މިނާވަރު ނަގަނީ ގާނޫނާ ހިލާފަށް؛ ބާކީ 6 އަހަރު އެބަ އޮތް

މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ކުންފުންޏަކަށް ދީފައިވާ ނ. މިނާވަރު އަތުލަނީ ދެފަރާތް ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުމާ ހިލާފަށް އަދި ގާނޫނީ ގޮތުން ސުވާލު އުފެދޭ ބޮޑެތި ކަންތައްތަކެއް ހުއްޓާކަމަށް އެ ކުންފުނިން ބުނެފި އެވެ. 
އެނގުން މުހިންމު - ސިޔާމްގެ އިމްޕެކްސް ފިޝަރީޒް ކިޔާ ކުންފުންޏަކަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން އެ ރަށް ކުއްޔަށް ދީފައި ވަނީ:
6 ފެބްރުއަރީ 2010 ގައި 21 އަހަރު ދުވަހުގެ މުއްދަތަކަށް؛ ބާކީ 6 އަހަރު އެބަ އޮތް  
މިދިޔަ ހޯމަ ދުވަހު އެ ކުންފުންޏަށް މިނިސްޓްރީން އަންގާފައި ވަނީ މިނާވަރުގައި ހުރި އުފުލޭ މުދާ 14 ދުވަސް ތެރޭ ހުސްކޮށް އެ ރަށް މިނިސްޓްރީއާ ހަވާލުކުރަން 
މިނިސްޓްރީން ބުނީ އެ ރަށް އަތުލަނީ ކުއްޔަށް ދީފައިވާ އެއްބަސްވުމާ އިމްޕެކްސް ފިޝަރީޒް އިން ހިލާފުވެފައި ވާތީ ކަމަށް؛ އެގޮތުން ވެލިޔުއެޑިޝަން އާއި ޕްރޮސެސިންގެ މަސައްކަތް އެ ރަށުގައި ނުކުރާ ކަމަށް ބުނި   
ކުންފުނީގެ ބަސް - އެ ތުހުމަތުތަކާ ގުޅިގެން އިމްޕެކްސް ފިޝަރީޒް ކުންފުނީގެ އިސް އޮފިޝަލަކު 'ދައުރު'އަށް މިއަދު ވިދާޅުވީ މިނިސްޓްރީން އެ ރަށަށް އިންސްޕެކްޝަނަށް ދިޔައީ އޮގަސްޓް މަހުގެ ތެރޭގައި ކަމަށެވެ. އަދި އެ އިންސްޕެކްޝަންގެ ރިޕޯޓް ހޯދަން އޮގަސްޓް މަހު ގުޅުމުން މިނިސްޓްރީން ދިން ޖަވާބަކީ މައްސަލައެއް އުޅޭ ނަމަ ކަންތައްތައް ފާހަގަކޮށް ރިޕޯޓް ހިއްސާކުރާނެ ކަމަށެވެ.
"އެކަމަކު އެ ބޭފުޅުން ރިޕޯޓެއް ނުފޮނުއްވާ. އެހެންވެ އަޅުގަނޑުމެން ހީކޮށްގެން ތިބީ މައްސަލައެއް ނެތީކަމަށް،" އޭނާ ވިދާޅުވި އެވެ. 
އޭގެ ފަހުން، އެޕްރީލް 21ގައި މިނިސްޓްރީގެ ފަރާތުން ސިޓީއެއް ލިބުނު ކަމަށާއި އެ ސިޓީގައި އެގްރިމަންޓާ އެއްގޮތަށް ކަންކަން ރަނގަޅުކުރަން 30 ދުވަހުގެ މުއްދަތެއް ދިން ކަމަށް އޮފިޝަލް ވިދާޅުވި އެވެ. އެއީ، ފަހު 10 އަށް ސަރުކާރު ބަންދުކުރުމުގެ އެއް ދުވަސްކުރި އެވެ. 
"ބަންދު ދުވަސްތައް ވެސް ހިމެނޭ ގޮތުން 30 ދުވަސް ދިނީ. އެކަމަކު ވެސް އަޅުގަނޑުމެން ކޮންސަލްޓެންޓެއް ނަގައިގެން ފާހަގަވި ކަންކަން ރަނގަޅުކޮށް ހެދިން،" އޮފިޝަލް ވިދާޅުވި އެވެ.
އެއަށް ފަހު، އެ މުއްދަތުގެ ތެރޭ މިނިސްޓްރީއަށް އެކަން އެންގުމުން، މިނިސްޓްރީގެ ޓީމެއް އެޕްރީލް 24ގައި އަނެއްކާ ވެސް މޮނިޓަރިންއަށް ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއަށް ފަހު ވެސް ކަންތައްތަކެއް ގޯސްކޮށް ހުރިކަން ކުންފުންޏަށް އަންގާފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 
"ދެން ކުއްލިއަކަށް މިދިޔަ ހޯމަ ދުވަހު ސިޓީއެއް މި ފޮނުވަނީ ކަންކަން ރަނގަޅު ނުކުރީމާ 14 ދުވަހުގެ ނޯޓިސް ދީފައި ރަށުގައި ހުރި އުފުލޭ މުދާ ހުސްކުރަން. އަދި އެ މުއްދަތުގައި ނުގެންގޮސްފިއްޔާ ރަށުގައި ހުރި މުދަލަކީ ދައުލަތުގެ އެއްޗެއް ކަމަށް ބުނެ،" އޮފިޝަލް ވިދާޅުވި އެވެ. 
އިމްޕެކްސް ފިޝަރީޒްގެ އޮފިޝަލް ވިދާޅުވީ އެގްރިމަންޓާއި އެއާ ގުޅުންހުރި އެހެން ގާނޫނުތަކަށް ބަލާއިރު ދިގު މުއްދަތަށް ކުއްޔަށް ދީފައިވާ ރަށެއް މިލިޓަރީ ބޭނުމަށް ނޫން ގޮތަކަށް ނަގާ ނަމަ ދެ އަހަރުގެ ނޯޓިސް ދޭން ޖެހޭނެ ކަމަށެވެ. އަދި ބަދަލު ދިނުމަކާ ވެސް ނުލާ އެ ނޫން ގޮތަކަށް މިނާވަރު ނެގުމަކީ ގާނޫނުތަކާ ހިލާފަށް ސަރުކާރުން ކުރާ ކަމެއްގެ ގޮތުގައި އެ ކުންފުނިން ދެކެ އެވެ. 
އެ ރަށް އަތުލުން ހުއްޓުވުމަށް ކޯޓަށް ދިޔުމަށް އެ ކުންފުނިން މިހާރު ވަނީ ނިންމައިފަ އެވެ. 
އޮފިޝަލް ވިދާޅުވީ ދެ އަހަރުގެ ނޯޓިސް ނުދޭ ނަމަ އިންވެސްޓްމަންޓުގެ ބަދަލު ސަރުކާރުން ދޭން ޖެހޭނޭ ކަމަށެވެ. 
ސިޔާމްގެ އިމްޕެކްސް ކުންފުންޏަށް، އެ ރަށް މީގެ ކުރިން ގެންގުޅުނު ފަރާތުން ގަނެފައި ވަނީ މިލިއަނެއްހާ ޑޮލަރު (15 މިލިއަނެއްހާ ރުފިޔާ) ހަރަދުކޮށްގެން ކަމަށް އެ ކުންފުނިން ބުންޏެވެ. 
އޮފިޝަލް ވިދާޅުވީ ގޮތުގައި އެ ރަށުގައި އޯގެނިކްކޮށް ތިމާވެއްޓާއި ރަށްޓެހި ދަނޑުވެރިކަން ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއްކޮށް އެކަމަށް ބޭނުންވާ އިމާރާތްތަކާއި އެހެން ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ. އަދި އެ ރަށުގައި ހައްދާ ދަނޑުވެެރިކަމުގެ ބާވަތްތައް އެ އަތޮޅުގައި ހިންގާ ސިޔާމްގެ ދެ ރިސޯޓަށް ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ރަށުގެ އޯގެނިކް ދަނޑުވެރިކަން ޓޫރިސްޓުންނަށް ދައްކާލާ ހަދާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ސިޔާމްގެ ދެ ރިސޯޓް އެ ރަށާ ވަރަށް ކައިރީގައި އޮންނާތީ ވަރަށް މުހިންމު ރަށެއް ކުންފުންޏަށް އެއީ. އަނެއްކާ އެއީ ހަމަ ލާޖު ސްކޭލްގައި ދަނޑުވެރިކަން ކުރާ ރަށެއް. އަނެއްކާ އެތަނުގައި ހައްދާ ދަނޑުވެރި ސާމާނު ސަޕްލައި އެ ކުރަނީ އެ ރިސޯޓްތަކަށް ވެސް،" އޮފިޝަލް ވިދާޅުވި އެވެ. 
މީގެ ކުރިން ސިޔާމްއަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައިވާ ދ. އުއްދޫ ވެސް ބަދަލު ދިނުމަކާ ނުލާ ސަރުކާރަށް ވަނީ ނަގައިފަ އެވެ.
ގުޅުންހުރި - ސިޔާމްގެ ރަށްތަކެއް ސަރުކާރަށް އަނބުރާ މި ނަގަނީ ރައީސް މުހައްމަދު މުއިއްޒާއި ސިޔާމްއާ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދުނު ފަހުންނެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ރައީސް މުއިއްޒު ބޭއްވެވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެމަނިކުފާނު ވިދާޅުވީ ހިޔާލު ތަފާތުވުންތަކަކާ ހުރެ ސިޔާމްގެ އެމްޑީއޭ ސަރުކާރު ކޯލިޝަންގައި ނުހިމެނޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ