު އޮންނަގޮތަށް މޫދުންވެސް ބައެއް ނަގައި ޝީޓުޕައިލްކުރެވި މަގު ފުޅާކުރެވޭނެ ކަމަށް މުއިއްޒު ބުންޏެވެ. އަޑީގައި ހުންނަންޖެހޭ ހުރިހާ ނިޒާމެއް ހުންނަގޮތަށް ތަރައްގީކުރެވި ތާރުއަޅާނެ ކަމަށްވެސް ބުންޏެވެ. ރަނގަޅު ފެންވަރަކަށް މަގު ހެދުމުގެ މަސައްކަތް ރޯދަމަސް ނިމޭތަނުން ފެށި މިއަހަރު ނިމެންވާއިރަށް ނިންމާ ހުޅުވާނަމޭވެސް ބުންޏެވެ. 
ކާރޫބާރޫ ބޮޑު، ބޮޑުތަކުރުފާނުމަގުން ހެންވޭރު ފެރީޓާމިނަލާއި ބޮޑުފާލަމާ ދޭތެރެ ޗައިނާ ސަރުކާރުން ހިލޭ އެހީގައި ހަދާދޭ ވާހަކަ ވަރަށް ބާރަށް ދެއްކި އަޑުއެހީމެވެ. އާހިރުގައި ދިވެހި ސަރުކާރުގެ ހަރަދުގައި އެމްޓީސީސީން ކުރާ މަސައްކަތަކަށް އެމަސައްކަތް ވަނީ ބަދަލުވެފައެވެ. 
މަގު ހެދުމަށް ބޭނުންވާ ހުރިހާ ފައިސާއެއް ހަމަޖެހިފައި ވާކަމަށް ވެސް މުއިއްޒު އެ ކަރާ ފަޅާލިއިރު ބުންޏެވެ. ބޮޑުފާލަން ހުޅުވުމުގެ ގޮތުން މިއަހަރުގެ ފެބްރުއަރީމަހު ދެއްކިވާހަކައިގައި  ކޮޅަކަށް ދެ ލޭނު އޮންނަ ގޮތަށް މޫދުންވެސް ބައެއް ނަގައި ޝީޓުޕައިލްކުރެވި މަގު ފުޅާކުރެވޭނެ ކަމަށް ބުނި ފަހުން ހަތަރު މަސް ދުވަސް ވަނީއެވެ. އަމަލީ މަސައްކަތުގެ ހިލަންވެސް ނެތެވެ. 
ހުރިހާ މަސައްކަތް ނިންމާ މިއަހަރު ނިމެންވާއިރަށް މަގު ހުޅުވާނެ ކަމަށް ބުނިއިރު އަހަރު ނިމެން އޮތީ އެންމެ ހަތް މަސްދުވަހެވެ. ފާލަމެއް އަޅާލަން އަހަރަކަށްވުރެ ގިނަ ދުވަސްވީ ސަރުކާރަށް ބޮޑުތަކުރުފާނުމަގުން ހެންވޭރު ފެރީޓާމިނަލާއި ބޮޑުފާލަމާ ދޭތެރެ އެބުނާ ފެންވަރެއްގައި ހެދޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ރޯދަމަސް ނިމޭ ހިސާބުގައި ފަށާނެކަމަށް ބުނި މަސައްކަތުގެ ބިސްމިވެސް ބޮޑުއީދު އައިސް ބޯމަތި ވީއިރު އަދި އޮތީ އަޅާނުލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ