އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހަމަނުޖެހުން ބޮޑުވެ، ހަމަލާ ބަދަލުކުރަން ފެށުމާ އެކު ޕާކިސްތާނުގައި ކިޔަވަން ގޮސް އުޅޭ ދިވެހި ދަރިވަރުން އަނބުރާ ރާއްޖެއަށް އާދެވޭނެ ގޮތެއް ނެތި، އާއިލާތަކުން އެހީއަށް އެދެން ފަށައިފި އެވެ.
ބުނީ ކީކޭ؟ - ޕާކިސްތާނުގެ ހާލަތު މިހާރު އޮތް ގޮތާއި ދަރިވަރުންގެ ނުތަނަވަސްކަމާ މެދު ކަންބޮޑުވުން ފާޅުކޮށް، ޕާކިސްތާނުގައި ޑޮކްޓަރުކަމުގެ އިންޓާންޝިޕް ހަދަން ހޮސް ހުރި ދަރިވަރެއްގެ އާއިލާ މީހަކު ފޭސްބުކްގައި ވަނީ ޕޯސްޓެއް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ:
ޕާކިސްތާނުގެ ހާލަތު ހުރި ގޮތުން އެ ގައުމުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުން ރާއްޖެއަށް އެނބުރި އައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް
ނަމަވެސް އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީއަށް ގުޅައިގެން އަދި އެއްވެސް އެހީތެރިކަމެއް ނުލިބޭތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައި
"މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީއަށް ގުޅައިގެން ވެސް މާ ބޮޑު އެއްޗެއް ސާފުވާގޮތެއް ނުވޭ. ފަހުން ނުވެސް ގުޅުނު،" ފާތިމަތު ޝިމްލާ ނަމަކަށް ކިޔާ އެކައުންޓަކުން ކުރި އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
"އެ ކުދިންނަށް އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ގޮތެއް ހޯދައިދެވިދާނެތޯ އަދި ސަރުކާރު އިދާރާތަކުން މިކަމާ ގުޅިގެން އެއްވެސް ކަމެއް އެބަ ކުރޭތޯ ވެސް ޗެކްކޮށްލަން ބޭނުން. ވަރަށް ގިނަ އާއިލާތައް އެބަ ތިބި ހަބަރެއް ނުލިބި، ހަދަންވީ ގޮތެއް ނޭނގިފައި."
އޭގެ ފަހުން ލިބުނު އަޕްޑޭޓެއްގެ ގޮތުގައި އެމްބަސީއިން އޭނާއަށް ގުޅި ކަމަށާއި މައުލޫމާތު ހިއްސާކުރި ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.
ނަމަވެސް އެއާސްޕޭސް ބަންދުކޮށްފައިވާތީ އެއްވެސް ފްލައިޓެއް ނެތް ކަމުގެ ކަންބޮޑުވުން އިތުރު ޕޯސްޓެއްގައި އޭނާ ވަނީ ހިއްސާކޮށްފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީއާ ސުވާލުކުރުމުން ބުނީ ދިވެހި ދަރިވަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން އަޅާ ފިޔަވަޅުތައް ފަހުން ހާމަކުރާނެ ކަމަށެވެ.
އެނގުން މުހިންމު - އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ނުތަނަވަސްކަން ބޮޑުވީ މިދިޔަ މަހު 22ގައި ކަޝްމީރުގައި ދިން ޓެރަރިސްޓު ހަމަލާއެއްގައި 26 މީހަކު މަރުވުމާ ގުޅިގެންނެވެ.
ފަތުރުވެރިންނަށް އަމާޒުކޮށް ދިން އެ ހަމަލާއަކީ ޕާކިސްތާނުގެ ބައިވެރިވުން އޮތް ހަމަލާއެއް ކަމަށް އިންޑިއާއިން ތުހުމަތު ކުރި ނަމަވެސް ޕާކިސްތާނުން އެކަން ދޮގުކުރެ އެވެ.
އެ ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިންޑިއާއިން ވަނީ 'އޮޕަރޭޝަން ސިންދޫރު'ގެ ނަމުގައި އަސްކަރީ އޮޕަރޭޝަނެއް ފަށައި، ޕާކިސްތާނާއި އެ ގައުމުން ބަލަހައްޓާ ކަޝްމީރުގެ އެކި ސަރަހައްދުތަކަށް ވައިގެ މަގުން ހަމަލާތަކެއް ދީފަ އެވެ.
އެ ހަމަލާތަކުގެ ރައްދު ދޭނެކަން ޕާކިސްތާނުން ޔަގީންކޮށް ބުނެފައިވާއިރު، ޕާކިސްތާނުން ވަނީ އޭގެ ފަހުން އިންޑިއާގެ ޖެޓުތަކެއް ވައްޓާލާފަ އެވެ.
ޕާކިސްތާނުގައި ތިބި ދިވެހި ދަރިވަރުން ބިރުން؛ ރާއްޖެ އަންނަން އެދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ