ޗާގޯސް ރަށްތައް މޮރިޝަސްއާ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފި
އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮންނަ ޗާގޯސް ރަށްތަކުގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުކުރުމުގެ އެއްބަސްވުމައިގެން ކުރިއަށް ގެންދިއުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ކޯޓަކުން ދީފިއެވެ. ކޯޓުން އެގޮތަށް ހުއްދަ ދީފައި ވަނީ މޮރިޝަސް އަށް ޗާގޯސް ހަވާލުކުރުން ހުއްޓުވުމަށް އެދި ޗާގޯސްއަށް ނިސްބަތްވާ ދެ މީހުންގެ ފަރާތުން އިނގިރޭސި ސަރުކާރާ ދެކޮޅަށް ލަންޑަންގެ ހައި ކޯޓަށް ހުށަހެޅި މައްސަލައިގައި ނެރުނު ވަގުތީ އަމުރަކުންނެވެ. އެ މީހުން ވަކާލާތުކުރަނީ އެ ތަން ޗާގޯސްގައި ކުރިން ދިރިއުޅުނު މީހުންނަށް ދިނުމަށެވެ. އަދި އެތަން މޮރިޝަސްއަށް ދޫކުރަން ނިންމާފައި ވަނީ އެތާގައި ކުރި އުޅުނު މީހުންނާ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް ކަމަށް އެމީހުން ބުނެއެވެ. ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ގެންގޮސްފައެވެ. އޭގެ އެއް އަހަރު ފަހުން، 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކޯޓުން ނެރުނު ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު އޮންނާނީ މޮރިޝަސް އަށް ކަމަށެވެ. އެ ނިންމުމާއެކު އިނގިރޭސިވިލާތުން ވަނީ ޗާގޯސް ސިޔާދަތީ ބާރުތައް މޮރިޝަސްއަށް ދޫކުރުމަށް ނިންމާފައެވެ. ނަމަވެސް އެކަމުގެ އެއްބަސްވުމެއްގައި އަދި ސޮއިކޮށްފައި ނުވެއެވެ. ޗާގޯސް މޮރިޝަސްއަށް ދޭން ނިންމީ، އިނގިރޭސިވިލާތް އަދި އެމެރިކާއިން ހިންގާ ޑިއޭގޯ ގާސިއާ އަސްކަރީ މަރުކަޒު އެތަނުގައި ހިންގުމުގެ ފުރުސަތު ދޭ ގޮތަށެވެ. އެގޮތުން މަދުވެގެން 99 އަހަރަށް އިނގިރޭސިންގެ ކޮންޓްރޯލުގެ ދަށުގައި އެތަން ބޭއްވުމަށް ވަނީ ޝަރުތުކޮށްފައެވެ. އިނގިރޭސިވިލާތުން ވަނީ އެ ރަށް އެމެރިކާގެ އަސްކަރީ ބޭނުމަށް ކުއްޔަށް ދޫކޮށްފައެވެ. ޗާގޯސްގެ ރަށްތައް މޮރިޝަސް އަށް ދިނުމަށް އެއްބަސްވެފައި މިވަނީ އެތައް އަހަރެއްގެ މަޝްވަރާތަކަށްފަހުއެވެ. ޗާގޯސް މައްސަލައިގައި އިނގިރޭސި ސަރުކާރާ ދެކޮޅަށް ދައުވާ ކުރި ދެ މީހުން. ފޮޓޯ/ރޮއިޓާސް ޗާގޯސް ރަށްތަކަކީ 1814 ވަނަ އަހަރުން ފެށިގެން އިނގިރޭސިންގެ ކޮންޓްރޯލްގެ ދަށުގައި އޮތް ރަށްތަކެކެވެ. 1960 އާއި 1970 ގެ އަހަރުތަކުގައި ވިއެޓްނާމް، އިރާގު އަދި އަފްޣާނިސްތާނުގައި އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތަކުގައި މުހިންމު ދައުރެއް އަދާކުރި އެމެރިކާގެ އަސްކަރީ މަރުކަޒަށް ޖާގަ ދިނުމަށްޓަކައި އިނގިރޭސިވިލާތުން ވަނީ އެ ރަށްތަކުން މީހުން ބާލުވާފައެވެ. އޭރު އެތަނުގެ އާބާދީއަކީ ގާތްގަޑަކަށް 2،000 މީހުންނެވެ. ޗާގޯސް ރަށްތަކުގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 2،100 ކިލޯމީޓަރު (1،300 މޭލު) ދުރުގައި އޮންނަ އެފްރިކާގެ ގައުމެއް ކަމަށްވާ މޮރިޝަސް އޮންނަނީ އިންޑިއާ ކަނޑުގެ މަޑަގަސްކަރައިގެ އިރުމަތީ އައްސޭރީގައެވެ. ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ކަމަށް ބައިނަލްއަގުވާމީ ކޯޓުން ނިންމި ނިންމުމާއެކު، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިން ވަކިކުރުމަށް އިޓްލޮސްއަށް ހުށަހެޅި މައްސަލާގައި އެ ކޯޓުން ވެސް ވަނީ އެ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް ނިންމުން ދަމަހައްޓާފައެވެ. އަދި މޮރިޝަސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ބައިކޮށްފައެވެ. އިޓްލޮސްގެ ނިންމުން އިސްތިއުނާފު ކުރުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށްވާއިރު، ޗާގޯސް މައްސަލަ ކުރިއަށްގެންދަން ސަރުކާރުން ކޮމިޓީއެއް އެކުލަވައިލައިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ