ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ހެކިބަސް ދިން، ހައިކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސެއިން މުހައްމަދު ހަނީފުއަށް ފެނަކައިން މަތީ މަގާމެއް ދޭން ސަރުކާރުން ނިންމާފައިވާކަން އެނގިއްޖެ އެވެ.
ހަނީފްއަށް ފެނަކައިން ދޭން ނިންމާފައި ވަނީ ސީދާ ކޮން މަގާމެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ފެނަކައިން ހަނީފްއަށް ވަޒީފާ ދޭން ނިންމާފައިވާކަން އެ ކުންފުނީގެ އޮފިޝަލެއް ވެސް އަދަދު އަށް ކަށަވަރު ކޮށްދެއްވި އެވެ.
ފެނަކައިން ވަޒީފާ ދޭން ނިންމުމާއެކުު ހަނީފް މިހާރު ވަނީ އޭނާ ހުރި މަގާމުން އިސްތިއުފާ ދެއްވާފައި ކަމަށް އެކަމުގެ މައުލޫމާތު އެނގޭ މީހަކު ކަށަވަރު ކޮށްދެއްވި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރަލްދާ އާއި މަހާޒް އަލީ ޒާހިރުގެ އިތުރުން އެ ކޯޓުގެ ފަނޑިޔާރުކަމުން މިހާރު އިސްތިއުފާ ދީފައިވާ ހުސްނުއްސުއޫދު ސަސްޕެންޑު ކުރީ ހައި ކޯޓުގެ ރެޖިސްޓްރާގެ މަގާމުގައި ހަނީފް ހުންނެވިއިރު، މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓަށް ލިބެންޖެހޭ މުހިންމު ލިޔެކިޔުންތަކެއް ފޯރުކޮށްދިނުމަށް އޭނާ ދެކޮޅު ހަދައިގެން ސުޕްރީމް ކޯޓަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުވި މައްސަލައިގަ އެވެ.
އިތުބާރު ހުރި މަސްދަރުތަކުން އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ދެ ފަހަރެއްގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހަނީފް ހާޒިރު ކުރި އެވެ. އެއީ ފަނޑިޔާރުންގެ މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް ނިންމި ކޮމިޓީއަށާއި މައްސަލައިގެ ތަހުގީގަށެވެ.
މައްސަލައިގެ ތަހުގީގުގައި ހަނީފް ދެއްވި ބަޔާނުގައި ތިން ފަނޑިޔާރުންނާ ދެކޮޅަށް ހެކިބަސް ދެއްވި ކަމަށް އެނގިފައިވެ އެވެ.
ނަމަވެސް އެ މައްސަލަ މިހާރު އޮތީ ހުއްޓިފަ އެވެ. އެ މައްސަލައިގެ ތަހުގީގު ނިމުނު ނަމަވެސް، އަދި އެ މައްސަލައިގައި ޖަވާބުދާރީ ވާން ފަނޑިޔާރުންނަކަށް ނާންގަ އެވެ.
ފަނޑިޔާރުކަމުން އަޒްމިރާލްދާ އާއި މަހާޒް ވަކި ކުރަން ނިންމާފައި ވަނީ، އަޒްމިރާލްދާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންނަށް އަޒްމިރަލްދާ އާއި މަހާޒް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގަ އެވެ.
ނަމަވެސް މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރު އޮތް ތުހުމަތު ބަދަލުވެފައިވާ ކަމަށް އެ ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ މައުލޫމާތު ދީފަ އެވެ.
އެ ގޮތުން އަޒްމިރާލްދާގެ މައްސަލަ ބަލަމުންދާ ކަމަށް ޖޭއެސްސީން ފޮނުވި ސިޓީގައި އޮތީ އެ ކޮމިޝަނުން ބަލަމުން ދަނީ، އޭނާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންނަށް އަޒްމިރާލްދާ ފޯނުން ގުޅުއްވައި ނުފޫޒު ފޯރުވި މައްސަލަ ކަމަށެވެ.
ނަމަވެސް މި މައްސަލައިގައި ޖޭއެސްސީގެ ކުޑަ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި އޮތީ، އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކި ކުރަން ފެންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރު މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި ކަމަށެވެ.
އޭގެ އިތުރުން މި މައްސަލައިގައި، ދެ ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް ވެސް ޖޭއެސްސީގެ ކޮމިޓީން ވަނީ ނިންމާފަ އެވެ. ދިފާއުގައި ފަނޑިޔާރުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް އެ ކޮމިޓީން ނިންމި ސަބަބެއް ކަމަށް ބުނީ، އެ ހެކި ހުށަހެޅިޔަސް މައްސަލައިގައި ނިންމާފައިވާ ގޮތަށް ބަދަލެއް ނާންނާނެ ކަމަށް ބުނެ އެވެ.
ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ޖޭއެސްސީން ނިންމީ އާދިއްތަ ދުވަހެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން ކޮމިޓީއަށް ފޮނުވީ ހޯމަ ދުވަހު އެވެ. ކޮމިޓީން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ނިންމީ ޖޭއެސްސީން ފޮނުވި ރިޕޯޓާއި ލިޔެކިޔުންތައް ދިރާސާ ކުރުމަށް ފަހު އެ މައްސަލައިގެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނެ ގޮތެއް ނިންމުމަށެވެ. އޭގެފަހުން އެ ކޮމިޓީގެ ބައްދަލުވުމެއް އަދި ބާއްވައިފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ބަޔާންދިން ހަނީފްއަށް ފެނަކައިގެ އިސް މަގާމެއް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ދެކޮޅަށް ބަޔާންދިން ހަނީފްއަށް ފެނަކައިގެ އިސް މަގާމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ