ދޫކޮށްލި ރައުދު އަލުން ހައްޔަރު ކޮށްފި، ސަބަބެއް ނުބުނޭ

ހެންވޭރު ގެއެއްގެ ފުރާޅު މައްޗަށް ހައްވާ ޔުމްނު ނަމަކަށް ކިޔާ އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރު ކުރި ރައުދު އަހުމަދު ޒިލާލް ދޫކޮށްލުމަށް ފަހު އަލުން ހައްޔަރު ކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރައުދުގެ ބަންދު ދެމެހެއްޓުމުން އޭނާގެ ފަރާތުން ހައި ކޯޓުގައި އޮތީ މައްސަލަ އިސްތިއުނާފު ކޮށްފައެވެ.
ނަމަވެސް، މިއަދު ހައި ކޯޓުން ނެރުނު އެ މައްސަލައިގެ ނިންމުމުގައި ބުނެފައިވަނީ އިސްތިނާފްގެ މައްސަލަ އަނބުރާ ގެންދިއުމަށް ރައުދުގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި މައްސަލަ އަނބުރާ ގެންދިޔުމަށް ރައުދު ހުށަހަޅާފައިވަނީ، އިސްތިއުނާފް ކުރި ބަންދު އަމުރުގެ ދަށުން އޭނާ ބަންދުގައި ހުއްޓާ، މިއަދު ހެނދުނުގެ ވަގުތެއްގައި ދޫކޮށްލުމުން ކަމަށެވެ.
އެހެންކަމުން، އެ އިސްތިއުނާފް މައްސަލަ ބާތިލުކޮށްފައިވާ ކަމަށް ހައިކޯޓްގެ އަމުރުގައިވެއެވެ. ރައުދު ދޫކޮށްލިކަން އެނގުނީ އެ އަމުރުންނެވެ.
ނަމަވެސް އެކަން މީޑިއާތަކުން ހާމަކުރިތާ ކުޑައިރުކޮޅެއްގެ ފަހުން ފުލުހުން ވަނީ ރައުދު ހައްޔަރު ކޮށްފަ އެވެ. ދޫކޮށްލި ސަބަބެއް ވެސް އަދި އަލުން ހައްޔަރު ކުރި ސަބަބެއް ވެސް ފުލުހުން ނުބުނެ އެވެ.
ޔުމްނު ވެއްޓުނު މައްސަލާގައި ރައުދު ހައްޔަރުކުރީ މިދިޔަ މަހުގެ 24ވަނަ ދުވަހުގެ ރޭ 18:20ގައެވެ. އެފަހުން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް، އެންމެ ފުރަތަމަ އޭނާގެ މައްޗަށް ޖެހީ ފަސް ދުވަހެވެ.
އޭގެފަހުން، އިތުރު ދިހަ ދުވަސް ޖަހައި، އެ މުއްދަތު ހަމަވުމުން ފަސް ދުވަސް ޖަހެމަށްފަހު، މިދިޔަ ބުރާސްފަތި ދުވަހު ވަނީ 20 ދުވަސް އިތުރުކޮށްފައެވެ. މިއަދު ހެނދުނު އޭނާ ދޫކޮށްލީ އެ މުއްދަތު ހަމަ ނުވަނީސް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ